ރައީސް ޔާމީނުގެ މަސައްކަތަކީ ގާސިމް ފަހައިދުވުން: ލަތީފު

ރައީސް އަބްދުﷲ ޔާމީނުގެ މަސައްކަތަކީ އަބަދުވެސް ޖޭޕީގެ ލީޑަރު ފަހައިދުވުން ކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފު ވިދާޅުވެއްޖެ އެވެ.
މެންބަރު ލަތީފު މިހެން ވިދާޅުވީ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުންނެވެ.
މެންބަރު ލަތީފު ވިދާޅުވީ ރައީސް ޔާމީނަކީ ގާސިމް އިބްރާހިމަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށެވެ. ލަތީފު ވިދާޅުވީ ފެށުނީއްސުރެ މިއަދާއި ހަމައަށްވެސް ރައީސް ޔާމީން އުޅުއް ވަނީ ގާސިމް އަތުނުވެގެން ކަމަށާއި، ނަމަވެސް ދުވަހަކުވެސް ޔާމީނަށް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.
ލަތީފު ވިދާޅުވީ ރައީސް ޔާމީނަކީ އަބަދުވެސް އަނިޔާވެރިކަން އިސްކުރައްވާ ބޭފުޅެއް މިހާރު ސާފުވާ ކަމަށާއި، އެއާއި ޚިލާފަށް ގާސިމް އިބްރާހިމް ރައްޔިތުންނަށްޓަކައި ވަމުންދާ ގުރުބާނީ އާއި ގުޅިގެން އެމަނިކުފާނަށް ލިބެމުންދާ ތާއީދަށް ޔާމީން އަބަދުވެސް ހަސަދަވެރިވާ ކަމަށެވެ.
މެންބަރު ލަތީފް ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނާއި ވާދަކުރައްވާ އިންތިހާބުގައި އެންމެ ވާދަވެރި ނުވަތަ ކާމިޔާބު ބޭފުޅަކަށްވާނީ ގާސިމް އިބްރާހިމް ކަމަށް ގިނަބަޔަކު ބުނަމުންދާތީ އެކަމަށްވެސް ޔާމީން ޖެހިލުންވެވަޑައިގަންނަވާ ކަމަށެވެ. އަދި ގާސިމް އިބްރާހިމް އަކީ ރައީސް ޔާމީނާއި ވާދަކުރައްވަން އެންމެ އެކަށީގެންވާ ބޭފުޅާއި ކަމަށްވެސް ވިދާޅުވި އެވެ.
ގުޅިފައިވާ ޕާޓީތަކުން ކޮންމެ ކެންޑިޑޭޓަކު ނެރުނުނަމަވެސް، ވަރަށް ފަސޭހަކަމާއި އެކު ރައީސް ޔާމީން 2018ގެ ރިޔާސީ އިންތިހާބުން ބަލިވެގެންދާނެ ކަމަށްވެސް މެންބަރު ލަތީފު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ