ބޮޑު އާބާދީއެއް އޮންނަ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޓަވަރުތަކަށް ކަރަންޓު ނުލިބި 3 ގަޑިއިރު

ބޮޑު އާބާދީއެއް އޮންނަ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޓަވަރުތަކަށް ކަރަންޓު ނުލިބި ތިން ގަޑިއިރު ވާންދާއިރު އަދިވެސް ކަރަންޓު ނުލިބޭކަން އެނގިއްޖެއެވެ. މިއަދު ހަވީރު 15:20 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ، ވިނަރެސް އަދި ފަހި ދިރިއުޅުން ޓަވަރުތަކުން ވަނީ ކަރަންޓު ގޮސްފައެވެ. މިހާތަނަށް އަދިވެސް ކަރަންޓު ލިބިފައި ނުވާކަން 'ސަން' އަށް ވަނީ އެނގިފައެވެ. އެކަމާ ގުޅިގެން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކަށް ކަރަންޓު ފޯރުކޮށްދިނުން މެދުކެނޑުނު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، އިތުރު ޓެކްނިކަލް މައްސަލަތަކެއް ފާހަގަވެފައިވާތީ، އެ މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް އެ ކުންފުނީގެ ޓެކްނިކަލް ޓީމުން ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. https://x.com/STELCOMALDIVES/status/2043313288885555252 ނަމަވެސް ހައްލުވާނެ ވަކި އިރެއް އެ ކުންފުނިން ހާމައެއް ނުކުރެއެވެ. 'ސަން' އާ ވާހަކަދެއްކި މީހަކު ބުނި ގޮތުގައި ވިނަރެސްގެ އެއްވެސް ޓަވަރެއްގައި މިހާރު ކަރަންޓެއް ނެތެވެ. ގާތްގަނޑަކަށް މިއަދު ހަވީރު 14:35 ހާއިރު ކަރަންޓު ދިޔަ ގޮތަށް އަދިވެސް ނުލިބޭ ކަމަށް އޭނާ ބުންޏެވެ. https://sun.mv/220501 ކަރަންޓު ނެތުމުގެ ސަބަބުން ލިފްޓުން ތިރިއަށް ނުފޭބި ވަރަށް ގިނަ ބަޔަކު އެބަތިބި ކަމަށާއި، އަނެއް ބަޔަކު މައްޗަށް ނޭރި، ޓަވަރުތަކުގެ ތިރީ ޕާކުތަކުގައި ވެސް އެބަތިބިކަން އޭނާ ފާހަގަކުރިއެވެ. ވިނަރެސް ޓަވަރުތަކުގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާގެ އަށް ޓަވަރަކުން ވެސް ވަނީ ކަރަންޓު ގޮސްފައެވެ. މާލެއާއި ހުޅުމާލެއިން ވެސް ކަރަންޓު ކެނޑުމުގެ މައްސަލަތައް މިހާރު އަންނަނީ ދޭތެރެއަކުން ދިމާވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ