ތިމާވެށި ރައްކާތެރިކުރުމުގެ ފިޔަވަޅުތަކަށް އިހުމާލުވާތީ އީއާރުއޭގެ ކަންބޮޑުވުން

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގައި ތިމާވެށި ރައްކާތެރިކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކަށް އިހުމާލުވަމުންދާކަމުގެ ޝަކުވާ ލިބޭތީ، އެ ކަމާ ގުޅޭގޮތުން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިގޮތުން ފަޅު ފުންކުރުމާއި ހިއްކުމުގެ މަސައްކަތްތައް ކުރިއަށްގެންދާއިރު ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމައަށް ނާޅާކަން އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ. އީއާރުއޭއިން ހާމަކުރި ގޮތުގައި، ހިއްކުމުގެ މަސައްކަތުގެ ސަބަބުން ފަޅުތެރޭގައި އުފެދޭ ސެޑިމެންޓޭޝަން ކުޑަކުރުމަށް ޖަހަންޖެހޭ ބަންޑްވޯލް އަދި ސިލްޓް ސްކްރީން ގާއިމުނުކޮށް މަސައްކަތް ކުރުމާއި، ހުއްދަ ދީފައިވާ ސަރަހައްދުން ބޭރުން ވެލި ނެގުމުގެ މައްސަލަތައް ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން، މޫސުން ގޯސްވެ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ރީނދޫ ސަމާލު ނެރެފައިވާ ވަގުތުތަކުގައި ވެސް މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދާކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ. ހޯރަފުށީ ކައީރިގައި އޮންނަ މާފިނޮޅުގައި އެއާޕޯޓް އަޅަން ބިން ހިއްކަނީ-- ފޮޓޯ: އެމްޓީސީސީ "ހިއްކުމުގެ މަސައްކަތުގެ ސަބަބުން، ފަޅުތެރޭގައި އުފެދޭ ސެޑިމެންޓޭޝަންގެ އަސަރު ކުޑަކުރުމަށް، ހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން ޖަހަންޖެހޭ ބަންޑްވޯލް އަދި ސިލްޓް ސްކްރީން ގާއިމްނުކުރުމާއި، ވެލި ނެގުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކުގެ ބޭރުން ވެލި ނެގުމުގެ ސަބަބުން، މީހުން ދިރިއުޅޭ ރަށްރަށާއި ޓޫރިސްޓް ރިޒޯޓްތަކާއި މާކައިރިންވެލިނެގުމާއި، މޫސުން ގޯސްވެ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ރީނދޫ ސަމާލު ނެރެފައިވާ ދުވަސްވަރުގައި ވެސް މަސައްކަތް ކުރަމުންދިއުން ހިމެނެއެވެ،" އީއާރުއޭއިން ބުނެފައިވެއެވެ. މިފަދަ މަޝްރޫޢުތަކަށް ދޫކޮށްފައިވާ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓުތަކުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޛުކުރުމަށް އީއާރުއޭ އިން ވަނީ އަންގާފައެވެ. އެގޮތުން، އަތޮޅުތެރެއިން ވެލިނަގާނަމަ މީހުން ދިރިއުޅޭ ރަށްރަށާއި ރިޒޯޓުތަކުގެ ހައުސް ރީފުން ފެށިގެން މަދުވެގެން 500 މީޓަރުގެ ދުރުމިނެއް ބެހެއްޓުމަށާއި، ހަމައެކަނި 'އެޕްރޫވްޑް ބޮރޯ އޭރިއާ'ތަކުން ވެލި ނެގުމަށް ވަނީ އިރުޝާދު ދީފައެވެ. ހޮޕާ ޑްރެޖަރު ބޭނުންކުރާ ފަރާތްތަކުން އޯވަފްލޯ ކޮންޓްރޯލް ވޭލްވްސް (ގްރީން ވޭލްވްސް) ފުރިހަމައަށް ބަންދުކޮށްފައި ހުރިތޯ ޔަޤީންކުރުމަށާއި، ކަނޑައެޅިފައިވާ ޑްރެޖަރު ރޫޓްތައް ބޭނުންކުރުމަށް ވެސް ވަނީ އަންގާފައެވެ. އަދި، މަސައްކަތުގެ ތެރޭގައި ޓާބިޑިޓީ މޮނިޓާކޮށް، ލެވެލް މަތިވާނަމަ އޮޕަރޭޝަންތަކަށް ބަދަލު ގެނައުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް އީއާރުއޭއިން ބުނެއެވެ. ނޭޝަނަލް އޮޝެނިކް އެންޑް އެޓްމޮސްފިއަރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ)ގެ ތަފާސްހިސާބުތަކާ ހަވާލާދީ އީއާރުއޭއިން ބުނީ، ކުރިއަށް އޮތް 12 ހަފުތާގެ ތެރޭގައި ރާއްޖޭގެ ކަނޑުތަކުގެ ލެވެލް 'އެލާޓް ލެވެލް 1'އަށް ބަދަލުވެ، ބޮޑެތި ބްލީޗިންތަކެއް ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ބިން ހިއްކަނީ: --- ފޮޓޯ/ އާބަންކޯ "ނޭޝަނަލް އޮޝެނިކް އެންޑް އެޓްމޮސްފިއަރިކް އެޑްމިނިސްޓްރޭޝަނުން- އެންއޯއޭއޭގެ ކޮރަލް ރީފް ވޮޗްގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރު އޭޕްރީލް މަހުން ފެށިގެން ދިވެހިރާއްޖެ ހިމެނޭ ސަރަހައްދުގައި މުރަކަ ހުދުވުމުގެ ފުރުސަތު އޮތުމާ އެކު، މިހާރު "އެލާޓް ލެވެލް: "ވޮޗް"އަށް އަމަލުކުރަމުންދާއިރު، ކުރިއަށް އޮތް 12 ހަފުތާގެ ތެރޭގައި "އެލާޓް ލެވެލް 1" (ބޮޑެތި ބްލީޗިން އެކަށީގެންވާ)އަށް ބަދަލުވުމުގެ ފުރުސަތު ބޮޑެވެ،" އީއާރުއޭއިން ބުންޏެވެ. މިފަދަ ނާޒުކު ދުވަސްވަރެއްގައި ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އީއާރުއޭއިން ބުނީ މިހާރު ހުށަހެޅެމުންދާ ޝަކުވާތައް ވަރަށް ގާތުން ބަލައި މޮނިޓާކުރަމުންދާ ކަމަށާއި ހުއްދަތަކާ ޚިލާފަށް މަސައްކަތްކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ