ދިވެހި ދަރިވަރުންނަށް ސައުދީ އަރަބިއްޔާއިން މަތީތައުލީމް ހާސިލްކުރުމުގެ ފުރުސަތުތައް ހުޅުވާލައިފި

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ އެ ގައުމުގެ ބައިނަލްއަގުވާމީ ސްކޮލަރޝިޕް އަދި ކިޔެވުމުގެ އިނީޝިއޭޓިވް ކަމަށްވާ "ސްޓަޑީ އިން ސައުދީ" އަށް ކުރިމަތިލުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން ދިވެހި ދަރިވަރުން ހިމެނޭހެން ބައިނަލްއަގުވާމީ ދަރިވަރުންނަށް ސައުދީގެ އެކި ޔުނިވަރސިޓީތަކުގައި ތަފާތު ދާއިރާތަކުން ފުރަތަމަ ޑިގްރީ އަދި ޕޯސްޓްގްރެޖުއޭޓް ފެންވަރަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިކަން ހާމަކޮށް ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހާއްސަ އޮންލައިން ޕޯޓަލް މެދުވެރިކޮށް ދިވެހި ދަރިވަރުންނަށް މި ފުރުސަތަށް ކުރިމަތިލެވޭނެ ކަމަށެވެ. ޝައުގުވެރިވާ ދަރިވަރުން "ސްޓަޑީ އިން ސައުދީ"ގެ ރަސްމީ ވެބްސައިޓަށް ޒިޔާރަތްކޮށް، އެޑްމިޝަންގެ ޝަރުތުތައް ބަލައި، ލިބެން ހުރި ދާއިރާތައް ދެނެގަނެ، އެޕްލިކޭޝަން ފުރިހަމަކުރުމަށް ވަނީ އިރުޝާދު ދީފައެވެ.
މި އިނީޝިއޭޓިވްއަކީ ސައުދީ އަރަބިއްޔާގެ މަތީ ތައުލީމީ ދާއިރާ ބައިނަލްއަގުވާމީ ފެންވަރަށް ފުޅާކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ހުނަރުވެރި ދަރިވަރުން އެ ގައުމަށް ގެނައުމަށް ކުރާ މަސައްކަތުގެ ބައެކެވެ. މި ޕްރޮގްރާމްގެ ދަށުން އިންޖިނިއަރިންގ، މެޑިސިން، އިންފޮމޭޝަން ޓެކްނޮލޮޖީ، އިސްލާމިކް ސްޓަޑީޒް، ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ސައިންސްގެ ދާއިރާތަކުން ސައުދީގެ ކުރިއަރާފައިވާ ޔުނިވަރސިޓީތަކަށް ދަރިވަރުންނަށް ކުރިމަތިލެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ