މާ އަގު ބޮޑު ބޭސްތަކެއް ބޭނުން ނުކޮށް، ފަސޭހައިން ހަދާލެވޭ ތަމްރީންތަކަކުން ޑިމެންޝިއާގެ ނުރައްކާ ކުޑަކޮށްދޭނެ ކަމަށް ސައެންސްވެރިންގެ ދިރާސާއަކުން ދައްކައިފިއެވެ. އެމެރިކާގެ ޖޯންސް ހޮޕްކިންސްގެ ޔުނިވަސިޓީގެ ސައެންސްވެރިން ބުނާ ގޮތުގައި ޑިމެންޝިއާގެ ހާލަތު ކުރިމަތިވުމުގެ ކުރިން ވެސް، އަދި އެކަމުގެ ނުރައްކާ އޮތް ކަމަށް ފެންނަން ފަށައިފި ނަމަ، ބޭސްތަކެއް ކެއުމަށް އަމާޒު ހިފުމުގެ ބަދަލުގައި ވިސްނަންވީ ސިކުނޑީގެ ކަސްރަތުތައް ކުރުމަށެވެ.
ޑިމެންޝިއާ (dementia) އަކީ މީހާގެ ހަނދާނާއި ވިސްނުން އަދި ދިރިއުޅުމުގައި ކޮންމެ ދުވަހަކު ކުރަންޖެހޭ ކަންތައް ކުރުމުގެ ގާބިލްކަމަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ބަލިތަކަކަށް ކިޔާ ނަމެކެވެ. ހަނދާންކުރުމަށާއި، ވިސްނުމަށާއި، އަދި އާންމު ދިރިއުޅުމުގައި ގޮތް ނިންމުމަށް ދަތިވާ ހާލަތު މެދުވެރިވުމަށް ޑިމެންޝިއާ ކިޔައެވެ. މިއީ އުމުރުން ދުވަސްވާ ވަރަކަށް ގޯސްވެދާނެ ހާލަތެކެވެ.
މި ދިރާސާގެ ސައެންސްވެރިން ބުނާ ގޮތުގައި ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ހަދާފައި ހުންނަ ވަރަށް ގިނަ ގޭމްތައް ހުރެއެވެ. އަދި ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ސްމާޓް ފޯނާއި ޓެބްލެޓް ފަދަ ތަކެތިން ބޭނުންކުރާނެ އެޕްލިކޭޝަންތައް ވެސް ހުރެއެވެ. އެފަދަ ގޭމްތަކާއި އެޕްތައް ބޭނުންކުރުމުން، ސިކުނޑީގެ ދުޅަހެޔޮކަން އިތުރުވާނެ ކަމަށް ބުންޏަސް، އެފަދަ ގޭމްތަކާއި އެޕްތަކުން ސިކުނޑިއަށް ކުރާ ހެޔޮ އަސަރުތައް ސާބިތުކޮށްދޭނެ އިތުބާރު ހުރި ދިރާސާތަކެއް މިހާތަނަށް ހެދިފައެއް ނެތެވެ.
މި ދިރާސާގެ ސައެންސްވެރިން ބުނި ގޮތުގައި ވަކި ހާއްސަ ތަމްރީންތަކަކުން ސިކުނޑިއަށް ހެޔޮ އަސަރުތަކެއް ކުރާކަން ވަނީ ސާބިތުވެފައެވެ. ނަމަވެސް މީގެ މާނައަކީ އެ ބާވަތުގެ ހުރިހާ ގޭމްތަކުން ހަމަ އެ މިންވަރަށް ސިކުނޑިއަށް ހެޔޮ އަސަރުތަކެއް ކުރުން ނޫން ކަމަށް ވެސް ސައެންސްވެރިން ދެކެއެވެ.
އެކްޓިވް (ACTIVE)ގެ ނަން ދީފައިވާ މި ދިރާސާ ހަދަން ފެށީ 1900ގެ ފަހުކޮޅުގެ އަހަރުތަކުގައެވެ. މި ދިރާސާގައި ބައިވެރިކުރީ 65 އަހަރުން މަތީގެ 2800 މީހުންނެވެ. މި ދިރާސާ ފެށުމުގެ ގޮތުން، މި ދިރާސާގައި ބޭނުންކުރާ ތަމްރީންތަކުގެ ބާވަތްތަކަށް – ސިކުނޑީގެ ދުވެލި، ހަނދާން، އާންމު ވިސްނުން – ބިނާކޮށް މި މީހުން މައިގަނޑު ހަތަރު ބަޔަކަށް ބަހައިލިއެވެ. އޭގެ ތެރެއިން އެއް ބަޔަކީ ކޮންޓްރޯލް ގުރޫޕެވެ.
މި މީހުންގެ ތަމްރީންތައް ކުރިއަށް ގެންދިޔައީ ފަސް ހަފުތާ ވަންދެން ހަފުތާއަކު ދެ ދުވަހު، އެއިން ކޮންމެ ދުވަހަކު އެއް ގަޑިއިރު ވަންދެން ކުރާ ތަމްރީންތަކެކެވެ. އަދި އެއް އަހަރު ފަހުންނާއި ތިން އަހަރު ފަހުން އިތުރު ސެޝަންތަކެއް ކުރިއަށް ގެންދިޔައެވެ. މި މުއްދަތުގައި ތަމްރީންތައް ހެދި ޖުމްލަ ވަގުތު 24 ގަޑިއިރަށް ވުރެ މަދެވެ.
މި ތަމްރީންތަކަށް ފަހުގައި ފަސް އަހަރު ފަހުންނާއި 10 އަހަރު ފަހުން އެމީހުންގެ ސިކުނޑީގެ ހާލަތު ސިއްހީ ގޮތުން ވަޒަންކޮށްގެން ބެލުމުން، ދުވެލީގެ ތަމްރީންތައް ހެދި މީހުން، ހެދި ތަމްރީންތަކާ އަޅައިބަލާއިރު އެކަށީގެންވާ މަންފާއެއް ކުރި ކަމަކަށް ނުފެނުނެވެ. ނަމަވެސް އެ ތަމްރީންތައް ހެދިތާ 20 އަހަރު ފަހުން އެމީހުންގެ ސިކުނޑީގެ ސިއްހީ ހާލަތު ވަޒަންކުރި އިރު، ދުވެލީގެ ތަމްރީންތަކާއި އިތުރު ތަމްރީންތައް ހެދި މީހުންގެ ކިބައިގައި، އެނޫން މީހުންނާ އަޅައި ބަލާއިރު، ޑިމެންޝިއާގެ ނުރައްކާތައް އުފެދުމުގެ ނުރައްކާ 25 އިންސައްތަ ކުޑައެވެ.
ސިކުނޑީގެ ދުވެލީގެ ހާލަތު ވަޒަންކުރުމަށް ހަދާ ތަމްރީންތަކުގައި، ކޮމްޕިއުޓަރު ސްކްރީނަކުން ބައިވެރިންނަށް ދައްކަނީ ފަހަރަކު މަންޒަރެކެވެ. އެ މަންޒަރަށް ބެލުމަށް ފަހު، އެ މަންޒަރުގައިވާ ވަކި ބާވަތެއްގެ އެއްޗަކަށް – ކާރުތަކަށް، މަގުމަތީގެ ޓްރެފިކް ނިޝާންތަކަށް، ކުޑަދޮރުތަކަށް – ކްލިކް ކުރަން ޖައްސައެވެ. އެންމެ އަވަހަށް އެ ތަކެއްޗަށް ކްލިކް ކުރާ މީހުންނަކީ ސިކުނޑީގެ ދުވެލި އެންމެ ބާރު މީހުންނެވެ.
ކުރިން މި ބުނި ތިން ބާވަތުގެ ތަމްރީންތައް (ސިކުނޑީގެ ދުވެލި، ހަނދާން، އާންމު ވިސްނުން) ހެދި މީހުންގެ ތެރެއިން، ޑިމެންޝިއާގެ ނުރައްކާ އެންމެ ކުޑަވީ ސިކުނޑީގެ ދުވެލީގެ ތަމްރީންތައް ހެދި މީހުންގެއެވެ. މިއިން އެނގެނީ، މިފަދަ ކަސްރަތުތައް ކުރުމުން، ސިކުނޑީގެ އެއް ބަޔާއި އަނެއް ބަޔާ ދެމެދުގައި ކުރެވޭ މުއާމަލާތްތައް ހަރުދަނާވެގެންދާ ކަމެވެ.
މި ދިރާސާގައި ބުނެފައިވާ ގޮތުން މި ބާވަތުގެ ތަމްރީންތަކުން ސިކުނޑީގެ ދުޅަހެޔޮކަށް އިއާދަކުރެވި، ޑިމެންޝިއާ ފަދަ ނަފްސާނީ އުނދަގޫތަކުގެ ނުރައްކާ ކުޑަކުރެވޭ ނަމަ، އެމެރިކާގައި އެކަނި ވެސް ޑިމެންޝިއާ ޖެހުމުގެ ނުރައްކާ 25 އިންސައްތަ ކުޑަކުރެވޭނެއެވެ. އެހެންވެއްޖެ ނަމަ، ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ހޭދައިން އަހަރަކު 100 ވަރަކަށް ބިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި މުޅި ދުނިޔޭގައި އަހަރަކު 57 މިލިއަން މީހުންނަށް ޑިމެންޝިއާ ޖެހެއެވެ. އަދި ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ ބަލިތަކުގެ ތެރެއިން ހަތް ވަނައިގައި ހިމެނެނީ ވެސް ޑިމެންޝިއާ އެވެ.
ސިކުނޑީގެ ތަމްރީންތަކުން ޑިމެންޝިޔާގެ ނުރައްކާ ކުޑަވޭ ސިކުނޑީގެ ތަމްރީންތަކުން ޑިމެންޝިޔާގެ ނުރައްކާ ކުޑަވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ