ސަރުކާރުތަކުގައި ވެރިން ވައުދުވިޔަސް، އެކަމަކީ ހަގީގަތުގައި ވެސް ކުރެވޭވަރުގެ ކަމެއްތޯ ރައްޔިތުން ވިސްނަންޖެހޭނެ ކަމަށާއި ސަރުކާރުގެ ގިނަ ވައުދުތަކަކީ ބިލާހީ ވައުދުތަކެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސޯލިހު މިހެން ވިދާޅުވީ، ގދ. ތިނަދޫގައި ކައުންސިލް ކެމްޕޭން އިފްތިތާހުކުރަން ރޭ އެ ރަށުގައި ބޭއްވި ޖަލްސާގަ އެވެ. މި ސަރުކާރުން ވެފައިވާ ގިނަ ވައުދުތަކަކީ އިންސާނެއްގެ ބުންދީން ބަލާއިރުވެސް ކުރެވޭނެ ކަންކަން ނޫންކަން އެނގޭކަން ފާހަގަކުރައްވާ، ނުކުރެވޭވަރުގެ ކަންކަމަށް ވައުދުވާތީ، މި ޖަލްސާގައި ސަރުކާރަށް ވަރަށް ބޮޑަށް ސޯލިހު ފާޑުވިދާޅުވި އެވެ.
ތަފްސީލް - މި ސަރުކާރުން ވެފައިވާ ނުފުއްދޭވަރުގެ ވައުދުތަކުގެ ތެރޭގައި، ރަސްމާލެ އާއި މާލެ 200 މީޓަރު އަޑީގެ ބިއްލޫރި ޓަނަލަކުން ގުޅާލަންވީ ވައުދާއި ދިވެހި ސަރުކާރުގެ ކުންފުނިތަކުން ހަދާ ރިސޯޓުތަކުން ކޮންމެ ރައްޔިތަކަށް އަހަރަކު 400 ޑޮލަރު ދިނުމަށް ވީ ވައުދު ސޯލިހު ފާހަގަކުރެއްވި އެވެ.
ގދ. ކާޑެއްދޫ އާއި ތިނަދޫ ގުޅާލުމަށް ވީ ވައުދާއި އޭގެ ފަހުން ރަށުގެ ބިން ހިއްކައިގެން ފްލޯޓިން ޓާމިނަލާ އެކު ސަރަހައްދުގައި ނެތްވަރުގެ ސިޓީއެއް ގާއިމުކުރަންވީ ވައުދު ވެސް ފާހަގަކުރެއްވި އެވެ
ސޯލިހު ވިދާޅުވީ، އެ މަސައްކަތުގެ ޕްރޮޕޯސަލް ހުށަހަޅާފައި އޮތް ކުންފުނިން، އެ ޕްރޮޕޯސަލާ އެކު އެމްޑީޕީގެ ވެރިކަމުގައި ވެސް ސަރުކާރާއި ބައްދަލުކުރި ކަމަށާއި އެ މަނިކުފާނު ފުރަތަމަ ބެއްލެވީ އެއީ ކީއްކުރާ ބައެއްތޯ ކަމަށެވެ.
"ކުކުޅު ގެންގުޅޭ ބަޔަކަށް ކިހިނެއްތޯ ރަށެއްގައި އެއާޕޯޓެއް އަޅާ ސިޓީއެއް ތައްޔާރުކުރާނީ. ނަމަވެސް މިރަށަށް ވަޑައިގެން އެ ދެއްކެވި މަންޒަރުތައް މިއަދު އެ ވަނީ ބިލާހަކަށް ވެފައި،" ސޯލިހު ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު މިދަންނަވަނީ ވެރިއަކު އަދި ވިދާޅުވިޔަސް އަޅުގަނޑުމެން އެޔާ ދޭތެރޭގައި ވިސްނާފިކުރުކުރަންޖެހޭނޭ އެއީ ކުރެވޭވަރުގެ ކަމެއްތޯ."
ސަރުކާރުގެ ގިނަ ވައުދުތަކަކީ ބިލާހީ ވާހަކަތަކެއް ކަމަށާއި އެ ސިޔާސަތުތައް ގަބޫލުކޮށްގެން ކައުންސިލްތަކަށް ކުރިމަތިލާ ކެންޑިޑޭޓުން އައްޔަންކޮށްފި ނަމަ ރަށަށް ވެގެންދާނެ ގޮތް ވެސް ވިސްނުމަށް ސޯލިހު އެދިވަޑައިގަތެވެ.
ސޯލިހު ވިދާޅުވީ އެމްޑީޕީން ކައުންސިލުތަކަށް ހަމަޖައްސާފައިވާ މީހުންނަކީ ސަރުކާރަށް ސަނާ ކިޔަން އަދި ސަރުކާރުން ބުނާހާ ގޮތަކަށް ކަންކަން ކުރަން އިންތިހާބުކުރާ ބައެއް ނޫން ކަމަށެވެ. ސަރުކާރުން ކަމެއްގެ ވާހަކަ ބުނީމާ އެއީ ކުރެވޭނެ ކަމެއްތޯ އަމިއްލަ ސިކުނޑިން ވިސްނަންޖެހޭ ކަމަށާއި ހާއްސަކޮށް އިސް މަގާމުތަކަށް އައްޔަންކޮށްފައިތިބޭ މީހުން އެކަންކަމަށް ވިސްނަންޖެހޭނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.
ސަރުކާރުން ވިސްނުމެއްނެތި މަޝްރޫއުތަކަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން ވެސް ސޯލިހު ފާހަގަކުރެއްވި އެވެ. އެގޮތުން މިސާލަކަށް ނެންގެވީ މިފްކޯގެ ބޮޑުކަންނެލި ޕްރޮސެސްކުރާ ފެކްޓްރީ ހިންގަމުންދިޔަ ކ. ކަނޑުއޮތްގިރި އެވެ.
ސޯލިހު ވިދާޅުވީ، އެ ތަން ތަރައްގީކުރަން ސައުދީ ފަންޑުން އެހީ ލިބި، މަސައްކަތް އެއްކޮށްހެން ނިމިފައި އޮއްވާ މި ސަރުކާރުން ވެރިކަމާ ހަވާލުވެ، އެ ރަށް ސިފައިންނަށް ދިނުމުން، އެ ތަނަަށް ފަންޑުކުރި ސައުދީން އެ މަސައްކަތް ހުއްޓުވީ ކަމަށެވެ.
މިފްކޯއިން އުފައްދާ ލައިފްސްޓައިލް ޕްރޮޑަކްޓްތަކުގެ މައި ހަބު ކަމުގައިވާ ކަނޑުއޮތްގިރި މި ސަރުކާރުން އެމްއެންޑީއެފަށް ދީފައިވަނީ އޮގަސްޓު 2024ގެ ތެރޭގަ އެވެ. ކަނޑުއޮތްގިރި އެމްއެންޑީއެފަށް ދިނީ، ބަދަލުގައި، އެ ކުންފުނިން ކުރަމުން ދިޔަ މަސައްކަތާ އެކަށީގެންވާ ބިމެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑައެޅާ ގޮތަށެވެ.
"އެބޭފުޅުން [ފައިނޭންސްކުރި ފަރާތުން] އެންގެވީ ތިއީ އަސްކަރީ މަސައްކަތެއް ކުރަން ތިމަންނަމެން ދީފައިހުރި ފައިސާއެއް ނޫނޭ. މަސްވެރިކަން ތަރައްގީކުރަން ދިން ފައިސާއޭ،" ސޯލިހު ވިދާޅުވި އެވެ.
"މަޖުބޫރުވެގެން އެތަން އަނެއްކާ އެއޮތީ މިފްކޯއާ ހަވާލުކޮށްފައި. ކުރިއިރު އެތަނަށް ކުރި އިންވެސްޓުގެ ބޭނުންކުރެވޭނެ ހަމަ އެއްވެސް ގޮތެއް ނެތް. މިހުރީ ދެކޮޅު ނުޖެހޭ ވިސްނުމެއްނެތި މަސައްކަތްކުރުމުގެ ސަބަބުން ޖެހިފައިހުރި ދަތިތަކެއް."
ސޯލިހު އިތުރަށް ވިދާޅުވީ، ސަރުކާރުން މިއަދު ވެސް ކުރަންވީ ކަމަކީ ފަށާފަ ނުނިމިހުރި މަަސައްކަތްތައް ނިންމުން ކަމަށެވެ.
ވެރިއަކު ވައުދުވިޔަސް އެއީ ކުރެވޭވަރު ކަމެއްތޯ ރައްޔިތުން ވިސްނަންޖެހޭނެ: ސޯލިހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ