ސްކޫކު ދެއްކުމުން ރާއްޖެ ދަރުވާ ނުލެވޭނެކަން އިންވެސްޓަރުންނަށް އެނގިއްޖެ: ސައީދު

ބައިނަލްއަގުވާމީ މާލީ ބާޒާރަށް ވިއްކާފައިވާ ރާއްޖޭގެ 500 މިލިއަން ޑޮލަރުގެ ސްކޫކު މި މަހުގެ ކުރީކޮޅު ދެއްކުމުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެއާ މެދު އިތުބާރު ބޮޑުވެފައިވާ ކަމަށާއި ރާއްޖެ ދަރުވާނުލެވޭނެކަމުގެ ޔަގީންކަން އެ ފަރާތްތަކަށް ލިބިފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި މަހުގެ 8 ވަނަ ދުވަހަށް މުއްދަތު ހަމަވާ 500 މިލިއަން ޑޮލަރުގެ ސްކޫކަށް ދައްކަން ޖެހޭ ފައިސާ ސަރުކާރުން ވަނީ މި މަހުގެ 2 ވަނަ ދުވަހު ދައްކައި ހަލާސްކޮށްފަ އެވެ.
އެ ފައިސާ ދެއްކީ ދައުލަތުގެ ރަސްމީ ރިޒާވުގައި ހުރި ފައިސާ އާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ބޭނުންކޮށްގެންނެވެ.
ބުނީ ކީކޭ؟ - އިކޮނޮމިކް މިނިސްޓްރީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ، ސްކޫކު ދައްކައި ނިންމާފައިވަނީ ވެސް ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ފާޑުކިއުންތައް އަމާޒުވަމުންދަނިކޮށް ކަމަށެވެ. 
އެކަމަކީ، ރާއްޖޭގެ ވިޔަފާރިވެރިންނަށް ލިބިގެންދިޔަ އާ އުންމީދެއް ކަމަށާއި ރާއްޖޭގައި އިންވެސްޓުކުރަން ބޭނުންވާ އިންވެސްޓަރުންނަށް ވެސް ލިބިގެންދިޔަ ބޮޑު ޔަގީންކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖެއަށް އިންވެސްޓުކުރާ ފަރާތްތަކުގެ އިތުބާރު ވަރަށް ބޮޑަށް އިތުރުވެގެންދިޔައީ. ރާއްޖެ ނުދަރާނެ އިންވެސްޓަރުންނަށް ޔަގީންވެގެންދިޔައީ. އިންވެސްޓުކުރާ ފަރާތަކަށް އެނގިގެން ދިޔައީ ދިވެހިންނަކީ ވަކި ގޮތެއްގައި ތިބޭ ބައެއްކަން. ދަރުވައެއް ނުލެވޭނެކަން ޔަގީންވެގެންދިޔައީ،" ސައީދު ވިދާޅުވި އެވެ.
އެއީ، ރާއްޖޭގެ އިގްތިސޯދަށް މިހާތަނަށް ލިބިގެންދިޔަ އެންމެ ބޮޑު އުންމީދު ކަމަށް އޭނާ ވިދާޅުވި އެވެ.  
ސައީދު ވިދާޅުވީ، ދައުލަތުން އަދާކުރަންޖެހޭ ދަރަނިތައް ދެއްކުމުގައި އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ، 2024ގައި ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަންފީޒުކުރަން ފަށައި ސަރުކާރުން ވިސްނުންތެރިކަމާ އެކު އަޅަން ފެށި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.
އެކަމަކީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް ކުރަން ކެރިފައިވާ ކަމެއް ނޫން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ