މިނިސްޓަރުން ވިދާޅުވާ އެއްޗެއް ސަރުކާރުން ހުށައަޅާ ބަޖެޓްގައިވާ އެއްޗަކާއި ދިމާނުވާނަމަ އެއީ ބޮޑު މައްސަލައެއްކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ބިހުރޯޒު މިސްކިތާއި މަސްޖިދުލް އިމާމް އާދިލްގައި 12 ބުރީގެ މަލްޓިޕާޕަސް ދެ އިމާރާތް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ޖަހާފައިވަނިކޮށް ބިހުރޯޒް މިސްކިތް ތަޅާލަން ނޫޅޭކަމަށް ބުނެ އިސްލާމިކް މިނިސްޓަރު ދެއްކެވި ވާހަކަފުޅާއި ގުޅިގެންކަމަށް ބެލެވެއެވެ.
ރައީސް މައުމޫން ވިދާޅުވީ މިނިސްޓަރުން ވިދާޅުވާ އެއްޗެއް ސަރުކާރުން ހުށައަޅާ ބަޖެޓްގައިވާ އެއްޗަކާއި ދިމާނުވާނަމަ އެއީ ބޮޑު މައްސަލައެއްކަމަށެވެ.
އަދި އެކަންކަން އޮޅުން ފިލުވައިދޭން ޖެހޭނެކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ބިހުރޯޒު މިސްކިތާއި މަސްޖިދުލް އިމާމް އާދިލްގައި 12 ބުރީގެ މަލްޓިޕާޕަސް ދެ އިމާރާތް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ޖަހާފައިވަނިކޮށް ބިހުރޯޒް މިސްކިތް ތަޅާލަން ނޫޅޭކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒިއާދު ވަނީ ވިދާޅުވެފައެވެ.
ޒިއާދު ވިދާޅުވީ މިއީ ބަޔަކު ފަތުރަމުންދާ ދޮގު ވާހަކަތަކެއްކަމަށާ އެ ވާހަކަތައް ފެތުރުމުގެ އަޑީގައި ތިބީ އިދިކޮޅު ފަރާތްތައްކަމަށެވެ. ނަމަވެސް ބަޖެޓްގައި މި މަޝްރޫއު ޖަހާފައިވާ ޖެހުމާއިމެދު މިނިސްޓަރު ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ބައެއް މީޑިއާތަކަށް މިއަދު މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވީ ބިހުރޯޒު ކަމަނާ މިސްކިތް ތަޅާލުމަށް ނިންމާފައި ނުވާ ކަމަށާއި 12 ބުރީގެ އިމާރާތެއް ހަދަނީ އެ މިސްކިތާ ޖެހިގެން ހުރި ގުދަނެއްގައި ކަމަށެވެ.
އެ އޮފިޝަލް ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ބޭނުންތަކަށް ބޭނުންކުރަމުންދާ އެ ގުދަން ހުރި ބިމުގައި 12 ބުރީގެ މަލްޓިޕާޕަސް އިމާރާތެއް އެޅުމަށް ބަޖެޓްވެސް ކުރެވިފައިވާކަމަށެވެ.
އަދި މިހާރު ބިހުރޯޒް ކަމަނާ މިސްކިތް ބަންދުކުރެވިފައިވަނީ އެ މިސްކިތުގެ ގޯތިތެރެއިން ގަބުރު ފެނިގެންކަމަށާ އެ ގަބުރުގެ ކަށިތައް ނަގާ ސާފުކުރުމަށްވެސް މިސްކިތުގައި ނަމާދުކުރުމަށް ހުޅުވާލާނެކަމަށެވެ.
ނަމަވެސް އެކަން ކުރާނެ ވަކި ތާރީޚެއް އިސްލާމިކް މިނިސްޓްރީއަކުން ނުބުނެއެވެ.
މިނިސްޓަރު ވިދާޅުވާ އެއްޗަކާއި، ބަޖެޓްގައި އޮތް އެއްޗެއް ދިމާނުވާނަމަ އެއީ މައްސަލައެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ