މި މަހުގެ ފުރަތަމަ ހަފްތާގައި ދިވެހި ފުލުހުންގެ ހިދުމަތައް ހުށަހަޅާފައިވާ ސްކޭމް މައްސަލަތަކުގެ ތެރެއިން 2 ލައްކައަށްވުރެ ގިނަ ފައިސާ އަނބުރާ ހޯދައިފި އެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 01 ވަނަ ދުވަހުން ފެށިގެން 07 ވަނަ ދުވަހަށް ސްކޭމްގެ ބައިވަރު މައްސަލަތައް ހުށަހަޅާފައިވެ އެވެ.
މި މުއްދަތުގެ ތެރޭގައި 55 ސްކޭމް މައްސަލަ ހުށަހަޅާފައިވާއިރު، އެ މައްސަލަތަކުގައި 494712.70 ރުފިޔާ ގެއްލިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވެ އެވެ. އަދި މީގެތެރެއިން މިހާރު 270070.40 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ސްކޭމްގެ މައްސަލަތަކުގެ ތެރެއިން އެ ސެންޓަރަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ އީކޮމަރސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތައް ހުށަހަޅާފައިވަނީ 27 މައްސަލަ އެވެ.
މީގެއިތުރުން ބޭރު ފައިސާ މާރުކުރުމުގެ 7 މައްސަލައަކާއި، އިމްޕަރސަނޭޝަންގެ 14 މައްސަލައަކާއި، ސްކޭމާ ގުޅުންހުރި އެހެނިހެން މައްސަލަތަކުގެ ގޮތުގައިވެސް 7 މައްސަލައެއް ހުށަހަޅާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މި ހުރިހާ ސްކޭމްތައް ކުރުމުގައިވެސް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯނު ކޯލާއި، އައިބޭއާއި، އޮންލައިންކޮށް މެސެޖު ކުރާ މަންސަތަކާއި، ފިޝިންގ ލިންކުތަކާއި ފޭސްބުކް މާކެޓް ޕްލޭސް އެވެ.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރު ކުރުމާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާ ނުކުރުމާއި،އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މުހިންމުކަމެއްކަމަށް ފުލުހުން ވިދާޅުވެ އެވެ. އަދި މިފަދަ މައްސަލަތަކުގައި ހަނު ހުރުމުގެ ބަދަލުގައި މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓް ކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.
ސްކޭމްކޮށްގެން ގެއްލުނު 2 ލައްކައަށްވުރެ ގިނަ ފައިސާ އަނބުރާ ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ