ސުޕްރީމް ކޯޓަށް ކަރަންޓު ދީފި، ޔާމީންވެސް ކޯޓަށް ހާޒިރުކޮށްފި

ސުޕްރީމް ކޯޓުން ކަރަންޓު ދިޔައީ އެ ސަަރަހައްދުގައި ސަބްސްޓޭޝަނަކަށް މައްސަލައެއް ޖެހިގެން ކަމަށާއި ނަމަވެސް މިހާރު އެ މައްސަލަ ހައްލުކޮށް ސުޕްރީމް ކޯޓަށް ކަރަންޓު ދީފައިވާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ފުރިހަމަނުވާ ކަމަށް ބުނެ، އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގަން މައްސަލާގައި ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން، އެ ކޯޓުގައި ކަރަންޓު ނެތުމުގެ ސަބަބުން ވަނީ ލަސްވެފައެވެ.
ސުޕްރީމް ކޯޓުން އެ މައްސަލައިގެ އަޑުއެހުން ތާވަލުކުރީ މިއަދު 3:00 އަށެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ ކަރަންޓު ކެނޑުނީ ހަމައެކަނި ސުޕްރީމް ކޯޓުން އެކަނި ނޫން ކަމަށާއި އެ ކޯޓު ހުރި ސަރަހައްދުން ކަރަންޓު ކެނޑުނު ކަމަށެވެ. ނަމަވެސް އެކަން ހައްލުކޮށް މިހާރު ސުޕްރީމް ކޯޓަށް ކަރަންޓު ދީފައިވާނެ ކަމަށް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓަށް ކަރަންޓު ދީފައިވާއިރު، ޔާމީންވެސް މީގެ އިރުކޮޅެއް ކުރިން ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ.
ޔާމީންގެ ކެންޑިޑެސީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު އީސީއަށް ހުށަހެޅުމުން، ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އެ ދުވަހުގެ މެންދުރުފަހު އީސީން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ޕީޕީއެމަށް އެކަން އަންގައިފައެވެ.
ސަބަބެއް ކަމަށް ބުނެފައިވަނީ، ޔާމީންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ 12 މަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހަކަށްވުމާއި އެ ހުކުމް ތަންފީޒުކޮށް ނިމިފައިނުވާކަން، ކުށުގެ ރެކޯޑަށް ބެލުމުން އެނގެން އޮތުމުން، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކުރާ ޝަރުތު ޔާމީންގެ ކިބައިގައި ހަމަނުވާތީއެވެ.
ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައިސްފައިވާ މީހަކު ނަމަ، އެ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ފަހުންނެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ކޮރަޕްޝަނާއި މަނީލޯންޑާ ކުރިކަން ސާބިތުވުމުގެ ސަބަބުން ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ކެންޑިޑެންސީ ބަލައިނުގަތް މައްސަލައިގައި ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިގަނެ، އެ މައްސަލައަށް ލިޔުމުން ޖަވާބުދާރީވުމަށް އިލެކްޝަންސް ކޮމިޝަނަށް ވަނީ އަންގައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ