ދައުލަތަށް ނުލިބިވާ ފައިސާގެ އަދަދު 13.8 ބިލިއަން ރުފިޔާގައި

މިދިޔަ އަހަރު ނިމުނުއިރު، ދައުލަތަށް ޓެކުހާއި ފީގެ ގޮތުގައި ލިބެންޖެހޭ އަދަދު 13.8 ބިލިއަން ރުފިޔާއަށް އަރާކަމަށް ދައުލަތުގެ ޓެކްސް އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކުރި މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ރިޕޯޓަށް ބަލާއިރު، 13.8 ބިލިއަން ރުފިޔާގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބެންޖެހެނީ ޓެކުހުގެ ގޮތުގައެވެ. ޓެކުހުގެ ގޮތުގައި 7.8 ބިލިއަން ރުފިޔާ ލިބެންޖެހޭއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބެންޖެހެއެވެ.
މިދިޔަ އަހަރު ނިމުނުއިރު އެންމެގިނަ ފައިސާ ނުލިބިއޮތީ ރިސޯޓްތަކުގެ ކުލިންނެވެ. ރިސޯޓްތަކުގެ ކުލިން 5.6 ބިލިއަން ރުފިޔާ ލިބެންޖެހޭއިރު، ދެން އެންމެގިނައިން ލިބެންޖެހެނީ، އާއްމު ޖީއެސްޓީ، އިންކަމްޓެކްސް، އަދި ޓީޖީއެސްޓީންނެވެ.
- އާއްމު ޖީއެސްޓީ: 3.3 ބިލިއަން ރުފިޔާ
- އިންކަމްޓެކްސް: 2 ބިލިއަން ރުފިޔާ
- ޓީޖީއެސްޓީ؛ 1.4 ބިލިއަން ރުފިޔާ
މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޓެކުހުގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބެންޖެހޭއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 210 މިލިއަން ރުފިޔާ އާއެކު ޖުމްލަ 2.3 ބިލިއަން ރުފިޔާ ލިބެންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ