ފައިސާ ޗާޕުނުކުރަން ވީ ވައުދާ ޚިލާފުވީ ކަމަށް ބުނެ އާންމުންގެ ނުރުހުން، ސަރުކާރުގެ ޖަވާބެއް ނެތް
ރައީސް ޑރ. މުޙައްމަދު މުއިއްޒު ފައިސާ ޗާޕުނުކުރައްވާނެ ކަމަށް ވެވަޑައިގަތް ވައުދާ ޚިލާފުވީ ކަމަށް ބުނެ، އާންމުންގެ ނުރުހުން ސަރުކާރަށް އަމާޒުވާން ފަށައިފިއެވެ. ރައީސް ވެރިކަމަށް ވަޑައިގަތީ ކުރީ ސަރުކާރުގައި ފައިސާ ޗާޕު ކުރުމުން ގައުމަށް ލިބުނު ގެއްލުމުން އަރައިނުގަނެވޭ ކަމަށް ވިދާޅުވެ، މި ސަރުކާރުން ފައިސާ ޗާޕުނުކޮށް އިގުތިސާދު ހިންގާނެ ކަމުގެ ވައުދާއެކުގައެވެ. ކެމްޕޭނު ތެރޭގައި ވެސް އަދި ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް، މި ސަރުކާރުން އެންމެ ބޮޑަށް ފާޑުކީ އެއް ކަމަކީ މިދިޔަ ސަރުކާރުގައި، ކޮވިޑުގެ ހާލަތުގައި އަށް ބިލިއަން ރުފިޔާ ޗާޕު ކުރުމެވެ. މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ މި ސަރުކާރަށް "ވާރުތަވި އިގްތިސާދު" އޮތީ ދުވަހަކު ވެސް ރާއްޖެ ދަރަނިވެރި ނުވާ ވަރަށް ދަރަނިވެރިކޮށްލާފައި ކަމަށެވެ. ކުރީގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އަށް ބިލިއަން ރުފިޔާ ޗާޕުކުރުމުގެ ސަބަބުން ފައިސާގެ އަގު ވެއްޓިފައިވާ ކަމަށް ވިދާޅުވިއެވެ. މިދިޔަ ސަރުކާރުން އަށް ބިލިއަނެއްހާ ރުފިޔާ ޗާޕުކުރީ ކޮވިޑް-19ގެ ސަބަބުން އާމްދަނީ ލިބުން އެއްކޮށް ހުއްޓި، އިތުރު ގޮތެއް ނެތިގެން ކަމަށް އޭރު ސަރުކާރުގައި ތިއްބެވި ފަރާތްތަކުން ބުނެއެވެ. ރައީސް ތަކުރާރުކޮށް ވިދާޅުވެފައިވަނީ އެ ވެރިކަމާ ޚިލާފަށް މި ސަރުކާރުން އިގުތިސާދު ރަނގަޅުކުރަމުން އައީ ފައިސާ ޗާޕުނުކޮށް ކަމަށާއި، ކުރިޔަށް އޮތް ތަނުގައި ވެސް ފައިސާ ޗާޕު ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ގަވަރުނަރު އަހުމަދު މުނައްވަރު: ފައިސާ ޗާޕު ކުރުމާ ގުޅޭ ގޮތުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އެމްއެމްއޭއިން އަދިވެސް އޮތީ ހަނު -- ސަން ފޮޓޯ/ މޫސާ ނަދީމް އެހެން ނަމަވެސް މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ވިއްކައިގެން ދިވެހި ސަރުކާރަށް 15 ބިލިއަން ރުފިޔާ ހޯދަން މަސައްކަތް ކުރަމުން އަންނަކަން 'ސަން'އަށް ވަނީ ކަށަވަރުވެފައެވެ. އިގުތިސާދީ ގޮތުން ބަލާއިރު މަރުކަޒީ ބޭންކްގައި ސާކިއުލޭޝަނަށް ނުނެރެ ހުންނަ ފައިސާ އެގޮތަށް އިންޖެކްޓްކުރުމަކީ ހަމަ ފައިސާ ޗާޕުކުރުމެވެ. އެނގިފައިވާ ގޮތުގައި ސަރުކާރުން މަސައްކަތްކުރަނީ އެމްއެމްއޭއަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުގައި އޮތް ހުޅުމާލޭގެ ބޮޑު ބިމެއް، 15 ބިލަނާއި 14 ބިލިއަނެއްހާ ރުފިޔާއަށް ވިއްކާށެވެ. އެ މަޝްވަރާތައް ސަރުކާރުން މިހާރު ކުރަމުން އަންނައިރު، އިއްޔެ ހަވީރު މުލިއާގޭގައި މަޖިލީހުގެ ޕީއެންސީ މެންބަރުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވަނީ އެ ކަން ކުރަން އުޅުއްވާ ކަމަށް ވިދާޅުވެފައެވެ. ސޯޝަލް މީޑިއާގައި ސަރުކާރުން ފައިސާ ޗާޕުކުރަން އުޅޭކަމުގެ ވާހަކަތައް ދެކެވެމުން އަންނަތާ ދުވަސްކޮޅެއްވީ ނަމަވެސް، އެ ކަމާ ގުޅުވައި ސަރުކާރުން އަދި އެއްޗެއް ނުބުނެއެވެ. އާންމުންގެ ކަންބޮޑުވުން އޮތީ ފައިސާ ޗާޕުނުކުރަން ތަކުރާރުކޮށް ސަރުކާރުންވީ ވައުދާ ޚިލާފުވަނީ ކަމަށް ބުނެއެވެ. މި ކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ، އެކަމުން ދޭހަވަނީ ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ އަގެއް ނެތްކަމެވެ. އަދި އެއީ މިހާތަނަށް އެއް ފަހަރާ ޗާޕު ކުރާ އެންމެ ގިނަ އަދަދެއްގެ ފައިސާކަން ފާހަގަކުރައްވައި އޭނާ ތުހުމަތު ކުރެއްވީ އޭގެ ބޭނުމަކީ ދައުލަތުން ކުރާ ބޭކާރު ޚަރަދުތަކަށްވާ ވަރަށް ފައިސާ ހުރިކަން ދެއްކުން ކަމަށެވެ. https://x.com/faya_i/status/1898808038850801842 މި ކަމާ ގުޅިގެން އެހެން މީހަކުވަނީ އެހެން މީހަކު ކުރި ޕޯސްޓެއްގައި ވަނީ އެމްޑީޕީގެ ސަރުކާރާއި މި ސަރުކާރަށް ވެސް ފާޑުކިޔައިފައެވެ. ޚާއްސަކޮށް މި ސަރުކާރުގެ ކާމިޔާބީއަކީ ފައިސާ ޗާޕު ނުކުރުން ކަމަށް ރައީސް ވިދާޅުވެފައިވާއިރު، މިހާރު ފައިސާ ޗާޕު ކުރަން އުޅޭތީ އެކަމާ މެދު އޭނާ ސުވާލު އުފެއްދިއެވެ. https://x.com/Ahuzann/status/1899015500312809823 އެހެން މީހަކު އެކްސްގައިވަނީ މި ދަނޑިވަޅުގައި ހަމަ ފައިސާ ޗާޕުކުރަންޖެހޭތޯ ސުވާލުކޮށް، މި ސަރުކާރަށް އިތުބާރު ކުރެވެން އެބަ އޮތްތޯ ވެސް ސުވާލުކޮށްފައިވެއެވެ. އަދި ބައެއް މީހުންވަނީ އެމްޑީޕީގެ ސަރުކާރުގައި ފައިސާ ޗާޕުކުރަން ޖެހުނީ ކޮވިޑްގެ ސަބަބުން ގައުމަށް ފައިސާ ނުވަންނާތީކަން ފާހަގަކޮށް، މިހާރު އެފަދަ ހާލަތެއް ނެތް ކަމަށް ބުނެފައެވެ. https://x.com/aisherth/status/1898817430656532944 މި މައްސަލައިގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާ ތަމްސީލު ކުރައްވާ މެންބަރު، އަހުމަދު އަޒާން ވެސް ވަނީ، ފައިސާ ޗާޕު ކުރުމާ ދެކޮޅަށް ވާހަކަ ދައްކަވައިފައެވެ. https://sun.mv/203523 މިހާ ބޮޑު އަދަދަކުން ފައިސާ ޗާޕުކޮށްފިނަމަ، ތަކެތީގެ އަގު އިންތިހާއަށް ބޮޑުވާނެ ކަމަށް އިގުތިސާދީ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. މި މައްސަލައާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިއްސާކުރެއްވި މައުލޫމާތެއްގައި ވާގޮތުން މި މަހުގެ ނިޔަލަށް ވެސް ރާއްޖެއިން ދަރަންޏަށް 150 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. އަންނަ މަހު ވެސް 25 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. ރާއްޖެއިން މި އަހަރު ޖުމުލަ 800 މިލިއަނެއްހައި ޑޮލަރު ދަރަންޏަށް ދައްކަންޖެހެއެވެ. އެއީ، ގާތްގަނޑަކަށް 12 ނުވަތަ 13 ބިލިއަނެއްހާ ދިވެހި ރުފިޔާއެވެ. 'ސަން'އާ ވާހަކަދެއްކި ބައެއް އިގުތިސާދީ ދާއިރާގެ ބޭފުޅުން ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ މި އަހަރު ރާއްޖެއިން ދައްކަން ހުރި ދަރަނިތައް ދައްކަން ބޭނުންވާ ފައިސާ ހޯދުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ