ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ދެކުނުގެ ދެ ސިޓީއަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ވައިޓް އެލާޓް ނެރެފިއެވެ.
މިއަދުގެ މެންދުރު ފަހު 3:30 އިން ފެށިގެން މިރޭ 9:30 އާ ހަމައަށް ވައިޓް އެލާޓް ނެރެފައިވަނީ ފުވައްމުލަކު ސިޓީއިން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.
މެޓު އޮފީހުން ބުނީ މި ވަގުތުތަކުގައި އެ ދެ ސިޓީއަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ.
މިއަދުގެ މޫސުން ލަފާކޮށްފައިވާގޮތަށް ބަލާއިރު މިއަދު ހަވީރު 6:00 އާ ހަމައަށް މެދުރާއްޖެ ތެރެއާއި ދެކުނުގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށްވެސް މެޓުން ލަފާކޮށްފައިވެއެވެ. މެޓުން ބުނިގޮތުގައު އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެއެވެ.
މެޓުން އިތުރަށް ބުނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާކަމަށެވެ.
އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކޮށް މެޓުން ބުނީ ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓާއި ދެމުގައިކަމަށެވެ.
ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ދެކުނުގެ ދެ ސިޓީއަށް ވައިޓް އެލާޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ