ދިވެހިބަސް ކުރިއެރުވުމުގައި ފިލްމީ ދާއިރާގެ ރޯލު ބޮޑު
ބައެއްގެ އަސްލާއި ނަސްލު ރަމްޒުކޮށްދެނީ އެބައެއްގެ މާދަރީ ބަހެވެ. މާދަރީ ބަސް ނެތިގެންދިއުމަކީ އެބައެއްގެ އަސްލާއި ނަސްލު ނެތިގެން ދިއުމެވެ. ޖީލުން ޖީލަށް ބަސް ރައްދުކޮށްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ފަރާތަކީ މީޑިއާގެ ވަސީލަތްތަކެވެ. މީޑިއާގެ މަންސަ ތަކަކީ ބަސް ދިރުވައި، އާލާކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ފަރާތަށް ވާއިރު މީގެ ތެރޭގައި ނޫސް މަޖައްލާތަކުގެ އިތުރުން ފިލްމު، ޑްރާމާ އުފައްދާ ފަރާތްތައްވެސް ހިމެނެއެވެ. ދިވެހިންގެ އަވައްޓެރި ގައުމުތަކުގެ މުނިފޫހި ފިލުވުމުގެ ދާއިރާއަށް ބަލާއިރު އެދާއިރާތަކުން އަންނަނީ އެމީހުންގެ ގައުމިއްޔަތާއި އާދަކާދަ އަދި ބަސް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ފައިދާ މިހާރުވެސް ފެންނަމުންދެއެވެ. އޭޕްރީލް 11، 2015: އަދަބީ އުފާ ނަމުގައި ދިވެހި ބަހުގެ ހަރަކާތްތައް ފެށުމަށް ހިރިޔާ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރޭން-- ސަން ފޮޓޯ/ފަޔާޒު މޫސާ މި ނަމޫނާ ބަލައިގެން ދިވެހިރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާއިންވެސް މަސައްކަތް ކުރަންޖެހެއެވެ. ފިލްމުތަކާއި ޑްރާމާތަކުގައި ބޭނުންކުރާ ބަސްމަގަކީ ސާފުރީތި ދިވެހި ބަސްކަމުގައި ހަދަންޖެހެއެވެ. މިއީ އަންނަން އޮތް ޖީލުތަކަށްވެސް ފޯރުކޮށްދޭ އުފެއްދުންތަކަށް ވާއިރު މިޖީލުގެ ކާބަފައިންގެ ފަރާތުން ދިވެހިބަސް ވާރުތަވިގޮތަށް، އަންނަން އޮތް ޖީލަށް ބަސް ރައްދުކޮށްދިނުމަކީ އަދުގެ ޖީލުގެ ޒިންމާއެކެވެ. އޭޕްރީލް 11، 2015: އަދަބީ އުފާ ނަމުގައި ދިވެހި ބަހުގެ ހަރަކާތްތައް ފެށުމަށް ހިރިޔާ ސްކޫލްގައި ބޭއްވި ހަރަކާތްތަކުގެ ތެރޭން-- ސަން ފޮޓޯ/ފަޔާޒު މޫސާ ހިތާމަކުރަންޖެހޭ ކަމަކީ ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާގައި މިކަމަށް މާބޮޑު ސަމާލުކަމެއް ނުދެވޭކަމެވެ. ވާހަކަ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތިމަތު ނަހުލާވެސް މިކަމާ އެއްބަސްވެއެވެ. ސަންއާ ވާހަކަ ދައްކަމުން ނަހުލާ ބުނީ ވާހަކަ ލިޔާއިރު އަދި ފިލްމެއްގެ ސްކްރިޕްޓު ލިޔާއިރު ކުށްބަސް ބޭނުން ނުކޮށްވޭތޯ ވަރަށް މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް ސްކްރިޕްޓު ލިޔާއިރު ގަވައިދަށް އެހާބޮޑަށް ސަމާލުކަން ނުދެވޭކަން ނަހުލާ ފާހަގަ ކުރިއެވެ. "ފިލްމުތަކުގައި މިހުންނަނީ ބަޔަކު ވާހަކަ ދައްކާގޮތް. ހުންނާނެ އެންމެ ރީތި ބަސް ނޫން ބަސްތައް ނޫނީ އާންމުކޮށް ދިވެހި ބަހުގައި ބޭނުން ނުކުރާ ބަސްތައް. މިސާލަކަށް 'ކަޑަ' ކަހަލަ ބަސްތައް. ސީދާ އަދަބީ މީހުންނެއް ނޫން ފިލްމީދާއިރާގައި މި އުޅެނީ. އެހެންވެ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެވެޔޭ ބުނެވޭނީ،" ނަހުލާ ބުންޏެވެ. މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)ގެ "ބޮސް"ގެ ތީމް ލަވަ ނެރުމުގެ ގޮތުން ބޭއްވި ހަފްލާގެ ތެރެއިން--- ސަން ފޮޓޯ/ މުހައްްމަދު އަފްރާހް ދިވެހި ބަސް ކުރިއަށް އޮތް ޖީލުތަކަށް އެންމެ ފުރިހަމަގޮތުގައި ރައްދުކޮށްދިނުމަށް މުނިފޫހިފިލުވުމުގެ ދާއިރާގެ މުހިއްމުކަން ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފު އަލީ ފާހަގަ ކުރެއްވިއެވެ. އަޝްރަފު ވިދާޅުވިގޮތުގައި ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާގެ އުފެއްދުންތަކުގައި ބޭނުންކުރަންވާނީ މައިންބަފައިންގެ ކުރިމަތީގައިވެސް އަހާލެވޭނެ، ބަލަން ތިބެން ކެރޭނެ ފަދަ ބަސްމަގެވެ. މި ފަހަކަށް އައިސް އުފައްދާ ބައެއް އުފެއްދުންތަކުގައި ލަދުވެތި ބަސްތަކާއި އާއިލާ އާއި މައިންބަފައިން ކުރިމަތީ އަހަން ނުކެރޭ ނޫނީ ބަލަން ނުކެރޭ ފަދަ ބަސްމަގު ބޭނުންކޮށްފައި ހުންނަކަން އަޝްރަފު ފާހަގަ ކުރެއްވިއެވެ. "ފިލުމުތަކުގައި ބޭނުންކުރާ ބަސްމަގަކީ ބަހުގެ އުސޫލުތަކާއި ގަވައިދުތަކަށް ފެތޭ ބަސްމަގަކަށްވާނެ. މައިންބަފައިން ކުރިމަތީގައިވެސް ލަދެއް، ބިރެއްނެތި އަހާލެވޭނެ ބަސްމަގަކަށް ވާންޖެހޭނެ،" އަޝްރަފު ވިދާޅުވިއެވެ. " ދޭދޭ މީހުން ވާހަކަ ދައްކާއިރުވެސް ލަދުވެތި ބަސްތައް އެކުލެވޭ ވާހަކަތައް ދައްކަނީ އެހެން މީހުންނަށް އަޑު ނީވޭނެގޮތަކަށް. އެގޮތް އެބަޖެހޭ މުނިފޫހި ފިލުވުމުގެ ދާއިރާގައިވެސް ބޭނުންކުރަން." މިއީ އެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ގަދަރު އުފުލި އެމީހުންގެ މަސައްކަތް ބަލައިގަންނާނެ ކަމެއްކަމަށްވެސް އަޝްރަފު ވިދާޅުވިއެވެ. އޭޕްރީލް 11، 2015: އަދަބީ އުފާ ނަމުގައި ދިވެހި ބަހުގެ ހަރަކާތްތައް ފެށުމަށް ހިރިޔާ ސްކޫލްގައި ބޭއްވި ހަރަކާތްތަކުގެ ތެރޭން-- ސަން ފޮޓޯ/ފަޔާޒު މޫސާ މިސާލެއްގެ ގޮތުން އަޝްރަފު ވިދާޅުވީ ރުޅިވެރި މަންޒަރެއް ދެއްކި ނަމަވެސް އެ މަންޒަރުގައި ބޭނުންކުރާ ބަހުރުވައަކީ އަޑުއަހަން ކެރޭފަދަ ރީތި ބަހުރުވައަކަށް ހަދަން ޖެހޭނެ ކަމަށެވެ. ބަހުގެ އެކެޑެމީގެ ރައީސް ވިދާޅުވީ، މުނިފޫހި ފިލުވުމުގެ ދާއިރާއަކީ ނުފޫޒުގަދަ ދާއިރާއެއް ކަމަށެވެ. ފިލުމުތަކުގައި މަސްހުނި ބަސް ބޭނުން ނުކުރުމާއި، އޮޅުން ފިލާގޮތަށް ރީތި ސާފުބަހުން ވާހަކަ ދައްކަން ޖެހޭކަން އަޝްރަފު ތަކުރާރު ކުރެއްވިއެވެ. ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާ ފެށިގެން އައި ދުވަސްތަކަށް ބަލައިލަމާ ހެއްޔެވެ. ފިލްމީ ދާއިރާގެ އުފެއްދުންތަކުގައި ބޭނުންކޮށްފައި ހުންނަ ބަސްމަގަށް ބަލާއިރު، ދެމަފިިރިންގެ ދެމެދުގައި ދެކެވޭ ވާހަކަވެސް ދައްކާފައި ހުންނަނީ މާތް ބަހުރުވައިންނެވެ. މިހާރުގެ މުޖުތަމައަށް ބަލާއިރު ސީދާ މިފަދަ ބަހުރުވައެއް ބޭނުން ނުކުރިނަމަވެސް، މުޖުތަމައުގެ އެންމެންނަށްވެސް އަހަން ކެރޭފަދަ، ކަންފަތަށް ފަސޭހަ ބަހުރުވައެއް ފިލުމުތަކުގައި ބޭނުންކުރަން ސަމާލުކަންދިނުން މުހިއްމެވެ. އޯގަސްޓް 6، 2017: ދިވެހި ފިލްމް "ހައްދު"ގެ އޯޑިއޯ ލޯންޗް ކުރަން ސޯލްޓް ކެފޭގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ މި ފަހަކަށް އައިސް އޮލިމްޕަސް ސްކްރީނަށް އައި ފިލުމުތަކަށް ބަލާއިރު އެ ފިލުމުތަކުގައި ބޭނުންކޮށްފައިވާ ބަހުރުވައަކީ މަންމައާއި ދަރިފުޅު އެކުގައި ތިބެގެން ފިލުމު ބަލަން ކެރޭވަރަށްވުރެ ލަދުވެތި ބަހުރުވައެކެވެ. މިއީ އަމިއްލަ ބަހަށް ކުރެވޭ މަލާމާތެއްގެ އިތުރުން ދެވޭ އަނިޔާއެއްވެސް މެއެވެ. މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ މަގުސަދަކީ ދުނިޔޭގައި އޮތް ކުދި އަދި އަކުރު ނެތް ބަސްތައް، ކުރިއަށްއޮތް ބައި ގަރުނެއްގެ ތެރޭ ނެތިގެން ގޮސްފާނެކަމުގެ ބިރުހީވެފައި ވާތީ، އެ ބަސްތައް ހިމާޔަތްކުރުމެވެ. ބަސް ހިމާޔަތްކުރަން ކުރާ މަސައްކަތުގައި މުނިފޫހިފިލުވުމުގެ ދާއިރާއިން، އެދާއިރާގެ މަސްއޫލިއްޔަތު އަދާކުރުމަކީ މިއަދުގެ އަޒުމު ކަމުގައި ހަދަންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ