އިބްތިހާލު މަރުގެ މައްސަލަ ގާޒީ ހައިލަމް ބެލުމަށް ޕީޖީން ދެކޮޅު ހަދައިފި

އަނިޔާކޮށް މަރާލާފައި އޮއްވައި ފެނުނު ވ. ރަކީދޫ މުހައްމަދު އިބްތިހާލުގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ މީހުންގެ މައްސަލަތައް ކްރިމިނަލް ކޯޓުގެ ގާޒީ ހައިލަމް ބެލުމާ ޕީޖީ އޮފީހުން ދެކޮޅު ހަދައިފި އެވެ.
އިބްތިހާލުގެ މަރުގެ މައްސަލަތައް ބެލުމަށް ގާޒީ ހައިލަމް އާ ހަވާލުކުރަން ޕީޖީ އޮފީހުން ދެކޮޅު ހަދާފައިވަނީ އެ މައްސަލާގައި ދައުވާ ކުރެވޭ ބައެއް ފަރާތްތަކާ ގާތް ގުޅުމެއް އޮންނަކަން އެނގިފައިވާތީ ކަމަށް އެ އޮފީހުން މިއަދު ވަނީ ބުނެފައެވެ.
ގާޒީ ހައިލަމްއާ ގާތް އުޅުމެއް އޮންނަ ކަން އެ އޮފީހަށް އެނގިފައިވާތީ، ގާޒީ ބަދަލުކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން މިއަދު ވަނީ ބުނެފައެވެ.
މީގެ ކުރިން އެ މައްސަލަ ބެއްލެވީ އެ ކޯޓުގެ ގާޒީ އަކަށް ކުރިން އުޅުއްވި ގާޒީ އަހްމަދު ޝަކީލެވެ. ގާޒީ ހައިލަމް އާއި އެ މައްސަލަ ހަވާލު ކުރީ ގާޒީ ޝަކީލު ފެމިލީ ކޯޓަށް ބަދަލު ކުރުމުންނެވެ.
އިބްތިހާލު މަރުވި މައްސަލާގައި އިހުމާލުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ ވ. ފުލިދޫ، ނަލަހިޔާ، އާމިނަތު ޝިޔާޒާ އާއި ގއ. ދެއްވަދޫ، ނަސްރީނުގޭ، މުހައްމަދު ރަޝީދު އާއި ފ. ފީއަލި، ގުލްއަލާމާގޭ، މުހައްމަދު ޝަކީބުގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ވ. އަތޮޅު އެކްޓިން ކޮމާންޑަރުގެ މަގާމުގައި އޭރު ހުންނެވި ބ. އޭދަފުށީ، މާބަގީޗާގޭ، ލިސާން އަބޫބަކުރުގެ މައްޗަށެވެ.
ވ. ފުލިދޫ، ވައިޖެހޭގެއަށް ނިސްބަތްވާ އިބްތިހާލް މަރާލާފައި ވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އެ ކުއްޖާ މަރާލި ކަމަށް އޭނާގެ މަންމަ އާފިޔާ މުހައްމަދު މަނިކު ވަނީ އިއުތިރާފުވެފަ އެވެ.
އާފިޔާގެ މައްޗަށް ގަސްތުގައި ކުއްޖަކު މަރާލުމުގެ ދައުވާ އުފުލާފައިވާ އިރު، އިބްތިހާލަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ދޮންކާފަ، މ. ދިއްގަރު ބަށިމާގޭ، އިސްމާއީލް ރައޫފްގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ