"އިންޑިއާ ފަސްޓް ޕޮލިސީ" ބަސް އުފެއްދެވީ ރައީސް ޔާމީން: ޝާހިދު

"އިންޑިއާ ފަސްޓް ޕޮލިސީ" ބަސް އުފެއްދެވީ އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށާއި އެ ވާހަކަތައް ދައްކަވާފައިވަނީ އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ދަތުރުފުޅުގައި ގދ. ތިނަދޫ ސިޓީއަށް ވަޑައިގެން ބުދަ ދުވަހު ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ތިބޭނެ މަރުކަޒެއް ހަދާ ވާހަކަ އިދިކޮޅުން ދައްކަމުންގެންދާ ކަމަށާއި ނަމަވެސް އުތުރު ތިލަފަޅުގައި ކުރަމުންދާ މަސައްކަތްތަކަކީ 2015 ވަނަ އަހަރު ރައީސް ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ސޮއިކުރެވުނު އެއްބަސްވުމެއްގެ މަސައްކަތްތަކެއް ކަމަށެވެ.
ޝާހިދު ވިދާޅުވީ އުތުރު ތިލަފަޅުގައި ދިވެހި ސިފައިންނަށް ބޭނުންވާ ކޯސްޓްގާޑް ބަނދަރެއް ހެދުމާއި އެއާޕޯޓެއް އެޅުން ފަދަ ކަންކަމުގެ ވާހަކަ އެ އެއްބަސްވުމުގައި ހިމެނޭ ކަމަށާއި އުތުރު ތިލަފަޅުގައި ހަދަމުން ގެންދަނީ ކޯސްޓްގާޑަށް ބޭނުންވާ ބަނދަރެއް ކަމަށެވެ. އަދި ރާއްޖޭގައި އޮތް ދެ ހެލިކޮޕްޓަރު ގެނައުމަށް ވެސް ސޮއިކޮށްފައިވަނީ ކުރީގެ ސަރުކާރުތަކުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ އައްޑޫގައި ފުލުހުން ތަމްރީނުކުރާ މަރުކަޒު ހަދަމުންދިޔަ އިރުވެސް، އެއީ އިންޑިއާ ސިފައިން ތިބޭ މަރުކަޒެއް ކަމަށް އިދިކޮޅު ފަރާތްތަކުން ގޮވަމުން ދިޔަ ކަމަށާއި ނަމަވެސް މިހާރު އެތަން އަޅައި ނިންމައި، ފުލުފުލުގައި 300 ފުލުހުން ތަމްރީނުކުރަމުންދާ ކަމަށެވެ. އަދި އެ އެގްރިމަންޓުގައި ވެސް ސޮއިކުރައްވާފައިވަނީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ