ހިމަބިހީގެ ދެ ޑޯޒް ހަމަނުކުރާ ފަރާތްތަކަށް ޚާއްސަ ވެކްސިން ކެމްޕޭނެއް ފަށަނީ

މާލެ ސަރަޙައްދުން ހިމަބިހި (މީސަލްސް) ގެ ކޭސްތަކެއް ފެންނަމުންދާތީ، އެ ބަލިން ރައްކާތެރިވުމަށްޓަކައި ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހާއްސަ ވެކްސިން ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރ ނާޝިޔާ ޢަބްދުލްޣަފޫރު ވިދާޅުވީ، ފާއިތުވި 9 އަހަރުގެ ތެރޭގައި އެކި ދުވަސްވަރު މި ބަލީގެ ކޭސްތައް ފެނިފައިވާ ކަމަށެވެ. އެހެންކަމުން، ބަލި އިތުރަށް ފެތުރުނަ ނުދިނުމަށާއި، ބަލީގެ ނުރައްކާ އޮތް މީހުންގެ އަދަދު މަދުކުރުމަށްޓަކައި އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޝިޔާ ވިދާޅުވީ، މިހާރުވެސް ބައްޔަށް ޕޮޒިޓިވްވާ ފަރާތްތަކާ ސީދާ ދިމާވާ މީހުންނަށް ވެކްސިން ދެމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކޮށް ތިބި އާންމު ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. "އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދުވަސްކޮޅުގައި ވެކްސިން ގެ 2 ޑޯޒް ފުނިހަމަ ނުކުރެވި ތިބި އާންމުންނަށްވެސް ވެކްސިން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތް އެބަކުރަން. ވެކްސިން ރާއްޖެއިން ބޭރުން ގެނައުމަށް ކުރިއަށްގެންދާ ޕްރޮސެސް މިހާރު ކުރިއަށްދަނީ،" ނާޝިޔާ ވިދާޅުވިއެވެ.
މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މާލެ ސަރަޙައްދުން ހިމަބިހީގެ ކޭސްތަކެއް ފެންނަން ފަށާފައިވާއިރު، މިހާތަނަށް ޖުމްލަ 9 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. ރާއްޖެއިން ހިމަބިހި ނައްތާލިކަން 2017 ވަނަ އަހަރު އިޢުލާން ކުރި ނަމަވެސް، އޭގެ ފަހުން 2020 އަދި 2023 ވަނަ އަހަރުވެސް މި ބަލީގެ ކޭސްތައް ފެނިފައިވާކަން އެޗްޕީއޭއިން ފާހަގަކުރެއެވެ.
އެޗްޕީއޭއިން ބުނާ ގޮތުގައި، ހިމަބިހިން ރައްކާތެރިވުމަށް ދެވޭ ވެކްސިންގެ ސަބަބުން ބަލީގައި ފުރާނައަށް ގެއްލުންވުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަކޮށްދެއެވެ. ރާއްޖޭގެ ޤައުމީ ވެކްސިން ތާވަލުގައި ހިމެނޭ އެމްއާރް އަދި އެމްއާރްއައި ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާކަން ކަށަވަރުކުރެވޭނެ ލިޔެކިޔުމެއް ނެތް ފަރާތްތަކުން، މި ދެ ޑޯޒް ފުރިހަމަކުރުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށް ސިއްޙީ މާހިރުން ލަފާދެއެވެ.
ހުމާއި ރޯގާ ނުވަތަ ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުން ފަދަ ހިމަބިހީގެ އަލާމާތެއް ފެނިއްޖެނަމަ މީހުންގެ ތެރެއަށް ނުގޮސް ގޭގައި މަޑުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ދާއިރުވެސް މާސްކު އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިރުޝާދު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ