ސްކޫލް އެކްޓިވިޓީޒް ކަލަންޑަރުގައި ހަރަކާތްތައް ހިމަނަން ފުރުސަތު ހުޅުވާލައިފި

ކުރިއަށް އޮތް ދިރާސީ އަހަރުގެ ސްކޫލް އެކްޓިވިޓީޒް ކަލަންޑަރުގައި ތަފާތު ހަރަކާތްތައް ހިމަނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހުޅުވާލައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ވަނީ، 2017 ވަނަ އަހަރު ސްކޫލް އެކްޓިވިޓީޒް ކަލަންޑަރުގައި ހަރަކާތްތައް ހިމަނަން ބޭނުންވާ ފަރާތްތަކަށް، އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. "ސްކޫލް އެކްޓިވިޓީޒް ކަލަންޑަރުގައި ޙަރަކާތްތައް ހިމަނާނީ، އެ ޙަރަކާތެއްގެ ސަބަބުން ދަރިވަރުންނަށް އަންނާނެ ހެޔޮބަދަލުގެ މައްޗަށް ރިޢާޔަތްކުރުމަށް ފަހު. އެގޮތުން އެ ޙަރަކާތެއްގެ ސަބަބުން؛ މަޢުލޫމާތު، ހުނަރު، ޖިސްމާނީ ދުޅަހެޔޮކަން، ނަފުސާނީ ތަރައްޤީ އަދި އަޚްލާޤީގޮތުން ދަރިވަރުންނަށް ކުރާނެ މަންފާއަށް ރިޢާޔަތް ކުރެވޭނެ،" އެޑިއުކޭޝާން މިނިސްޓްރީން ބުންޏެވެ. "މި ކަންތައްތަކަށް ބެލުމަށްފަހު، ސްކޫލް އެކްޓިވިޓީޒް ކަލަންޑަރުގައި ޙަރަކާތްތައް ތާވަލުކުރާނީ ދަރިވަރުންނަށް އެންމެ ފައިދާހުރި ގޮތަކަށް ދަރިވަރުންގެ އިމްތިޙާނުތަކުގެ ތާރީޚަށްވެސް ބެލުމަށްފަހު." އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެކްޓިވިޓީޒް ކަލަންޑަރުގައި ހަރަކާތްތައް ހިމެނުމަށް އެދި ހުށަހަޅާނީ، "2017 ވަނަ އަހަރު ސްކޫލް އެކްޓިވިޓީޒް ކަލަންޑަރުގައި ހަރަކާތް ހިމެނުމަށް އެދި ހުށައަޅާ ޕްރޮޕޯސަލް" ގައިވާ ފޯމެޓަށް ކަމަށެވެ. އަންނަ އަހަރުގެ ސްކޫލް އެކްޓިވިޓީޒް ކަލަންޑަރުގައި ހަރަކާތްތައް ހިމަނަން ބޭނުންވާ ފަރާތްތަކުން 13 ނޮވެންބަރު 2016 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ވެލާނާގޭ އަށް ވަނަ ފަންގިފިލާގައި ހުންނަ އެޑިއުކޭޝަން މިނިސްޓްރީގެ ކައުންޓަރަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެ މިނިސްޓްރީން އެދިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ