2018 ގެ ބަޖެޓް ވެސް ފާސްކުރާނަން- މޫސަ

އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހުރަސްއަޅަމުން ދިޔަ ނަމަވެސް، 2018 ގެ ބަޖެޓް ފާސްކުރާނެކަމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ދައުލަތުގެ ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވީ ބަޖެޓް ހުށެހެޅުމާއެކު މަޖިލީހުގެ ޖަލްސާތަކަށް އިދިކޮޅު ފަރާތްތަކުން ހުރަސްއަޅާނެ އެގިވަޑައިގަންނަވާކަމަށެވެ. ނަމަވެސް އަންނަ އަހަރަށް ބޭނުންވާ ދައުލަތުގެ ބަޖެޓް ފާސްކުރެވޭނެކަމުގެ ޔަގީންކަން ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގައި އެބައޮތްކަމަށް މޫސަ ވިދާޅުވިއެވެ. ބަޖެޓް ފާސްކުރަން ޖެހޭ މުހިންމު ސަބަބުތައް ހާމަކުރައްވާ މޫސަ ވިދާޅުވީ އަންނަ އަހަރަކީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ސަރުކާރުން ކުރިއަށް ގެންދާނެ އަހަރެއް ކަމަށާއި އެހެން އެކަމަށް އެކަށީގެންވާ ބަޖެޓެއް މަޖިލީހުން ފާސްކޮށްދޭން ޖެހޭ ކަމަށެވެ. މޫސަ ވިދާޅުވީ އަންނަ އަހަރަކީ ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތްތައް އިތުރުވެގެންދާނެ އަހަރެއް ކަމަށެވެ.މީގެއިތުރުން އިދިކޮޅު ފަރާތްތަކުން ބޭރު ދުނިޔޭގައި ރާއްޖެ ބަދުނާމު ކުރުމަށް ކުރަމުންދާ މަސައްކަތް ވަގުތުން ހުއްޓާލުމަށް މޫސަ ވަނީ ގޮވާލައްވާފައެވެ. މޫސަ ވިދާޅުވީ އިދިކޮޅު ލީޑަރުން ކަމަށް ބުނާ ބަޔަކު ބޭރު ގައުމުތަކުގެ އިސްވެރިން ގާތަށް ގޮސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، ގައުމީ ދިފާއީ ބާރު ނައްތާލުމަށް އެދެމުންދާކަމަށެވެ. އަދި ރާއްޖޭގައި ހައްދު ފަހަނައަޅާފަތިބި މީހުން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ބޭރުގެ ފަރާތްތަކާ ވާހަކަދައްކާއިރު، އެކަން ނިސްބަތް ކުރަނީ ފަސް ވަގުތު ނަމާދަށް މިސްކިތައް އަރާ މީހުންނަށާއި، ސުންނަތް ޖަމާޢަތަށް އުޅޭ މީހުންނަށް ކަމަށް މޫސަ ވިދާޅުވިއެވެ. މީގެއިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ ބޭރުގެ ފަރާތްތަކާއި ބައްދަލުކުރައްވާ، ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ބުރިޖު އަޅަމުންދާތީ ރާއްޖޭގެ މަސްލަހަތު ވަރަށް ގޯސްވެއްޖެ ކަމަށް ވިދާޅުވެ، ނަޝީދު ވާހަކަދައްކަވަމުންދާ ކަމަށް. ނަމަވެސް ބުރިޖު އަޅާތީ އެއްވެސް ރައްޔިތަކު ކަންބޮޑުވެގެން ނޫޅޭ ކަމަށް މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ ރައީސް ނަޝީދުގެ ފަހަތުގައި މިއަދު ތިބި ބޭފުޅުން ނަޝީދާއެކު ތިއްބެވި ކަމަށް އެމަނިކުފާނު ހީކުރެއްވިނަމަވެސް، އެބޭފުޅުންނަކީ މާދަމާވެސް ވެރިކަމަށް ވަޑައިގަތުމުގެ ނިޔަތުގައި ތިއްބެވި ބޭފުޅުން ކަމަށެވެ. އެހެންކަމުން ނަޝީދު ބޭނުންފުޅުވާ ކަންކަން އެބޭފުޅުންގެ ފަރާތުން ނުވާނެ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ