ނިޒާމު ބަދަލުކުރުމަށް ކުރާ މަސައްކަތް ހުއްޓާލާ: ގާސިމް އިބްރާހިމް

ޤައުމުގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށާއި މުޅިޤައުމުގެ ހަމަޖެހުމަށްޓަކައި، ޤައުމު އިސްކޮށް ޤައުމައިގެން ކުރިއަށް ދިއުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު ނެރުއްވި ބަޔާނުގައިވަނީ އޮކްޓޯބަރު މަހުގެ 30ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކޮށް، އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައި ވީނަމަވެސް، ‏ރާއްޖޭގެ ޤާނޫން އަސާސީ އާއި ޤާނޫނުތަކާއި އެއްގޮތަށް ރިޔާސީ އިންތިޚާބެއްގެ ދެ ބުރު ބޭއްވި، އެ އިންތިޚާބު މެދުވެރިކޮށް ދިވެހިރައްޔިތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ރައީސުލްޖުމްހޫރިއްޔާއަކާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކު އިންތިޚާބުކޮށް، އަދި ދިވެހިރައްޔިތުންނާއި، ބައިނަލް އަޤްވާމީ މުޖުތަމަޢުން އެ އިންތިޚާބުގެ ނަތީޖާ ޤަބޫލުކޮށްފައިވަނިކޮށް، އިންތިޚާބީ ރައީސް އާއި ނާއިބު ރައީސް މަޤާމުގެ ހުވާކުރުމުގެ ކުރީން ވެރިކަން ކުރަންވީ ކޮންނިޒާމަކުން ތޯ ބެލުމަށް އަލުން ނިޒާމެއް ވޯޓެއް ނެގުމަކީ ޤާނޫނު އަސާސީގެ ރޫޙާ ޚިލާފު ކަމެއް ކަމަށެވެ.
އަދި ބައިނަލްއަޤްވާމީ މުޖުތަޢުގައި ޢަމަލު ކުރާ އުޞޫލު ތަކާއިވެސް މުޅީން ޚިލާފުކަމެއްކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. މިއީ މިހާތަނަށް ދުނިޔޭގެ އެއްވެސް ޤައުމަކުން ޢަމަލު ކޮށްފައިވާ ގޮތެއް ނޫންކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ‏ދިވެހިރައްޔިތުން ކުރިއަށް އޮތް ފަސްއަހަރުދުވަހަށް ރައީސުލްޖުމްހޫރިއްޔާއަކާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކު އިންތިޚާބު ކޮށްފައިވަނިކޮށް، ވެރިކަމުގެ ބާރުވެރިކަން ލިބުމުގެ ނިޔަތުގައި، ބާރުހުރި ފަރާތްތަކުން ޤާނޫނުއަސާސީ އާއި ޤާނޫނީ ވެރިކަމާއި، ޑިމޮކްރަސީގެ އަސާސްތަކާއި ޚިލާފަށް، ވެރިކަމުގެ ނިޒާމު ކުއްލިއަކަށް ބަދަލުކުރުމުގެ ވިސްނުމުގައި މުޅި ނިޒާމު ގަނޑުބަނޑުކުރުމަކީ ޤައުމަށް ހެޔޮއެދޭ އެއްވެސް ރައްޔިތަކު ޤަބޫލު ކުރާނޭ ކަމެއް ނޫން ކަމަށެވެ.
އެއީ ކޮށްގެންވާނެ ކަމެއް ވެސް ނޫންކަން ފާހަގަކުރައްވާ ގާސިމް ވަނީ ‏އެހެން ކަމުން ތިމާމެން އެދޭގޮތް ހާޞިލް ކުރުމަށް މިފަދަ ވޯޓެއް ނެގުމަކީ ދިވެހި ޤައުމުގެ ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ހަމަޖެހުން ގެއްލި ފަސާދައަށް މަގުފަހިވެގެންދާނޭ ކަމެއް ކަމުގައި މެނުވީ ނުވާނެކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ޤާސިމް ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި އެފަދަ ވޯޓެއް ނެގުމަށް ކުރާ މަސައްކަތުގެ ސަބަބުން ޤައުމުގައި އުފެދިގެންދާނީ، ފިތުނަ އާއި ފަސާދައިގެ އަލިފާނުގެ ހުޅުގަނޑު ކަމަށާއި މިކަމުގެ ސަބަބުން މުޅި ޤައުމާއި ރައްޔިތުންނަށް ލިބިގެންދާނޭ ނިކަމެތިކަން އެމަނިކުފާނަށް ތަޞައްވުރު ކުރެވޭތީ މިކަމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ.
‏ކަންމިހެން އޮތުމާއި އެކު މިމަހުގެ 30ވަނަ ދުވަހު ރާއްޖޭގައި ވެރިކަމުގެ ނިޒާމާއި މެދު އިލްކްޝަންސް ކަމިޝަން މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ވަކިޕާޓީ އަކުން ތިމާމެނަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތުމުގެ ނާޖާއިޒު ފައިދާ ނަގައި، ރައްޔިތުން ނޫނެކޭ ބުނެފައިވާ ސަރުކާރެއްގެ ވެރިޔަކާއި އެކު ސިޔާސީ ޑީލެއްގެ ދަށުން ނަގަން މިއުޅޭ ވޯޓަކީ ރާއްޖޭގެ ގިނަ ރައްޔިތުން ޤަބޫލު ކުރާނޭ ވޯޓެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.
ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކުން ދިވެހި ރައްޔިތުންނަށް ލިބޭނޭ އިތުރު އެއްވެސް މަންފާއެއް ނެތްކަން ގިނަ ރައްޔިތުން ޤަބޫލު ކުރައްވާކަމަށާއި ބަރުލަމާނީ ނިޒާމަކުން ފައިދާވާނީ މަޖިލިސް މެންބަރުންނާއި، މަދުވޯޓުކޮޅަކުން މަޖިލީހަށް ވަޑައިގެން ބޮޑުވަޒީރުކަން ހޯއްދަވާ ފަރާތަށާއި، މަޖިލީހުގެ މެންބަރުންގެ ތެރެއިން ވަޒީރުންނަށް ޢައްޔަންކުރެވޭ މެންބަރުންނަށާއި، ސަރުކާރު ހިންގުމަށް ހަވާލު ކުރާ ފަރާތްތަކަށްކަމަށް ގާސިމް ވިދާޅުވިއެވެ.
އެހެންކަމުން ޤައުމުގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށާއި މުޅިޤައުމުގެ ހަމަޖެހުމަށްޓަކައި، ޤައުމު އިސްކޮށް ޤައުމައިގެން ކުރިއަށް ދިއުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ