ޗައިނާގެ އަސްކަރީ ބާރުގަދަވުމާ ދެކޮޅަށް މަސައްކަތް ކުރުމަށާއި، އެ ސަރަހައްދުގައި އެ ގައުމުގެ ނުފޫޒު ގަދަވިޔަ ނުދިނުމަށްޓަކައި، އޭޝިއާގެ ގައުމުތަކުން އަސްކަރީ ހޭދަ އިތުރުކުރުމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ހޮނިހިރު ދުވަހު ގޮވާލައްވައިފި އެވެ.
އޭޝިއާގެ ދިފާއީ އިސްވެރިންނާއި، އަސްކަރިއްޔާތަކާއި، ޑިޕްލޮމޭޓުން ބައިވެރިވާ އެންމެ ބޮޑު ފޯރަމް ކަމަށްވާ ސިންގަޕޫރުގެ "ޝަންގްރި-ލާ ޑައިލޮގް" ގައި ވާހަކަދައްކަވަމުން ހެގްސެތު ވިދާޅުވީ، އުދުވާނީ ހަމަލާތައް ހުއްޓުވުމަށާއި ބާރުގެ ހަމަހަމަކަން ދެމެހެއްޓުމަށްޓަކައި، ގައުމުތަކުގެ މެދުގައި ވަރުގަދަ ނެޓްވޯކެއް އޮތުން ކޮންމެހެން މުހިންމު ކަމަށެވެ.
އެމެރިކާ އާއި ޗައިނާގެ ގުޅުމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ހެގްސެތު ވިދާޅުވީ، ފާއިތުވި ގިނަ އަހަރުތަކާ އަޅާބަލާއިރު މިހާރު ދެ ގައުމުގެ ގުޅުން ރަނގަޅު ކަމަށެވެ. އަދި ދެ ގައުމުގެ އަސްކަރިއްޔާގެ މެދުގައި އޮންނަ މުއާމަލާތްތައް އިތުރުވުމަކީ މަސްރަހު ފިނިކުރުމަށް ލިބޭ އެހީއެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"އަސްކަރިއްޔާގެ މެދުގައި އޮންނަ މުއާމަލާތްތަކުގެ މަގުތައް ހުޅުވާލެވިފައި އޮތުމުން، ޗައިނާގެ އިސްވެރިންނާ އަޅުގަނޑުމެން މިހާރު ކުރިއަށްވުރެ ގިނައިން ބައްދަލުކުރަން،" އޭނާ ވިދާޅުވި އެވެ.
ދެކުނު ކޮރެއާ، ފިލިޕީންސް، އޮސްޓްރޭލިއާ، ސިންގަޕޫރު، މެލޭޝިއާ އަދި ތައިލެންޑް ފަދަ ގައުމުތަކުން އެމެރިކާއަށް ދޭ އެއްބާރުލުމަށް ހެގްސެތު ތައުރީފު ކުރެއްވި އެވެ. އަދި ޖަޕާނުން އެ ގައުމުގެ ދިފާއީ ކަންކަން ވަރުގަދަ ކުރުމަށް އަމަލީ ފިޔަވަޅުތައް އަޅަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
ޗައިނާގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ، ސިންގުއާ ޔުނިވާސިޓީގެ ސީނިއާ ފެލޯ އަދި ޕީޕަލްސް ލިބަރޭޝަން އާމީގެ ރިޓަޔާޑް ސީނިއާ ކާނަލް ޒޫ ބޯ، އެމެރިކާ އާއި ޗައިނާގެ ގުޅުން ސިފަކުރެއްވީ "އޮޅުންބޮޅުން ބޮޑު" ގުޅުމެއްގެ ގޮތުގަ އެވެ.
އެހެންނަމަވެސް، މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ހެގްސެތުގެ ބަސްމަގު މާ ބޮޑަށް ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މި ބަދަލު އައީ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ކުރެއްވި ޒިޔާރަތާ ގުޅިގެންނެވެ.
"ދެ ފަރާތުގެ މެދުގައި މުއާމަލާތް ކުރެވޭނެ މަގުތައް އެބަހުރި. މަސްރަހު އޮތީ ބޭރު ދުނިޔެއަށް ފެންނަ ވަރަށްވުރެ މާ ބޮޑަށް ވެސް އާދައިގެ ގޮތަކަށް،" ޒޫ ވިދާޅުވި އެވެ.
ޖެހިޖެހިގެން ދެވަނަ އަހަރު ޗައިނާގެ ދިފާއީ ވަޒީރު މި ފޯރަމްގައި ބައިވެރިވެވަޑައިނުގަންނަވާ އިރު، މިދިޔަ އަހަރު ހެގްސެތު ދެއްކެވި ވާހަކަތަކަކީ ޗައިނާގެ އަގު ވައްޓާލުމަށް ދެއްކެވި ވާހަކަތަކެއް ކަމަށް އެ ގައުމުން ވަނީ ތުހުމަތުކޮށްފަ އެވެ.
ޗައިނާގެ ނުފޫޒު ކުޑަކުރަން އޭޝިއާގެ ގައުމުތަކުން އަސްކަރީ ހޭދަ އިތުރުކުރަން އެމެރިކާއިން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ