ޔާމީންގެ ފަރާތުން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ ހައި ކޯޓުގައި ލަސްވާތީ އެމަނިކުފާނުގެ އިންތިހާބީ ހައްގެއް އުނިވެފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ، އެކޯޓުން ބަލައިނުގެން މިއަދު ބޭރުކޮށްލައިފި އެވެ."ހޯރަ"އަށް އެނގިފައިވާގޮތުގައި ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މިއަދު ވަނީ އެ މައްސަލަ ބަލައިނުގަންނަން ނިންމައިފައެވެ.ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމެވި ނިންމުމުގައި ވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހަޅާފައި ވިޔަސް، އެއީ ކޯޓުތަކުގެ ގާނޫނުގައި ބުނާ ފަދަ ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ. އެހެންވެ، އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.ރަޖިސްޓްރާ އެގޮތަށް ނިންމެވިޔަސް، އެ ނިންމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރެއްވުމުގެ ފުރުސަތު ޔާމީނަށް ލިބިވަޑައިގަންނަވާނެ އެވެ.ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީނަށް އަރުވާފައި ވިޔަސް، 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުން އެ މަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ދޮރު މި ވަގުތު ވަނީ ބަންދުވެފަ އެވެ. ޔާމީނަށް އެ ފުރުސަތު އަލުން ލިބިވަޑައިގަންނަވާނީ އިސްތިއުނާފް މަރުހަލާއިން އެ މަނިކުފާނު މިނިވަންވެއްޖެ ނަމަ އެވެ.ނަމަވެސް ހައި ކޯޓުގައި އެ މައްސަލަ ބައްލަވާ ބެންޗުގެ އެއް ފަނޑިޔާރަކު މި ވަގުތު ޗުއްޓީގައި ހުންނެވުމުން މައްސަލާގެ އަޑުއެހުންތައް ވަނީ މެދުކެނޑިފަ އެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަތެއްގައި ބަންދުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ