ދުވާލަކަށް އެންމެ ގިނައިން ފަތުރުވެރިން އައުމުގެ ރެކޯޑު މި މަހު ތިން ވަނަ ފަހަރަށް މުގުރާލައިފި
ދުވާލަކަށް އެންމެ ގިނައިން ފަތުރުވެރިން އައުމުގެ ރެކޯޑު، މި މަހު ތިން ވަނަ ފަހަރަށް އިއްޔެ މުގުރާލައިފިއެވެ. އެންމެ ފުރަތަމަ އެ ރެކޯޑު މުގުރާލީ، މިމަހު އެކެއްގައެވެ. އެ ދުވަހު އައި 10،253 ފަތުރުވެރިންގެ ރެކޯޑު އާކުރީ، އޭގެ ހަފުތާއެއް ފަހުން މި މަހު އަށެއްގައެވެ. އެ ދުވަހު ވަނީ، 10،462 ފަތުރުވެރިން އައިސްފައެވެ. https://sun.mv/217760 އޭގެފަހުން، އިއްޔެ ވަނީ، ދުވާލަކަށް އެންމެ ގިނަ ފަތުރުވެރިން އައުމުގެ ރެކޯޑު މުގުރާލާފައެވެ. އެގޮތުން، ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި، އިއްޔެ އެކަނި 11،136 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ޗައިނާގެ އެއާލައިނަކުން އައި ފަތުރުވެރިއެއް: ދުވާލަކަށް އެންމެ ގިނައިން ފަތުރުވެރިން އައުމުގެ ރެކޯޑު މި މަހު ތިން ވަނަ ފަހަރަށް ވަނީ މުގުރާލައިފައި -- ފޮޓޯ/ އެމްއޭސީއެލް އެ ހިސާބުތަކުން ދައްކާ ގޮތުގައި، އިއްޔެގެ ނިޔަލަށް 349،990 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ، މިދިޔަ އަހަރުގެ މި މުއްދަތާ ބަލާއިރު، 7.6 އިންސައްތައިގެ ކުރިއެރުމެއް ކަމަށްވާއިރު، ދުވާލަކަށް 7،778 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެއެވެ. މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްގެން މާކެޓުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. އެ ގައުމުން އެކަނި، 49،704 ފަތުރުވެރިން އިއްޔެގެ ނިޔަލަށް އައިސްފައިވެއެވެ. އަދި 40,141 ފަތުރުވެރިންނާ އެކީ، މާކެޓުގެ ދެވަނައިގައި އޮތީ ރަޝިއާއެވެ. އޭގެއިތުރަށް، އިޓަލީން އިއްޔެގެ ނިޔަލަށް 34،320 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން މިހާތަނަށް އައިސްފައި ވަނީ، ރިސޯޓުތަކަށެވެ. އެ ތަންތަނަށް ދެ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، ގެސްޓްހައުސްތަކަށް ވަނީ 94،234 ފަތުރުވެރިން އިއްޔެގެ ނިޔަލަށް އައިސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ