ރާއްޖޭގައި މިވަގުތު ސައްހަ ވޯކް ޕާމިޓުގައި ވަޒީފާ އަދާކުރަމުންދާ ބިދޭސީންގެ ތެރެއިން %98 މީހުންގެ ބައޯމެޓްރިކްސް މައުލޫމާތު ނަގައި ނިމިފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީ މަސައްކަތްތެރިންގެ ފޮޓޯ އާއި އިނގިލީގެ ނިޝާން ހިމެނޭހެން ކާކުކަން ދެނެގަންނެވޭ، ބައޯމެޓްރިކްސް މައުލޫމާތު ނެގުމުގެ ބޮޑު އޮޕަރޭޝަނެއް "ކުރަގި"ގެ ނަމުގައި ފެށީ 2024ވަނަ އަހަރެވެ. މި އޮޕަރޭޝަނުގައި އެއްކުރާ ބައޯމްޓްރިކްސް މައުލޫތުގައި ހިމެނެނީ، ކާކުކަން ދެނެގަނެވޭނެ 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ އެވެ.
ބުނީ ކީކޭ؟ - ރައީސް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސައްހަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕާމިޓުގައި މިވަގުތު ރާއްޖޭގައި ގާއިމުވެތިބެގެން މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން %98 މީހުންގެ މި މައުލޫމާތު ނަގައި ނިމިފައިވާ ކަމަށެވެ.
މި އަދަދު 17 ނޮވެމްބަރު 2023ގައި އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގަތް އިރު ހުރީ %13ގައި ކަމަށް ވެސް ވިދާޅުވި އެވެ. ކުރިއަށް އޮތް ހަ މަސް ދުވަހު، ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ ބާކީ ތިބި މީހުން ހޯދައި ރާއްޖެއިން ފޮނުވާލާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މިމަސައްކަތުގައި ކުރިއަށް އޮތް ހަ މަސް ދުވަހު ކުރެވޭނެ މަސައްކަތަކީ ބާކީ ތިބި މީހުން ހޯދާ ރާއްޖެއިން ޑިޕޯޓުކުރުމުގެ ހާއްސަ މަސައްކަތްތައް،" ރައީސް ވިދާޅުވި އެވެ.
އެނގުން މުހިންމު - ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ފަށާފައިވާ އޮޕަރޭޝަންގެ ދަށުން ލައްކައަކަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށާއި މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އެފަދައިން އުޅޭ ބިދޭސީން ޑީޕޯޓުކުރަން ފަށާނެ ކަމަށް ހޯމް މިނިސްޓްރީން މިދިޔަ މާޗު މަސްތެެރޭ ވަނީ ބުނެފަ އެވެ. އެކަމަކު، މިހާތަނަށް މި މަސައްކަތުގެ ތެރެއިން ޑީޕޯޓުކޮށްފައިވާ ބިދޭސީންގެ އަދަދެއް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ރާއްޖޭގައި ތިބި %98 ބިދޭސީންގެ ބައޮމެޓްރިކަލް ދެނެގަނެވޭގޮތް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ