ފަޔަފޮކްސް ބްރައުޒާގައި އޭއައި ފީޗާތައް ކޮންޓްރޯލް ކުރުމުގެ އިޚްތިޔާރު ޔޫޒަރުންނަށް ދެނީ

މޮޒިލާ ފަޔަފޮކްސް ބްރައުޒާގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފީޗާތައް ބޭނުންކުރާނެ މިންވަރު ކަނޑައެޅުމުގެ ފުރިހަމަ ބާރު ބޭނުންކުރާ ފަރާތްތަކަށް ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ. މި މަހުގެ 24 ވަނަ ދުވަހު ނެރޭ ފަޔަފޮކްސްގެ 148 ވަނަ އަޕްޑޭޓާއެކު، އޭއައި ފީޗާތައް ކޮންޓްރޯލް ކުރެވޭނެ ހާއްސަ މަރުކަޒީ ހަބެއް ތައާރަފްކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މި އާ ބަދަލުގެ ސަބަބުން ބްރައުޒާގެ އެކި ވަސީލަތްތަކުގެ ތެރެއިން ބޭނުންކުރާނީ ކޮން ކަންތައްތަކެއްކަން ނުވަތަ ނުކުރާނީ ކޮން ކަންތައްތަކެއްކަން ޔޫޒަރުންނަށް އަމިއްލައަށް އިޚްތިޔާރު ކުރެވޭނެއެވެ. މޮޒިލާ އިން ފާހަގަކުރި ގޮތުގައި، މިހާރު ގިނަ ބްރައުޒާތަކުގައި އޭއައި ފީޗާތައް ހުންނަނީ ޔޫޒަރުންނަށް އެއްވެސް އިޚްތިޔާރެއް ނެތި އަމިއްލައަށް އެނޭބަލް ވެފައެވެ. މީގެ ސަބަބުން ބޭނުން ނުކުރި ނަމަވެސް ސައިޑްބާގައި ހުންނަ ޗެޓްބޮޓް ނުވަތަ އޮޓޯ ޓްރާންސްލޭޝަން ފަދަ ވަސީލަތްތައް އަބަދު ފެންނަން ހުރުމަކީ ބައެއް މީހުންނަށް އުނދަގޫވާ ކަމެއް ކަމަށް އެ ކުންފުނިން ދެކެއެވެ. މި އާ ކޮންޓްރޯލް ސެންޓަރުން މައިގަނޑު ފަސް ފީޗާއެއް ބޭނުންކުރުމުގެ ފުރުސަތު ލިބޭނެއެވެ. އޭގެ ތެރޭގައި ވެބްސައިޓްތަކުގެ ބަސް ތަރުޖަމާކުރުމާއި، ޕީޑީއެފް ފައިލްތަކަށް އޭއައިގެ އެހީގައި 'އޯލްޓް ޓެކްސްޓް' އިތުރުކުރުމާއި، އޭއައި ބޭނުންކޮށްގެން ޓެބްތައް ގްރޫޕްކުރުމުގެ އިތުރުން ލިންކްތަކުގެ ޕްރިވިއު ދެއްކުމާއި ބްރައުޒާގެ އަރިމަތީގައި އިންނަ އޭއައި ޗެޓްބޮޓް ހިމެނެއެވެ. ފޮޓޯކްރެޑިޓް -- މޮޒިއްލާ ބްރައުޒާގެ ސައިޑްބާގައި ބޭނުންކުރާނެ ޗެޓްބޮޓެއް އިޚްތިޔާރުކުރުމުގައިވެސް ފަޔަފޮކްސް އިން ވަނީ ގިނަ ފުރުސަތުތަކެއް ހުޅުވާލާފައެވެ. އެގޮތުން ޗެޓްޖީޕީޓީ، ކްލޯޑް، ކޮޕައިލަޓް، ޖެމިނައި އަދި މިސްޓްރަލް ފަދަ މަޝްހޫރު އޭއައިތަކުގެ ތެރެއިން ބޭނުން އެއްޗެއް ޔޫޒަރުންނަށް ހިޔާރުކުރެވޭނެއެވެ. މީގެ އިތުރުން، އެއްވެސް ވަރަކަށް އޭއައިގެ އެހީތެރިކަން ބޭނުން ނުވާ ފަރާތްތަކަށް، ޖެނެރޭޓިވް އޭއައިގެ ހުރިހާ ފީޗާއެއް އެއްކޮށް ބްލޮކް ކޮށްލުމުގެ ފުރުސަތުވެސް ލިބޭނެއެވެ. މިގޮތަށް ހިޔާރުކޮށްފިނަމަ، މުސްތަގުބަލުގައި މޮޒިލާ އިން ނެރޭ އޭއައިގެ އާ ވަސީލަތްތައްވެސް އޮޓޯއިން ހުންނާނީ ބްލޮކް ކުރެވިފައެވެ. މޮޒިލާ އިން ބުނީ އޭއައި އަކީ އިންޓަނެޓް ބޭނުންކުރުމުގެ ތަޖުރިބާގެ ބަޔަކަށް ވަމުންދާއިރު، ބޭނުންކުރާ މީހުންނަށް އެކަމުގައި އިޚްތިޔާރު ދިނުމަކީ އެ ކުންފުނިން އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ. އަދި ބޭނުންކުރާ މީހާ އޭއައި އާ މެދު ކޮންމެ ގޮތަކަށް ދުށް ކަމުގައިވިޔަސް، އެމީހަކު ބޭނުންވާ ގޮތަކަށް ބްރައުޒާ ބައްޓަންކުރުމުގެ ފުރުސަތު މި އާ އަޕްޑޭޓާއެކު ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ