މުޖުތަމަޢުގެ ހަމަޖެހުމަށް އެންމެ މުހިންމު އެއް އަސާސަކީ ލާމަރުކަޒީ ހަމަތަކުގެ މަތީން ރަށްރަށުގެ ހިންގުން ކުރިއަށް ގެންދިއުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ފަދައިން ވިދާޅުވީ 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައިދެއްވައި، ޤައުމާ މުޚާޠިބު ކުރައްވައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ލާމަރުކަޒީ ނިޒާމަށް ފުރިހަމައަށް ފުރުޞަތު ދިނުމާއެކު ރައްޔިތުންގެ ގާތަށްވަޑައިގެން ރައްޔިތުން އެދޭކަންކަން އޮޅުންފިލުއްވައި ރައްޔިތުން އެދޭ އަމާޒަށް ވާޞިލުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، މިކަމަށް މަގުފަހިކުރުމަށްޓަކައި މިހާތަނަށް އެންމެ ކައުންސިލެއް ފިޔަވައި، ދިވެހިރާއްޖޭގެ ހުރިހާ ކައުންސިލަކާ ބައްދަލުކުރައްވާފައިވާ ކަމަށާއި އެ ގޮތުން ހުރިހާ އަތޮޅު ކަންސިލްތަކާއި ސިޓީ ކައުންސިލްތަކާ ބައްދަލުކުރައްވާފައިވާކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، ކައުންސިލްތަކާ ދެވަނަ ފަހަރަށް ބައްދަލުކުރައްވަން ފައްޓަވާފައިވާކަމުގައިވެސް ވިދާޅުވިއެވެ.
ކައުންސިލްތަކުގެ މަސްއޫލިއްތާ އެކަށޭނަ ހައިބަތު ވަޒީފާ އަދާކުރާ ވެށްޓާ އިމާރާތުން ވެސް ސޫރަވާން ޖެހޭނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށާއި، މަސައްކަތުގެ އެކަށޭނަ ޒަމާނީ ހިތްފަސޭހަ ވެށްޓެއް ޤާއިމުކޮށްދެއްވައި، ކައުންސިލްތަކަށް ދެއްވަންޖެހޭ ފުރިހަމަ އިޙްތިރާމާއި ޤަދަރުދީ، އެ އަޚްލާޤު އުފެއްދެވުމަކީ އެ މަނިކުފާނު ޤަބޫލުފުޅުކުރައްވާ އުޞޫލު ކަމުގައި ވިދާޅުވިއެވެ. އަދި އެ ސަބަބަށްޓަކައި 55 ކައުންސިލް އިދާރާ ބިނާކުރުމުގެ މަޝްރޫޢު މިހާރު ކޮންޓްރެކްޓް ކުރެވި، ޗައިނާގެ ހިލޭ އެހީގައި ގާއިމުކުރާ އިތުރު 50 ކައުންސިލް އިދާރާ އިމާރާތް ކުރުމުގެ މަޝްރޫޢު ހިންގުމަށް މިހާރު ތައްޔާރުވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެ މަނިކުފާނު ވަޢުދު ވެވަޑައިގެންފައިވާ ގޮތަށް ކައުންސިލްތަކުގެ މުއައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަވަން ޖެހޭނެކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށާއި އިރާދަކުރެއްވިއްޔާ މިއަހަރު ޕޭ ހާމަނައިޒް ކުރެވިގެން މުސާރަ ބޮޑުވެގެންދާ ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، ޖުޑިޝަރީގެ މުވައްޒަފުންނާއެކު، ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަވެސް ހާމަނައިޒްކުރެވި ބޮޑުކުރެވިގެންދާނެ ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެވަޑައިގެންފައިވާ ވަޢުދު ފުއްދެމެވުމަށްޓަކައި ވަޒީފާއާބެހޭ ޤާނޫނާއި ލާމަރުކަޒީ ޤާނޫނަށް ހުށަހަޅަންޖެހޭ އިސްލާޙުތައް މި މަހު ހުށަހަޅުއްވާނެ ކަމަށާއި، މި ދެ އިސްލާޙްގެ ނަތީޖާއަކަށް ވާނީ މިހާރު ލިބޭ އެލަވަންސަށް މުސާރައިގެ ދަރަޖަ ލިބުންކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެ ކަމުގެ ސަބަބުން އެ ކަނބަލުންނަށް ރޯދަ އެލަވަންސް ދިނުމަށް ހުރި ހުރަސްތަކާއި ބޭންކުތަކުން ލޯނު ހޯދުމަށް ދިމާވާ ދަތިތަކުގެ އިތުރުން، ވިހެއުމުގެ ޗުއްޓީ ފަދަ ކަންކަމަށް ޙައްލު ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރިޔާސީ ބަޔާން 2025: މުޖުތަމަޢުގެ ހަމަޖެހުމަށް އެންމެ މުހިންމު އެއް އަސާސަކީ ލާމަރުކަޒީ ހަމަތަކުގެ މަތީން ރަށްރަށުގެ ހިންގުން ކުރިއަށް ގެންދިއުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ