ބާސެލޯނާއަށް ކުޅުމަކީ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް: ގޯޑަން

ސްޕެއިންގެ ބާސެލޯނާއަށް ކުޅުމަކީ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް ކަމަށް ނިއުކާސަލް އިން ބާސެލޯނާއަށް ބަދަލުވި އިނގިރޭސި ފޯވާޑް އެންތަނީ ޖޯޑަން ބުނެފި އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 25 އަހަރުގެ ގޯޑަން ބާސެލޯނާއަށް ބަދަލުވީ 80 މިލިއަން ޔޫރޯ (93.3 މިލިއަން އެމެރިކާ ޑޮލަރު)ގެ އަގަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.
”ބާސާއިން އަހަންނަށް ޝައުގުވެރިވާކަން އެނގުނު ހިސާބުން, އެކަމާމެދު އެއްވެސް ސުވާލެއް ނެތް. މިއީ އަހަރެން ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް,“ ބާސާއަށް ސޮއިކުރުމަށްފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސްޕެނިޝް ބަހުން ފަރިތަކަމާއެކު ވާހަކަދައްކަމުން ގޯޑަން ބުންޏެވެ.
އޭނާ ބުނީ, އޭނާ ސްޕެނިޝް ބަސް ދަސްކުރީ, ކުޑައިރުވެސް ބާސާއަށް ކުޅޭނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
”ނިއުކާސަލްގައި އަހަރެންގެ ފިޒިއޯއެއް ހުރޭ. އަހަރެމެން ކޮންމެ ދުވަހަކު ވާހަކަދައްކަން. އަހަރެން އޭނާ ގާތު ބުނިން, ކޮންމެވެސް ދުވަހަކުން އަހަރެން ބާސާއަށް ކުޅޭނަމޭ,“ ގޯޑަން ބުންޏެވެ.
އެވަޓަންގެ އެކެޑެމީން ފެށި ގޯޑަން އެ ކްލަބަށް ކުޅުމަށްފަހު ބޮޑު ޓްރާންސްފާއެއްގައި ނިއުކާސަލްއަށް ބަދަލުވީ 2023 ވަނަ އަހަރުގެ ޖަނަވަރީގައެވެ. އޭގެ ފަހުން އޭނާއަކީ އެ ޓީމުގެ އެޓޭކުގައި އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ.
އެގޮތުން ގޯޑަން ވަނީ ނިމުނު ސީޒަނުގައި ނިއުކާސަލްއަށް 17 ގޯލު ޖަހައިދީފަ އެވެ. އޭގެ ތެރެއިން ޗެމްޕިއަންސް ލީގުގައި ކުޅުނު 12 މެޗުގައި ޖެހި 10 ގޯލުވެސް ހިމެނެ އެވެ.
ގޯޑަން އަކީ އަންނަ ސީޒަނަށް ބާސެލޯނާ ވަރުގަދަ ކުރަން ގެންދިޔަ ފުރަތަމަ ކުޅުންތެރިޔާ އެވެ. އެ ކްލަބުން މިހާރު ދަނީ އެތްލެޓިކޯގެ މެޑްރިޑުގެ ހޫލިއަން އަލްވަރާޒް ގަތުމަށް މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ