ޕީއެންއެފް މުޒާހަރާ ވަގުތުން ދެއްކުން ހުއްޓާލަން މީޑިއާ ކޮންޓްރޯލް ކޮމިޝަނުން ޗެނަލް13އަށް އަންގައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފުން ކޮންމެ ރެއަކު ސިލްސިލާކޮށް މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގެ މަންޒަރުތައް ލައިވްކޮށް ވަގުތުން ދުރަށް ދެއްކުން ހުއްޓާލުމަށް މީޑިއާ ކޮންޓްރޯލް ކޮމިޝަނުން ޗެނަލް 13އަށް އިއްޔެ އަންގައިފި އެވެ.
ވީކިހިނެއް؟ - 'އަދަދު' ނޫހުން މިދިޔަ މަހުގެ ފަހުކޮޅު ގެނެސްދިން 'އައިޝާ' ޑޮކިއުމަންޓަރީއެއްގައި ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުކުރި ފަހުން ޕީއެންއެފްގެ މުޒާހަރާތަކުގައި ދަނީ އެ ވާހަކަ ދައްކަމުންނެވެ. އަދި ގިނަ ރޭތަކުގައި މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ސޯފާއެއް ނެރެ ބަހައްޓަ އެވެ.
ތަފްސީލް - މީޑިއާ ކޮންޓްރޯލް ކޮމިޝަނުން ޗެނަލް13އަށް ފޮނުވި ސިޓީއެއްގައި ބުނީ އެ މުޒާހަރާގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ކަންކަން ފެންނާތީ އެ މުޒާހަރާގެ ލައިވް ކަވަރޭޖް މިނެޓެއް ލަސްކޮށް ގެނެސްދިނުމަށް ކޮމިޝަނުން ކުރިން އެންގި އެންގުމާ ހިލާފަށް ޗެނަލް 13 އިން ތަކުރާރުކޮށް މުޒާހަރާގެ މަންޒަރުތައް ވަގުތުން ގެނެސްދީފައިވާ ކަމަށެވެ.
އެހެންވެ، ކޮންޓްރޯލް ކޮމިޝަނުން ބުނީ:
ޗެނަލް 13އިން ލައިވްކުރަމުން ދިޔަ މަންޒަރުތަކަކީ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން ހަދާފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުންނާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑުގެ ހަމަތަކާ ހިލާފު މަންޒަރުތަކެއް އާންމުކުރަމުންދާ މައްސަލައެއް
އެ މައްސަލަ ކޮމިޝަނުން ބަލަމުންދާ ކަމާއި ކޮމިޝަނުން ބަލަމުންދާ މައްސަލާގައި ވަކި ގޮތެއް ނިމެންދެން އަދި ކޮމިޝަނުން ވަކި ގޮތެއް އަންގަން ދެން ޗެނަލް 13އިން ގެނެސްދޭ މުޒާހަރާގެ ލައިވް ކަވަރޭޖް ވަގުތީ ގޮތުން މެދުކަނޑާލުމަށް އަންގާ ކަމަށް
ފާހަގަކޮށްލެވޭ ކަމެއް - ފުލުހުން ރޭ ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ، އެ ތަނުގައި ހުރި އެ ނޫހުގެ ބައެއް މުދާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ އިތުރުން މި ސަރުކާރުގެ ސިޔާސީ ވަޒީފާތަކެއް އަދާކުރި އީޝާ އަޝްރަފުގެ ޕާސްޕޯޓް ވެސް ވަނީ ތިން މަސްދުވަހަށް ހިފަހައްޓާފަ އެވެ. އެ ގޮތުން:
ކޯޓު އަމުރުތަކުގައިވާ ގޮތުން، ފިޔާޒާއި ހަސަނުގެ އިތުރުން އީޝާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ޑޮކިއުމަންޓަރީ ތައްޔާރުކުރުމުގައި އެ މީހުންގެ ބައިވެރިވުން އޮތް ކަމަށް
އެ ތިން މީހުން ވެސް ރާއްޖޭން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް ކޯޓު އަމުރުތަކުގައިވޭ
މި ޑޮކިއުމަންޓަރީ ނެރުނުތާ މަހެއްހާ ދުވަސް ފަހުން ރައީސް މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއްކޮށް ގަޒުފުކުރިކަމުގެ މައްސަލައެއް ފުލުހުން ތަހުގީގުކުރަން މި ފެށީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ ނޫސްވެރިޔަކު ރައީސްއާ އެ ސުވާލު އަމާޒުކޮށްފައި ވަނިކޮށެވެ. އަދި އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ވެސް "ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރަން ކަމާ ބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން އެދޭ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ