ބާރުބޮޑުވެ، ކެތްނުވެ، ހުޅުމާލެ ހޮސްޕިޓަލް ބަލިވަނީ!

މުޅި ހޮސްޕިޓަލް އޮތީ ގާތްގަނޑަކަށް ފުރި ބާރުވެފައެވެ. އޯޕީޑީއާއި އިމެޖެންސީ ރޫމް ވެސް ހިމެނޭ ގޮތަށެވެ. ފަރުވާ ދޭން ތިއްބެވި ޑޮކްޓަރުންނާއި ސިއްހީ އެހީތެރިންގެ އިތުރުން އިދާރީ މުވައްޒަފުންގެ މޫނުމަތިން ފެންނަނީ ބާރުބޮޑުކަމުން އުފެދިފައިވާ ނުތަނަވަސްކަމެވެ. ޝަކުވާތަކުގެ އަޑުތައް ނޫނީ ބަލިމީހުންގެ ފަރާތުން ވެސް ނީވެއެވެ. މިއީ ބަލި މީހެއްގެ އެހީތެރިއެއްގެ ގޮތުގައި ރޭ ހުޅުމާލެ ހޮސްޕިޓަލުގައި ހޭދަކުރި ހަތަރު ވަރަކަށް ގަޑިއިރުގެ ތެރޭގައި ކުރެވުނު ތަޖުރިބާއެވެ. ފުލެޓުތަކާއި އިމާރާތްތަކުން ފުރިފައިވާ ހުޅުމާލޭގެ އާބާދީ ކުއްލިއަކަށް އިންތިހާއަށް އިތުރުވިއިރު، އެ ތަނުގައި އަދިވެސް ސަރުކާރުގެ ހޮސްޕިޓަލަކަށް ހުރީ، އެ ރަށުގައި މީހުން އާބާދުވިއިރު ހަދާފައިވާ ހުޅުމާލޭ ހޮސްޕިޓަލް އެކަންޏެވެ. މިއީ މިއަދު ހުޅުމާލޭގައި ދިރިއުޅޭ ކޮންމެ ރައްޔިތެއްގެ ވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. ސިއްހީ ފަރުވާ ހޯދަން ދާން އޮތް ހަމައެކަނި މައި މަރުކަޒުގެ ހާލަތު މިހާ ބާރުބޮޑުވެފައިވުމަކީ މުޅި ނިޒާމާމެދު ސުވާލު އުފެދޭ ކަމެކެވެ. އާބާދީއާ އެއްވަރަށް އަސާސީ ޚިދުމަތްތައް ފުޅާކުރެވިފައި ނެތުމުގެ ހިތި ނަތީޖާ މިއަދު މިވަނީ ފެންނަން ފަށާފައެވެ. އާބާދީއާއި ކެޕޭސިޓީގެ ފަރަގު ހުޅުމާލޭގެ އާބާދީ މިހާރު ގާތްގަނޑަކަށް 150،000އަށް އަރާނެ ކަމަށް ބެލެވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، ހުޅުމާލޭގެ ތިން ފިޔަވަހި އެއްކޮށް ބަލާއިރު އެއީ 300،000 އެއްހާ މީހުންގެ އާބާދީއަކަށް ތަރައްޤީކުރާ ތަނެކެވެ. ނަމަވެސް، މި ބޮޑު އާބާދީއަށް ޚިދުމަތް ދޭން ހުރި ހަމައެކަނި ސަރުކާރު ހޮސްޕިޓަލުގެ ޖާގައަށް ބަލާއިރު، އެއީ ކުޅުދުއްފުށީ ސިޓީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ވުރެ ވެސް ކުޑަ ތަނެކެވެ. ހުޅުމާލޭ ހޮސްޕިޓަލް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން އެހެންނަމަވެސް، މާލެ ސަރަހައްދުގައި އެންމެ ހަލުވިކޮށް އާބާދީ އިތުރުވަމުންދާ ހުޅުމާލޭގައި ހުރި ހޮސްޕިޓަލުގެ ކެޕޭސިޓީ އެ ބޮޑު އާބާދީއާ އެއްވަރެއް ނޫނެވެ. ހުޅުމާލެ ހޮސްޕިޓަލުގައި އައިސީޔޫ އެނދުގެ ގޮތުގައި ހުރީ އެންމެ 17 އެނދެވެ. ނަތީޖާއަކަށް ވަނީ ޚިދުމަތް ހޯދަން ދާ ބަލި މީހުންނާ އެކު އެތަން ގިނަ ވަގުތުތަކެއްގައި ފުރިފައި އޮތުމެވެ. އެކަށީގެންވާ ވަރަށް ތަޖުރިބާ ހުރި ޑޮކްޓަރުން މަދުވުމާއި އިމާރާތުގެ ދަތިކަމާއި އެހެން ފެސިލިޓީތައް ވެސް އާބާދީއާ އެއްވަރަށް ނެތްކަން މިއީ ފެންނަން އޮތް ހަގީގަތެކެވެ. ޚިދުމަތް ހޯދުމަށް އަންނަ މީހުން ގިނަވުމުގެ ސަބަބުން، ޚިދުމަތް ލަސްވުމާއި އެކަށީގެންވާ ޚިދުމަތް ނުލިބޭކަމުގެ ޝަކުވާ އާންމުން ކުރެއެވެ. މިސާލަކަށް، ރޭ ހުޅުމާލެ ހޮސްޕިޓަލުން ދިމާވި މެދު އުމުރުގެ މީހަކު އިރުއޮއްސި 6:30 ގައި އެތަނަށް ގޮސް ހުރީ ހަށިގަނޑުގައި ވަކި މާއްދާއެއް ހުންނަން ޖެހޭ ވަރަށް ވުރެ މާ މަތިވުމުން ފެންނަ ހުރިހާ އަލާމާތެއް ފެންނާތީއެވެ. ޑޮކްޓަރަށް ދައްކައި ހެދި ޓެސްޓްތަކުން އެނގުނު ގޮތުގައި އޭނާގެ ހަށިގަނޑުގައި އެ މާއްދާ ހުރީ ނުރައްކާ މިންގަނޑަކަށެވެ. ނަމަވެސް، އޭނާ ޑޮކްޓަރަށް ދައްކައި ފަރުވާއެއް ހޯދައިގެން ހޮސްޕިޓަލުން ނުކުމެވުނުއިރު ރޭ ދަންވަރު 12:00 ޖަހަނީއެވެ. މިއީ ގާތްގަނޑަކަށް ފަސް ގަޑިއިރާއި ބައިގެ އިންތިޒާރެކެވެ. ނުކުމެ އެސްޓީއޯ ފާމަސީއަށް ދިޔައިރު ޑޮކްޓަރު ލިޔެދިން ބޭސް އެ ތަނުގައެއް ނެތެވެ. ޚިދުމަތް ލަސްވެގެން ބައެއް މީހުން ރިސެޕްޝަން ކައިރީގައި އަޑުގަދަކުރުމާއި، ޑޮކްޓަރު ރޫމް ހުޅުވައި ޝަކުވާކުރުމާއި ބާރަށް ދޮރުފަތް ޖެހުންފަދަ ކަންކަން ކުރާތަން ފެނެއެވެ. މި ކަންކަމުގެ ސަބަބުން ޚިދުމަތް ދޭން ތިބި ސިއްހީ ޚިދުމަތްތެރިން ހާސްވެއެވެ. ނަމަވެސް، މިހާ ބާރުބޮޑުއިރާ އަޅާބަލާއިރު ވެސް ހޮސްޕިޓަލްގައި ތިއްބެވި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އިދާރީ އެހެން މުވައްޒަފުންގެ ފަރާތުން ފެންނަނީ ވަރަށް އޯގާތެރިކަމާ އެކު ޚިދުމަތް ދެމުންދާ މަންޒަރެވެ. ބަލި މީހުންގެ ފަރާތުން އަންނަ ޕްރެޝަރަށް ކެތްކޮށްގެން، ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާތަން ފެނެއެވެ. މިއީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ބުރަކަމާއި، އެ މީހުންނަށް ކުރިމަތިވެފައިވާ ނަފުސާނީ އަދި ޖިސްމާނީ ވަރުބަލިކަން ދައްކުވައިދޭ ކަމެކެވެ. މުވައްޒަފުންގެ އަދަދު މަދުވުމާއި، ބަލިމީހުންގެ ނިސްބަތް ގިނަވުމަކީ ސިއްހީ ނިޒާމުގެ ފެންވަރު ދަށްވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ. ހުޅުމާލޭ ފޭސް ދެއަކީ އެތައް ހާސް ބަޔަކު ދިރިއުޅޭ ތަނަކަށްވާއިރު، އެ ތަނުގައި ވެސް އެންމެ ހޮސްޕިޓަލެއް ހިސާބު ވެސް ނުހުރެއެވެ. ނަތީޖާއަކަށް ވަނީ އެ އެންމެންނަށް ވެސް ކަމެއް ޖެހިއްޖެ ނަމަ ފުރަތަމަ ފިޔަވަހީގައި ހުންނަ ހުޅުމާލޭ ހޮސްޕިޓަލަށް އަންނަން ޖެހުމެވެ. ފޭސް ދެއަކަށް ޚާއްސަކޮށްގެން ހުޅުމާލޭ ހޮސްޕިޓަލުން ވަނީ އެ ސަރަހައްދުގައި ޖީޕީ ކްލިނިކެއް ހުޅުވައި، 24 ގަޑިއިރު ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ފަށާފައެވެ. އަދި، އިތުރު ޖީޕީ ކްލިނިކްތައް ހުޅުވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އެ ޖީޕީ ކްލިނިކްތަކަކީ ވެސް އެފަދަ ބޮޑު އާބާދީއަކާ އެކަށީގެންވާ ޚިދުމަތެއް ދެވޭނެ ފެސިލިޓީ ހުރި ތަންތަނެއް ނޫނެވެ. ޖީޕީ ކްލިނިކެއްގައި ބަލި މީހުން ބާއްވަން ހުންނަނީ އެންމެ އެނދެކެވެ. ދައްކަން އަންނަ ބަލި މީހުން އިންތިހާއަށް އިތުރުއިރު ފަރުވާ ދޭން ތިބި ޑޮކްޓަރުން މަދުވުމާ އެކު، އެއް ޑޮކްޓަރަކު ވެސް ދުވާލެއްގެ މައްޗަށް އެތައް ބަލި މީހުންނެއް ބަލަން ޖެހި ކިޔޫ ބޮޑުވާ ހާލަތްތައް ގިނައެވެ. https://www.sun.mv/206698 މިއީ އާބާދީއާ އެއްވަރަށް އަސާސީ ޚިދުމަތްތައް ނުރޭވުމުގެ ސަބަބުން ދިމާވި ދުވަސްވީ ސިސްޓަމެޓިކް މައްސަލައެކެވެ. ފޭސް އެކަކަށް ފަހު ފޭސް ދެއެއް އަދި މިހާރު ފޭސް ތިނެއް ހިއްކައި ނިންމިއިރު ވެސް، ޚިދުމަތަށް އޮތީ އަޅާލަން ޖެހޭ ވަރަށް އަޅާނުލެވިއެވެ. އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގާއިރު، އެ ތަންތަނުގައި ދިރިއުޅޭނެ މީހުންނަށް ބޭނުންވާނެ ސިއްހީ ފަރުވާގެ ނިޒާމު ދުރާލާ ރޭވިފައި ނެތުމަކީ ޕްލޭނިން މަރުހަލާގައި ހެދިފައިވާ ވަރަށް ބޮޑު ގޯހެކެވެ. ހައްލު ހޯދުމަށް ކުރެވޭ މަސައްކަތްތައް މި ސަރުކާރު އައި ފަހުން ހުޅުމާލޭގެ ސިއްހީ ނިޒާމު ރަނގަޅުކުރަން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ހުޅުމާލެ ހޮސްޕިޓަލަށް 250 އެނދުގެ ކެޕޭސިޓީއާ އެކު 10 ބުރީގެ އާ އިމާރާތެއް އިތުރުކުރުމުގެ މަސައްކަތްކުރަމުން އަންނަކަން މިދިޔަ އަހަރުގެ މޭ މަހު ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ. މި އާ އިމާރާތަކީ ޕްރައިވެޓް ރޫމްތަކާ އެކު ތަރައްޤީކުރެވޭނެ ތަނެއް ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން، މިދިޔަ މޭމަހުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމް (އީއާރް)އަށް އަލަށް ވަނީ ހަތް އެނދު އިތުރުކޮށްފައެވެ. މި އިތުރުކުރެވުނު ހަތް އެނދާ އެކު، އީއާރްގެ ކެޕޭސިޓީ ވަނީ 14 އެނދަށް ބޮޑުކުރެވިފައެވެ. އަދި، 28 އެނދުގެ އާ ވޯޑެއް ތަރައްޤީކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. މީގެ ތެރޭގައި މެޑިކަލް ހައި ޑިޕެންޑެންސީ ޔުނިޓަކާއި، ކުޑަކުދިންގެ ވޯޑަށް އިތުރުކުރެވޭ އެނދުތައް ހިމެނެއެވެ. އެހެންނަމަވެސް، މި ވަގުތަށް ބަލާއިރު އަދިވެސް ޑިމާންޑާ ގާތަށް ވެސް ސަޕްލައި ނުކުރެވެއެވެ. ހޮސްޕިޓަލުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށްދިޔަ ނަމަވެސް، އާބާދީ އިތުރުވަމުންދާ މިންވަރާ އަޅާބަލާއިރު މިއީ އަދިވެސް ވަރަށް ކުޑަ މިންވަރެކެވެ. މި މަސައްކަތްތައް ނިމެންދެން ރައްޔިތުންނަށް ޖެހިފައިވަނީ އިންތިޒާރުކުރާށެވެ. ހުޅުމާލެ ހޮސްޕިޓަލްގައި ކުރި ފުރަތަމަ ކަށީގެ އޮޕަރޭޝަންގެ ތެރެއިން--- ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް މި ރިޕޯޓަށް ހުޅުމާލެ ހޮސްޕިޓަލް ހިންގާ, "މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސް"ގެ ބަހެއް ހޯދާލަން މަސައްކަތްކުރި ނަމަވެސް އަދި ވަނީ ބަހެއް ލިބޭގޮތް ނުވެފައެވެ. ހުޅުމާލެއަށް މި ހާލަތު ދިމާވެގެން މި އުޅެނީ ކުއްލިއަކަށް ނޫނެވެ. މިއީ ދުރާލާ ރޭވުންތެރިކަމެއް ނެތި އާބާދީ އެއް ތަނަކަށް ޖަމާކުރުމުގެ ނަތީޖާއެވެ. މިފަދަ ކުދިކުދި ބަދަލުތަކަކީ ހުޅުމާލޭގެ އެ ބޮޑު އާބާދީއަށް ކޭޓާކުރެވޭނެ ވަރެއް ނޫނެވެ. ބޮޑު ބަދަލެއް ބޭނުންވެއެވެ. މިހާރު މިއޮތް ވަރަކުން ނުފުދެއެވެ. ދުވިސައްތަ ފަންސާސް އެނދުގެ އާ އިމާރާތުގެ މަސައްކަތް އަވަސްކޮށް، ފޭސް ދޭއް އަދި ތިނެއްގައި ފެންވަރު ރަނގަޅު އިތުރު ސިއްހީ މަރުކަޒުތަކެއް ޤާއިމުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ ކަމެކެވެ. އެހެން ނޫން ނަމަ، ބާރު ބޮޑުވެ މިއޮއް ހޮސްޕިޓަލް އިތުރަށް ބަލިވުން ނޫން ގޮތެއް ނޯންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ