އިންޑޮނޭޝިއާގައި 2 ރޭލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، 14 މީހުން މަރުވެއްޖެ
އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ހާދިސާއެއްގައި 14 މީހުން މަރުވެއްޖެއެވެ. އެ ހާދިސާގައި އިތުރު 84 މީހުން ވަނީ ޒަޚަމުވެފައެވެ. ޖަކާޓާގެ ބޭރުގައި އޮންނަ ބެކާސީގައި ރޭ ދަންވަރު އެ ހާދިސާ ހިނގީ ދިގު ދަތުރުތައް ކުރާ ރޭލަކާއި އެތެރޭގެ ދަތުރުތަކަށް ޚާއްސަކޮށްފައި އޮންނަ ރޭލެއް ޖެހިގެންނެވެ. އިންޑޮނޭޝިއާގެ ސާޗް އެންޑް ރެސްކިއު އެޖެންސީގެ ވެރިޔާ މުހައްމަދު ސިޔާފީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މިހާރު ދިރިތިބި މީހުން ސަލާމަތް ކުރުމަކީ ވަރަށް އުދަގޫވާނެ ކަމެއް ކަމަށެވެ. އިންޑޮނޭޝިއާގެ ރޭލު އެކްސިޑެންޓުގައި ސަލާމަތްވި ބައެއް މީހުން. ފޮޓޯ/އޭޕީ ސިޔާފީ ވިދާޅުވީ، ރޭލުގެ ބައިތަކުގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ވަރަށް ބޮޑަށް ދަތިވީ ރެސްކިއު ޓީމުން މަސައްކަތްކުރާ ޖާގަ ކުޑަވުމާއި ރޭލުގެ ބައިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ހުރުމުން ކަމަށެވެ. މީހުން ސަލާމަތް ކުރުމަށް ގްރިންޑަރު ބޭނުންކޮށްގެން ރޭލުގެ ބައިތައް ކެފުމުގެ މަސައްކަތްތަައް ދަނީ ކުރަމުންނެވެ. "އަޅުގަނޑުމެންނަށް ބޭނުންވީ ވަކި ހުނަރުތަކެއް ހުރި މުވައްޒަފުން ޝާމިލުކޮށްގެން މީހުން ސަލާމަތްކުރުުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް،" އޭނާ ވިދާޅުވިއެވެ. ރޭލު އެކްސިޑެންޓްގައި މަރުވި މީހެއްގެ ހަށިގަނޑު ގެންދަނީ. ފޮޓޯ/އޭޕީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅޭ މީހުން އަންނަނީ ރޭލު ކޮމްޕާޓްމަންޓްތަކުގެ ދަގަނޑުތައް ކަފާލައިގެން އެތެރެއަށް ވަދެ ސަލާމަތުން ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ހާދިސާއާ ގުޅިގެން އެ ސަރަހައްދު ހަލަބޮލިވެފައިވާއިރު، އެމްބިއުލާންސްތަކާއި އޮކްސިންޖަން ޓޭންކަރުތައް ވެސް ވަނީ ގެންގޮސްފައެވެ. އިންޑޮނޭޝިއާގެ ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ކޮމިޓީ (ކޭއެންކޭޓީ)އިން ދަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ. އިންޑޮނޭޝިއާގައި އެންމެ ފަހުން ބޮޑު ރޭލު އެކްސިޑެންޓެއް ހިނގީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ހުޅަނގު ޖާވާ ޕްރޮވިންސްގައެވެ. އެ ހާދިސާގައި ހަތަރު ކްރޫ މެންބަރުން މަރުވެ، އެތައް ބަޔަކު ޒަަޚަމުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ