ހަރުފަ ވިހައަށް އާދަޔާ ހިލާފު ދިފާއުއެއް އިންސާނެއްގެ ހަށިގަނޑުން

ވިހަ ގަދަ ހަރުފަޔަކީ އިންސާނުންނަށް ވަރަށް ބޮޑު ނުރައްކަލެކެވެ. އަހަރަކު ގާތްގަނޑަކަށް 2.7 މިލިއަން މީހުންގެ ގަޔަށް ހަރުފަ ވިހަލަ އެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 140،000 މީހުން މަރުވެ އެވެ. އެތައް ލައްކަ ބައެއްގެ އަތްފައި ބުރިކުރަން ޖެހޭ ވަރަށް ހާލަތު ގޯސްވެ އެވެ. އަދި އެތައް މީހުންނެއް ދާއިމީ ނުކުޅެދުންތެރިކަމަށް ވައްޓާލަ އެވެ.
އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޓިމް ފްރެޑީ މީގެ 18 އަހަރު ކުރިން ނުކުތީ އެ ނުރައްކަލުން އިންސާނުން ސަލާމަތްކުރެވޭނެ ގޮތެއް ހޯދާށެވެ. އެގޮތުން އޭނާގެ އަމިއްލަ ހަށިގަނޑުގައި ހަރުފައިގެ ވިހައަށް ދިފާއެއް އުފައްދަން އޭނާގެ ހަށިގަނޑު ނުރައްކަލެއްގެ ތެރެއަށް ވައްޓާލި އެވެ. ދުނިޔޭގައި އުޅޭ އެންމެ ވިހަ ގަދަ ހަރުފަތައް ހޯދައިގެން އޭނާގެ ހަށިގަނޑުގައި އަމިއްލައަށް ދަތް އަޅުވައި، ވިހަ ލައްވުވަ އެވެ. އެގޮތުން މިހާތަނަށް 200 އަށް ވުރެ ގިނަ ފަހަރު ހަރުފަ ލައްވާ އޭނާގެ ހަށިގަނޑުގައި ދަތްއެޅުވި އެވެ. ހަރުފަ ވިހަ ނަަގައިގެން އޭނާ އުފެއްދި އިންޖެކްޝަންތަކުން 700 އަށް ވުރެ ގިނަ އިންޖެކްޝަން ޖެހި އެވެ.
އެންމެ ފަހުން މިހާރު ސައިންސްވެރިންނަށް ކަށަވަރުވީ ފްރެޑީގެ ހަށިގަނޑުގައި ދުނިޔޭގެ އެންމެ ވިހަ ގަދަ ހަރުފަތަކުގެ ތެރެއިން 16 ހަރުފައެއްގެ ވިހައިން ސަލާމަތްވެވޭނެ ދިފާއު އުފެދިފައި ހުރި ކަމެވެ. މިއީ ހަރުފަ ވިހަލައިގެން އިންސާނުންނަށަް ލިބޭ އަނިޔާތަކުން ސަލާމަތްވާން ހުޅުވުނު ދޮރެކެވެ.
ސައިންސް ޖާނަލްއެއް ކަމަށްވާ ސެލްގައި އާ ދިރާސާއެއް ޖެހި އެވެ. އޭގައި ބުނެފައިވާ ގޮތުގައި ފްރެޑީގެ ލޭގައި އެތައް ހަރުފައެއްގެ ވިހައިން ސަލާމަތްވެވޭ އެންޓިބޮޑީސް ހިމެނެ އެވެ.
އެކި ހަރުފައިގެ ވިހަ ތަފާތެވެ. ދެ ގައުމެއްގައި އުޅޭ އެއްވައްތަރެއްގެ ހަރުފައިގެ ވިހަ ވެސް ތަފާތުވެ އެވެ. އެހެންކަމުން އެ ހުރިހާ ބާވަތެއްގެ ހަރުފަތަކުގެ ވިހައިން ސަލާމަތްކުރެވޭނެ އެންމެ ބޭހެއް ނުވަތަ ވެކްސިނެއް މިހާތަނަށް އުފެއްދިފައެއް ނުވެ އެވެ.
"އިންސާނިއްޔަތަށްޓަކައި ކަމެއް ކުރެވުނީތީ އަހަރެން ފަހުރުވެރިވޭ،" މިއީ ފްރެޑީ ބުނެލި އެއް ޖުމްލަ އެވެ.
"އަހަންނާ 8،000 މޭލު ދުރުގައި އުޅޭ އެހެން އިންސާނަކަށް އަހަރެންގެ ފަރާތުން ތަފާތެއް ގެނައުމަކީ އުފަލެއް. އެ މީހާއާ ބައްދަލުނުވެވުނަސް، ވާހަކަ ނުދެއްކުނަސް، ނުފެނުނަސް."
ހަރުފަ ވިހައިން ފުޅާ ދާއިރާއެއްގައި ރައްކާތެރިވެވޭނެ ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ސެންޓިވެކްސް ކުންފުނީގެ ޗީފް އެގްޒެކްޓިވް އަދި ސައިންސްވެރިޔާ ޖެކޮބް ގްލެންވީލް ވިދާޅުވި ގޮތުގައި ހަރުފައިގެ ނުރައްކާ ދުނިޔެއަށް އެހާ ބޮޑަށް ރޭކާލާފައެއް ނުވެ އެވެ.
ޑރ. ގްލެންވީލް އާއި އޭނާގެ އެހީތެރިންގެ ދިރާސާތަކުން ފެނުނީ ފްރެޑީގެ ލޭގައި ވަރަށް ބާރުގަދަ ދެ އެންޓިބޮޑީސްއެއް ހިމެނޭ ކަމެވެ. އެ އެންޓިބޮޑީސްއާ އެއްކުރީ ވިހައިގެ އަސަރުތައް ހުއްޓުވަން ބޭނުންކުރާ ހާއްސަ ބޭހެކެވެ. އެއަށް ފަހު ޖަނަވާރުން ބޭނުންކޮށްގެން އޭގެ ބާރު ދެނެގަތެވެ. ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަ ވިހަ ގަދަ ހަރުފައިގެ 19 ބާވަތަކުން ސަލާމަތްވެވޭ ކަމަށް ޓެސްޓްތަކުން ދެއްކި އެވެ. 
ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ހަރުފައިގެ ހުރިހާ ބާވަތެއްގެ ވިހައަކުން އިންސާނުން ރައްކާތެރިކޮށްދޭނެ އުފެއްދުމަކަށް މިވަނީ މަގު ހުޅުވިފަ އެވެ.
ހަރުފައާ މެދު އޭނާގެ ހިތުގައި ޝައުގުވެރިކަން އުފެދުނީ މީހަކާ އިނދެ ދަރިން ވެސް ލިބުނު ފަހުންނެވެ. އެއީ 2000ގެ އަހަރުތަކުގެ ކުރީކޮޅެވެ. އެއް ދުވަސްވަރެއްގައި އޭނާގެ ގޭގައި ހެދި ލެބޯރަޓަރީގައި ވިހަ ގަދަ އެކި ވައްތަރުގެ 60 ހަރުފަ ގެންގުޅުނެވެ.
ދެން އެމެރިކާއަށް ދިމާވީ 11 ސެޕްޓެމްބަރު 2001ގެ ޓެރަރިސްޓް ހަމަލާ އެވެ. އޭގެ ދުވަސްކޮޅެއް ކުރިން އޭނާގެ ވަރަށް ގާތް ރަހުމަތްތެރިޔަކު މަރުވި އެވެ. ބިރާއި ހިތާމައިގެ ތެރޭގައި 12 ސެޕްޓެމްބަރު 2001ވަނަ ދުވަހު ދެ ކޯބްރާ ހަރުފަ ވިހަލާން އޭނާގެ ހަށިގަނޑު ދިނެވެ. މިއީ ދިރިހުރި ހަރުފަތަކެއް އޭނާގެ ގަޔަށް ވިހަ ލީ ފުރަތަމަ ފަހަރެވެ.
ފުރަތަމަ ދަތްއެޅުމުން އޭނާ ސަލާމަތްވި އެވެ. އެކަމަކު ދެވަނަ ދަތްއެޅުމާ އެކު އޭނާގެ ހަށިގަނޑު ކުއްލިއަކަށް ފިނިވި އެވެ. ވާހަކަ ވެސް ނުދެއްކުނެވެ. ލޯ މެރުނެވެ. އަނބުރައިގަނެގެން ވެއްޓުނެވެ. ކޮމާއެއްގައި އޮވެ ހޭލެވުނީ ހަތަރު ދުވަސް ފަހުން ހޮސްޕިޓަލްގަ އެވެ.
އޭގެ ފަހުން ފަރުވާތެރިކަމާ އެކު އޭނާ ފެށީ ހަރުފައިގެ ވިހައިން އަމިއްލަ ހަށިގަނޑު ދިފާއުވާނެ ގޮތެއް ހޯދާށެވެ. ވިހަ ނަގައިގެން ޖަހާ އިންޖެކްޝަނާއި ދަތް އެޅުވައިގެން ވިހަ ލެއްވުމުގައި ވެސް، ހުރިހާ ރެކޯޑްތަކެއް ބެލެހެއްޓި އެވެ.
"މުޅި ދުވަސް އަހަރެން އުޅެނީ މަސައްކަތުގައި، ގެއަށް އައިސް ދަރިންނާ އެކު ކުޅެން. ރޭގަނޑު އުޅެނީ ލެބޯޓަރީ ތެރޭގައި،" ފްރެޑީ ބުންޏެވެ.
އޭނާ ގަބޫލުކުރާ ގޮތުގައި އެއީ ޑިގްރީއެއް ނެތް ސައިންސްވެރިއެކެވެ. އޭނާ ދަސްކުރި ފަދަ ކަމެއް ދަސްކޮށްދޭނެ އެހެން ކޮލެޖެއް ދުނިޔޭގައި ނުހުންނާނެ ކަމަށް ވެސް ބުންޏެވެ.
ފްރެޑީގެ ގައިން ލޭ ނަގައިގެން ގެންގޮސް ސައިންސްވެރިންގެ އެހެން ދެ ޓީމަކުން ކުރިން މަސައްކަތްކުރި އެވެ. އެއިން އެއްވެސް މަޝްރޫއުއަކުން ނަތީޖާއެއް ނުނިކުތެވެ. އޭގެ ފަހުން 2017ގައި ބައްދަލުވީ ޑރ. ގްލެންވިލްއާ އެވެ. 
ގްލެންވިލް ފުރަތަމަ އުޅުއްވީ ދެތިން ފަހަރަކު ހަރުފަ ވިހަ ލާފައި ހުރި ދިރާސާވެރިއެއްގެ ލޭ ލިބޭތޯ އެވެ. ދެން އޭނާއަށް ފެނިވަޑައިގަތީ ފްރެޑީއަ ބެހޭ ގޮޮތުން ލިއުނު ރިޕޯޓެކެވެ. ފްރެޑީއަށް ގުޅުއްވި އެވެ. އެހާ ހިސާބުން ހަރުފައިގެ ވިހައިން އިންސާނުން ސަލާމަތްކުރެވިދާނެ ވެކްސިނަކާ ދިމާއަށް ދިއުމުގެ ދޮރު ހުޅުވުނީ އެވެ.
ސައިންސްވެރިން ވިދާޅުވާ ގޮތުގައި ފްރެޑީއަކީ މުހިންމު މަސައްކަތަކަށް ލިބުނު ވަރަށް މުހިންމު ބައިވެރިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ