މަރުގެ އަދަބު ތަންފީޒު ކުރަން ޖެހޭ: ނާޒިމް

ދިވެހި އެންމެންގެ ސަލާމަތަށްޓަކައި ގިސާސް -- މަރަށް މަރު ހިފުން  މަރުގެ އަދަބު ތަންފީޒު ކުރަން ޖެހޭ ކަމަށް އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.އެމްއެންޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ އެއްވެސް ސަރުކާރަކަށް ހައްލު ނުވި ބޮޑު މައްސަލައެއް ކަމަށެވެ. ޑްރަގް ރެހެބިލިޓޭޝަން އަކީ ރާއްޖޭގައި އެއްވެސް ގޮތަކަށް ކާމިޔާބު ނުކުރެވުނު ކަމެއްކަން ފާހަގަ ކުރައްވާ މިއަދުވެސް މަސްތުވާތަކެތީގެ ފަރުވާއަށް ދެ އަހަރަށް ވުރެ ގިނަ ދުވަހު ކިޔުގައި ތިބެން ޖެހޭ ކަމަށް ވިދާޅުވި އެވެ.ނާޒިމް ވިދާޅުވި ގޮތުގައި ގައުމީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ދެވެނީ ހަމައެކަނި ހެރޮއިން އެޑިކްޝަނަށެވެ. އެހެން ނަމަވެސް ރާއްޖެއަށް އެތެރެކުރަނީ އެންމެ ފަހުގެ ޕާޓީ ޑްރަގްސް ކަން ފާހަގަ ކުރައްވާ ސަރުކާރު އޮންނަނީ މައްސަލަ ފަހާ ދުވުމުގައި ކަމަށް ވިދާޅުވި އެވެ. ޢަދުލުގެ ނިޒާމް ބެލެހެއްޓުން ދޯހަޅިވެގެން ގޮސް މިހާރު މިއޮތީ ކުށްކުރާ މީހުންގެ އަތަށް ސަރުކާރު ދާހިސާބުގައި ކަމަށާއި އެހެން ކަމުން ރައްޔިތުން ނިކުމެ އިންސާފު ހޯދަނީ އަމިއްލައަށް ކަމަށް ނާޒިމް ފާހަގަ ކުރެއްވިއެވެ. "ޢަދުލު އިންސާފު ޤާއިމުކުރުމުގައި، މިއަށްވުރެ ބޮޑަށް ޤައުމެއް ފޭލްވާނޭ ގޮތެއް ބުނެދޭކަށް ނޭނގޭ." ނާޒިމް ވިދާޅުވިއެވެ.ނާޒިމް ވިދާޅުވީ، މިއީ އެއްގޮތަކަށްވެސް ޤައުމެއްގައި ދިރިއުޅެވޭނޭ ގޮތެއް ނޫން ކަމަށާއި ޢަދުލު އިންޞާފުގެ ނިޒާމް ނަގާ ކޮޅަށް ޖަހަން އެބަޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން އެބަޖެހޭ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ."ކުށުގެ ބާވަތުން އަދަބު ކަނޑައަޅައި އަފްއާމް ނުދެވޭނޭ ކުށްތައް ކަނޑަ އެޅެން ޖެހޭ. ޖީލުތަކެއް އެކުގައި ހަލާކުވެގެންދާއިރު، 30 ކިލޯއިން 40 ކިލޯއިން މަސްތުވާތަކެތި ގެންނަ މީހާއަށް މަރުގެ އަދަބު ނުދެވޭންވީ ސަބަބެއް ނެތް. އޮންނާކަށް ނުވެސް ޖެހޭ. އެހެންކަމުން އެންމެންގެ ސަލާމަތަށްޓަކައި މަރުގެ އަދަބު ތަންފީޒު ކުރަން ޖެހޭ،" ނާޒިމް ވިދާޅުވި އެވެ.މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުރިހާ މަރުހަލާތަކެއް ނިމި، ހުކުމް ތަންފީޒުކުރުމާ ހިސާބުގައި ތިބީ ތިން މީހުންނެވެ. އެއީ، ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި އަބްދުﷲ ފަރުހާދު މަރާލިކަން ސާބިތުވި، ގ. ރީފް މުހައްމަދު ނަބީލެވެ.މަރުގެ ހުކުމް ތަންފީޒުކުރުމަށް ނިމުނު ޔާމީނުގެ ސަރުކާރުން މަސައްކަތްކުރަމުން ދިޔައިރު ބޭރުގެ އެކި ޖަމާއަތްތަކުން ވަނީ މަރުގެ ހުކުމް ތަންފީޒުނުކުރުމަށް ގޮވާލައިފަ އެވެ. އަންނަ ރިޔާސީ އިންތިހާބަށް މި ވަގުތު ނިކުންނަވާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ނާޒިމްގެ އިތުރުން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި ޔާމީން ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރެވެ.ރާއްޖޭގެ ޝަރުއީ ނިޒާމް މިނިވަން ނުވެ، އަދުލުވެރިކަމާ އެކު މަރުގެ ހުކުމް ތަންފީޒުކުރެވިދާނެތޯ ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުން ސުވާލު އުފައްދަ އެވެ. ރާއްޖޭގައި ފަހަކަށް އައިސް ނުރައްކާތެރި މަރުގެ ހާދިސާތައް ހިނގަ އެވެ. ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި އަހަރެއްގެ މައްޗަށް އެވްރެޖްކޮށް ދިހަވަރަކަށް މީހުން މަރާލަ އެވެ. އެފަދަ ކޮންމެ މަރަކާ އެކު، މަރުހެ ހުކުމް ތަންފީޒު ކުރަން އާންމުން ގޮވާލަ އެވެ.ނަމަވެސް ކުރީގެ ރައީސަކު ވިދާޅުވެފައިވާ ފަދައިން، ނުބައި ހުކުމެއްގެ މައްޗަށް މީހަކު މަރާލެވިއްޖެ ނަމަ، އަނބުރާ ފުރާނަ ގެނެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެފަދަ ކަމެއް ކުރަން ހުއްދަ ދޭއިރު، އެއީ ހަގީގަތުގައި ވެސް ވަރަށް ބޮޑު ޒިންމާއެކެވެ.ރާއްޖޭގެ މަރުގެ އަދަބު އެންމެ ފަހުން ދިނީ 1952 ގަ އެވެ. އޭގެ ފަހުން މިވީހާ ތަނަކަށް އެއްވެސް ރައީސަކު އެ އަދަބު ތަންފީޒު ކުރައްވައިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ