ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެގެ ދައުވަތަކަށް އެ ގައުމަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު ފުރާވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ސަރުކާރުގެ އިސް ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ތަފްސީލް - ރައީސްގެ މި ދަތުރުފުޅުގައި ލަންކާގެ ރައީސްގެ އިތުރުން އެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން، ތައުލީމާއި ފަންނީ ތަމްރީނު، އިގްތިސާދީ އެއްބާރުލުން އަދި ހިންގުމުގެ ދާއިރާ އާއި ތަރިކަ އަދި ބައިނަލްއަގުވާމީ މައިދާންތަކުގައި އެކުގައި މަސައްކަތްކުރެވޭނެ އާ މަގުތައް ހޯދުމާ ގުޅޭ ގޮތުން ވެސް ދެ ގައުމުގެ އިސްވެރިންނާ އެކު މަޝްވަރާކުރައްވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
މީގެ އިތުރުން:
ދެ ގައުމުގެ ރައީސުންގެ ހާޒިރުގައި ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެމްއޯޔޫތަކުގައި ސޮއިކުރާނެ
މޯލްޑިވްސް-ސްރީ ލަންކާ ބިޒްނަސް ފޯރަމް ގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ
ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާނެ
ފާހަގަ ކުރެވޭ - ރާއްޖެ އާއި ލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށް މިދިޔަ ޖުލައި މަހު އެ ގައުމުގެ ރައީސް ޑިސަނާޔަކެ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
ރައީސްގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ