ކަރަބާއޮ ކަޕްގެ ފައިނަލުގައި ލިވާޕޫލާއި ނިއުކާސަލްގެ ކުރިމަތިލުމެއް
ކަރަބާއޮ ކަޕްގެ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ޖާގަ ހޯދައިފިއެވެ. ފައިނަލުން ލިވަޕޫލް ޖާގަ ހޯދީ ސެމީ ފައިނަލްގައި 4-0 ގެ ތަފާތަކުން ޓޮޓްނަމް ހޮޓްސްޕާ ބަލިކޮށްފައެވެ. ދެ ޓީމު ބައްދަލުކުރި ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ޓޮޓްނަމުން ވަނީ 1-0 އިން ލިވަޕޫލް ބަލިކޮށްފައެވެ. އެކަމަކު، ރޭގެ މޮޅާ އެކު އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެން ފައިނަލްގެ ޖާގައެއް ހޯދީ ލިވަޕޫލުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލިވަޕޫލަށް ލީޑު ނަގައިދިނީ 34 ވަނަ މިނެޓުގައި ކޯޑީ ގަކްޕޯއެވެ. ދެވަަނަ ލަނޑު މެޗުގެ 51 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ. ތިންވަނަ ލަނޑު 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑޮމިނިކް ސަބޯޒްލާއިއެވެ. ފަހު ލަނޑު 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ވާޖިލް ވެން ޑައިކެވެ. ފައިނަލްގައި ލިވަޕޫލް ބައްދަލުކުރާނީ އާސެނަލް ބަލިކޮށް ފައިނަލުން ޖާގަ ހޯދި ނިއުކާސްލް ޔުނައިޓެޑާއެވެ. މެޗުން ބަލިވުމުން 17 އަހަރު ވަންދެން މުބާރާތެއް ހޯދަން ޓޮޓްނަމުން ކުރަމުން އައި އިންތިޒާރު މި ވަނީ އިތުރަށް ދިގުލައިގެން ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ