ސްކޫލް ތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަ ކޮށްފި

ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރާ މާދަރީ ބަހުގެ ދުވަސް މާލެއާއި އަތޮޅުތަކުގައި މިއަދު ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސްކޫލްތަކުގައި ވަނީ ދުވަހާ ގުޅޭ ހާއްސަ އެސެމްބްލީތައް ބާއްވާފައެވެ. އަދި ދުވަހާ ގުޅުވައިގެން ތަފާތު އެތައް ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިވެހި ބަހުގެ މުއްސަނދިކަން ދައްކުވައިދޭ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ބަހުސް ކުރުމާއި، ރައިވަރު ކިޔުމާއި ޅެންކިޔުން ފަދަ ހަރަކާތްތައް ވަނީ ބައެއް ސްކޫލް ތަކުގައި ކުރިއަށް ގެންގޮސްފައެވެ. ގިނަ ސްކޫލްތަކުގައި މިއަދު ދަރިވަރުން ސްކޫލަށް ހާޒިރު ވެފައިވަނީ ސަގާފީ ހެދުމުގައެވެ.
ދިވެހިންގެ މާދަރީ ބަހަށް ލޯބި ޖެއްސުމުގެ މަޤްސަދުގައި ސްކޫލް ތަކުގައި ކުރިއަށް ގެންދިޔަ މިހަރަކާތްތަކުގައި ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރި ވެފައެވެ. މިފަދަ ހަރަކާތް ތަކުގެ ސަބަބުން ދަރިވަރުންގެ ހިތުގައި ދިވެހި ބަހަށް އޮންނަ ލޯބި ބޮޑުވެ، ދަރިވަރުންގެ ހިތްތަކުގހައި ޤައުމީ ރޫހު އާލާވެއެވެ.
ދިވެހި ބަހުގެ އެކަޑަމީން ބުނި ގޮތުގައި މާދަރީ ބަހުގެ ދުވަހުގެ ހަރަކާތްތައް ޤައުމީ ފެންވަރުގައި މިމަހުގެ 23 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ