ދުންފަތުން ނަގާ ޓެކްސް ފައިސާ ޚަރަދުކުރާނީ ދުންފަތުން ދުރުވުމުގެ ފަރުވާއަށް: ރައީސް

ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާއެކު އިތުރަށް ލިބޭ އާމްދަނީ އެއްކޮށް ޚަރަދުކުރާނީ ދުންފަތުގެ އިސްތިއުމާލުކުރުމުންޖެހޭ ބަލިތަކުން ދުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ޒުވާން ޖީލެއް އުފެދިގެން ދިއުމަށް ހުޅުވިފައިވާ ދޮރެއްގެ ގޮތުގައި ވޭޕް ފާހަގަވާތީ، އެކަން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަލުއްވާފައިވާނެ ކަމަށެވެ.
ހަމައެހެންމެ އިޞްލާޙީ ފިޔަވަޅެއްގެ ގޮތުގައި ދުންފަތުން ނަގާ ޓެކްސް ބޮޑުކޮށް، ދުންފަތުގެ އެއްވެސް ބާވަތެއް ގަނެވޭ އުމުރު 21 އަހަރަށް ރައީސް ވަނީ މަތިކުރައްވާފައެވެ.
އެ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާއެކު އިތުރަށް ލިބޭ އާމްދަނީއެއްވިއްޔާ އެއްކޮށް ޚަރަދުކުރަން ނިންމާފައިވާނީ ދުންފަތުގެ އިސްތިއުމާލުކުރުމުންޖެހޭ ބަލިތަކުން ދުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމަށެވެ.
އެގޮތުން، ދުންފަތުގެ ފަރުވާއަށް ހިންގަންޖެހޭ ޕްރިވެންޓިވް ހެލްތް ކެއާ ޕްރޮގްރާމްތައް ހިންގުމަށް އެ ފައިސާއިން ހަރަދުކުރާނެ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.
އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން 1 "ޓޮބޭކޯ ސިޒޭޝަން ކްލިނިކް" ޤާއިމުކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. ހަމަ އެއާއެކު ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބޭސް، އެސް.ޓީ.އޯ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ހޮސްޕިޓަލް ޤާއިމުކޮށްފައިވާ ރަށްތަކުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން، ރައީސް ވިދާޅުވީ ޤައުމެއް ބިނާކުރުމުގައި އެބައެއްގެ ޞިއްޙީ ދުޅަހެޔޮކަމަކީ އެންމެ އިސްކަންދެން ޖެހޭ އެއް އަސާސް ކަމަށް ވީ ހިނދު، ޞިއްޙީ ފަރުވާއަށް ބޭނުންވާ މީހުންނަށް، އިތުބާރާއެކު ޞިއްޙީ ފަރުވާ ލިބޭނެ ނިޒާމެއް ޤާއިމުވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން އާދަވެފައިވާ މީހުން އެކަމުން ދުރުވާން އެހީވެދޭ ސިޒޭޝަން ކްލިނިކްތައް ހުރިހާ ރަށެއްގައި ގާއިމްކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އެއާއެކު ދުންފަތުގެ އިސްތިއުމާލުކުރުން އާދަވެފައިވާ މީހުން އެކަމުން ދުރުވާން އެހީވެދޭ ކުއިޓްލައިން އެއް ވެސް ހެލްތު މިނިސްޓްރީން މިހާރު ވަނި ގާއިމްކޮށްފައެވެ.
ދުންފަތާ ދުރުވާން ބާރުއެޅުމަށް ދުންފަތާ ދުރުވުމުގެ ފަރުވާއަށް ބޭނުންވާ ނިކޮޓިން ޕެޗު، ގަމް ފަދަ ތަކެތި އާސަންދައިގެ ދަށުން ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ