ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި "ޕަބްލިކް ޑިފެންޑަރސް އޮފީސް" ގެ ނަމުގައި އައު އޮފީހެއް ޤާއިމްކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ "ޕަބްލިކް ޑިފެންޑަރސް އޮފީސް" ގެ ނަމުގައި އައު އޮފީހެއް ޤާއިމްކުރުމާއި ގުޅޭ ޚާއްޞަ ބިލެއް މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ދަޢުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރުކަމުގައިވާ ޝަރުޢީ ދާއިރާއަކީ، ރައްޔިތުން އިތުބާރުކުރާ ދާއިރާއަކަށް ހެދުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލު، އެމަނިކުފާނު ވަޢުދުވީ ގޮތަށް، ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.
" ތަޙްޤީޤުގައި ކުށަށް އިޢުތިރާފުވާ މީހުންގެ ތެރެއިން ކުދިކުދި ކުށް ކުރާ މީހުން އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން، އަދި އެ މީހުންނަށް އިތުރު ފުރުސަތު ދީ، މުޖުތަމަޢަށް ރުޖޫޢަވެ، މުޖުތަމައުގައި ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ މީހުންގެ މައްޗަށް ކުށުގެ ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ، މައްސަލަ ނިންމޭ މިންވަރު އިތުރުކުރުން ވަރަށް މުހިންމުކަމުގައި ދެކެން." ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވިގޮތުގައި "ޕަބްލިކް ޑިފެންޑަރސް އޮފީސް" ގެ ނަމުގައި އައު އޮފީހެއް ޤާއިމްކުރުމަށް ނިންމެވީ ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބޭނުންވާ މިފަދަ ފަރާތްތަކަށް އެހީތެރިވުމަށްޓަކައެވެ.
ޕަބްލިކް ޑިފެންޑަރސް އޮފީހެއް ޤާއިމްކުރުމަށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ