ގާނޫނާ އެއްގޮތަށް މާލީ ބަޔާން ހުށަހަޅާފައިނުވާތީ އިލްޔާސް، އުމަރު، ފާރިސް، ނާޒިމް އަދި ޒަމީލް ޖޫރިމާނާކޮށްފި

ރިޔާސީ އިންތިހާބުބެ ފުރަތަމަ ބުރުގައި ވާދަކުރެއްވި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ފާރިސް މައުމޫން އަދި ހަސަން ޒަމީލް، ގާނޫނާ އެއްގޮތަށް މާލީ ބަޔާން ހުށަހަޅާފައިނުވުމުން، އެބޭފުޅުން 20،000 ރުފިޔާއިން ޖޫރިމާނާކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
އީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެބޭފުޅުން ހުށަހެޅި މާލީ ބަޔާނުގައި "އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު"ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަނުވާ ކަމަށެވެ. އެހެންވެ މިއަދު ބޭއްވި އީސީގެ ބައްދަލުވުމުގައި ވަނީ އެ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ނިންމާފައި ކަމަށެވެ.
އަދި އެ ކެންޑިޑޭޓުންގެ އިންތިހާބީ އެޖެންޓުންނަށް ވެސް ފިޔަވަޅު އަޅާފައި ކަމަށްވާ އީސީން ބުންޏެވެ.
"ފަސް ކެންޑިޑޭޓުން ކުރެ، ކޮންމެ ކެންޑިޑޭޓަކު 20،000 ރުފިޔާ އަދި ފަސް ކެންޑިޑޭޓުންގެ އިންތިހާބީ އެޖެންޓު 6،000 ރުފިޔާއިން ޖޫރިމާނާކޮށް އެ ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ދެއްކުމަށް އެ ފަރާތްތަކަށް ކޮމިޝަނުން މިއަދު ވަނީ އަންގާފަ،" އީސީން ބުންޏެވެ.
ރިޔާސީ އިންތިހާބުގައި ޖުމުލަ އަށް ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. އޭގެ ތެރެއިން ގާނޫނާ އެއްގޮތަށް މަލީ ބަޔާން ހުށަހަޅާފައިވަނީ އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އެއިރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ފަރާތުން ވާދަކުރެއްވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ