ބޮޑު ދެ އިންތިހާބު އެކުގައި ބޭއްވުމަށް މަޖިލީހަށް ބިލް ހުށަހަޅަން ތައްޔާރުވެއްޖެ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ހުށަހަޅާ އިސްލާހުގެ ބިލް މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މަޖިލިސް މިއަހަރަށް ހުޅުވުމަށްޓަކައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ހުށަހަޅާ އިސްލާހުގެ ބިލަކީ މިއަހަރު ސަރުކާރުން މަޖިލީހަށް ހުށަހަޅާ އެންމެ މުހިއްމު އެއް ބިލް ކަމަށެވެ.
މި ދެ ބިލާ އެކު ރިޔާސީ ދައުރު ނޮވެމްބަރު 11 ގައި ފެށުމަށް ގާނޫނުއަސާސީއަށް ހުށަހަޅަންޖެހޭ އިސްލާހުގެ ބިލާ މެދު ރައްޔިތުންގެ އާންމު ވޯޓަކަށް ދިއުމަށްޓަކައި އެކަމާ ގުޅޭ ބިލްވެސް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ އާންމު ވޯޓު ނަގަންޖެހޭ ގޮތްތައް ކަނޑައަޅައިދޭ ބިލެއްވެސް ސަރުކާރުން މަޖިލީހަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން މިއަހަރު މަޖިލީހަށް ހުށަހަޅާ މުހިއްމު ބިލްތައް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އަލުން ކަނޑައެޅުމުގެ ބިލްޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ ބިލްކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެންޓި ކޮރަޕްޝަންގެ ގާނޫނަކާއި ގާނޫނުލްއުގޫބާތާއި ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހު ކުރުމުގެ ބިލްގެއްލުވާލާފައިވާ ދައުލަތުގެ އެސެޓްތައް އަނބުރާ ހޯދުމަށް އެސެޓް ރިކަވަރީއާ ބެހޭ ބިލް- ބޯހިޔާވަހިކަމުގެ ބިލް- މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ބިލު
ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި 30 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. މީގެތެރޭގައި ހިމެނެނީ މުޅިން އަލަށް މަޖިލީހަށް ހުށަހެޅި 8 ބިލަކާއި 21 ގާނޫނެއް އިސްލާހު ކުރުމާ ގުޅޭ ބިލާއ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެވެ.
ރައީސް ވިދާޅުވި ގޮތުގައި މިދިޔަ ފާސްކުރި އެންމެ މުހިއްމު އެއް ބިލަކީ ބޭރުގެ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުން ހުއްޓުވުމަށް ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހެވެ. މީގެ ރާއްޖޭގެ ސަރަހައްދު ކަމަށް ބުނާ ސަރަހައްދަށް އުނިއިތުރެއް ގެނައުމުގެ ކުރިން މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުންވެސް ރައީސް ފާހަގަކުރެއްވި އެވެ.
ރިޔާސީ ބަޔާން ނިންމަވާލައްވަމުން ރައީސް ވަނީ ވައުދުވެވަޑައިގެންނެވި ކަންކަން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކުރިއަށް ގެންގޮސް ނަތީޖާ ނެރެދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ