އެމެރިކާގައި ޤަވާޢިދާ ޚިލާފަށް އުޅޭ 100އަށްވުރެ ގިނަ އިންޑިޔާ މީހުން އަނބުރާ ފޮނުވާލައިފި

އެމެރިކާގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ، 100 އަށް ވުރެ ގިނަ އިންޑިޔާ މީހުން، އަސްކަރީ މަތިންދާބޯޓެއްގައި އަނބުރާ އިންޑިޔާއަށް ފޮނުވާލައިފިއެވެ.
އެމެރިކާގެ ރައީސްކަމަށް ދެވަނަ ދައުރަކަށް ވަޑައިގެން، ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގައި ޤަވާޢިދާ ޚިލާފަށް ދިރިއުޅޭ ބޭރު ޤައުމުތަކުގެ މީހުން އަނބުރާ ފޮނުވައިލުމުގެ ވަރުގަދަ އޮޕަރޭޝަނެއް ފަށައިފައެވެ.
އެމެރިކާގެ ކުރީގެ ސަރުކާރުތަކުގައި ވެސް، ޤަވާޢިދާ ޚިލާފަށް އުޅޭ އިންޑިޔާ މީހުން ޑިޕޯޓުކޮށްފައިވީނަމަވެސް، މިއީ މިކަމަށް އަސްކަރީ މަތިންދާބޯޓެއް ބޭނުންކުރި ފުރަތަމަ ފަހަރެވެ.
އިންޑިޔާގެ ޕަންޖާބު ސްޓޭޓުގެ އަމްރިތުސަރަށް އިންޑިޔާގެ 104 މީހުން ގޮވައިގެން އައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓު ޖައްސާފައިވާ ކަމަށް ޕަންޖާބުގެ މިނިސްޓަރު ކުލްދީޕް ސިންގ ދަލިވާލް ވިދާޅުވިއެވެ.
އެމެރިކާގައި ޤަވާޢިދާ ޚިލާފަށް އުޅޭ އިންޑިޔާ މީހުން އަނބުރާ ފޮނުވާލާފައިމިވަނީ، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އަންނަ ހަފްތާގެ ތެރޭގައި އެމެރިކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ.
ޓްރަމްޕާއި މޯދީގެ ރަސްމީ މަޝްވަރާތަކުގައި އެމެރިކާގައި ޤަވާޢިދާ ޚިލާފަށް ދިރިއުޅޭ އިންޑިޔާ މީހުންގެ މައްސަލަ އިސްކުރާނެ ކަމަށް ބެލެވެއެވެ.
ޕަންޖާބުގެ ފުލުހުން ބުނީ، އެމެރިކާއިން އަނބުރާ ފޮނުވައިލި މީހުންގެ ތެރޭގައި، ގުޖުރާތަށް ނިސްބަތްވާ 33 މީހުންނާއި، ޕަންޖާބަށް ނިސްބަތްވާ 30 މީހުން ހިމެނޭ ކަމަށެވެ.
އެމެރިކާގައި ޤަވާޢިދާ ޚިލާފަށް އުޅޭ މީހުންނާ ދެކޮޅަށް ޓްރަމްޕްގެ ސަރުކާރުން ފަށާފައިވާ މަސައްކަތަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް އިންޑިޔާ ސަރުކާރުން ވަނީ ބުނެފައެވެ.
ނަމަވެސް، އިންޑިޔާގެ މަސައްކަތްތެރިންނަށް އެމެރިކާއިން ވިސާ ދިނުމުގައި ލުއިތަކެއް ހޯދުމަށް އިންޑިޔާއިން ބޭނުންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ