މިއަދާއި މާދަމާވެސް މޫސުން ގޯސްވާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ދެކުނުގެ އަތޮޅުތަކަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.މެޓު އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިއަދާއި މާދަމާ ވިއްސާރަ ކުރި ނަމަވެސް، މާދަމާގެ މެންދުރު ފަހުން ފެށިގެން، ކޮންމެވެސް ވަރަކަށް މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެކަމަކު ވިއްސާރަ އަލިވާން ފަށާނީ ބުދަ ދުވަހުގެ ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.އޮފިޝަލް ވިދާޅުވި ގޮތުގައި، ވިއްސާރައިގައި ވައި ވެސް ގަދަވާނެތީ، ހުރިހާ ހިސާބަކަށް ވެސް މި ދެ ދުވަހު ކަނޑު ގަދަވާނެ އެވެ.މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ދެކުނުގެ އަތޮޅުތަކަށް ވައި ބާރު ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 24 ގަޑިއިރުތެރޭ ގަޑިއަކު 13 މޭލާއި 20 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގެތެރޭގައި ހުރިހާ ހިސާބަކަށްވެސް 40 މޭލަށް ވައި ގަދަވާނެކަމަށްވެސް އެއިދާރާއިން ލަފާކުރެއެވެ.މިއަދާއި މާދަމާވެސް ބޯކޮށް ވާރެވެހި، ވައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާއިރާއިން ވަނީ އިލްތިމާސްކޮށްފައެވެ.އަދި ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި ރާއްޖޭގެ ދެކުނާއި މެދު ރާއްޖެތެރޭގެ ސަރަހައްދުތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ