މުޒާހަރާ ކުރަން ރައްޔިތުން މަގުމައްޗަކަށް ދެން ނުނިކުންނާނެ - ޝިފާޤް

މުޒާހަރާ ކުރުމަށް ރައްޔިތުން މަގުމައްޗަށް ނިކުންނަންފެށީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ނުލިބޭތީ އެ ހޯދުމަށް ކަމަށާއި ނަމަވެސް މިއަދު އެމަންޒަރު ފެންނަމުން ނުދަނީ އެހުރިހާ ޚިދުމަތެއްވެސް ރައްޔިތުންނަށް ލިބި، ހިތްހަމަޖެހިފައިވާތީކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝިފާޤް މުފީދު ވިދާޅުވެއްޖެއެވެ. ކުރިއާއި އަޅާބަލާއިރު، މުޒާހަރާތައް މަދުވެފައިވާކަން ފާހަގަކުރައްވާ ޗެނަލްތާޓީންގެ ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝިފާޤް މުފީދު ވިދާޅުވީ ރާއްޖޭގައި މުޒާހަރާ ކުރާ މިންވަރު މަދުވެފައި މިވަނީ ރައްޔިތުން ބޭނުންވާ ކަންކަން މިސަރުކާރުން ފުއްދައިދީ ރައްޔިތުންނަށް ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ މަގު ކޮށައިދީފައިވާތީކަމަށެވެ. އަދި މިކަންކަން ފެނި އިދިކޮޅު ފަރާތްތަކުން ދައްކާނެ އިތުރު ވާހަކަތަކެއް ނެތުމުންކަމަށް ޝިފާގް ވިދާޅުވިއެވެ.ޝިފާގް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކާއި ދެކޮޅަށް މަގުމައްޗަށް ނިކުމެ އަޑު އުފުލައި މުޒާހަރާކުރަމުންދަޔައީ ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ނުލިބި، އެޚިދުމަތް ހޯދުމަށްކަމަށް. އެހެންނަމަވެސް އެކަންތައްތައް މިހާރު ރައްޔިތުންނަށް ފުއްދެމުންދާތީ، މުޒާހަރާ ކޮށް މަގުމައްޗަށް ނުމުކެ ހަމަނުޖެހުން ހިންގާކަށް އެއްވެސް ރައްޔިތަކު ބޭނުން ނުވާކަމަށް އޭނާ ވިދާޅުވިއެވެ.ދިވެހިރާއްޖެ ތަރައްޤީގެ ދުވެލީގައި ދަތުރު ކުރަމުންދާ ހަލުވިމިނާ، ބާރުމިނަށް މުޅި ދުނިޔެ ހެކި ދޭކަން ފާހަގަ ކުރައްވަމުން ޝިފާޤް ވިދާޅުވީ، ބައިނަލްއަޤްވާމީ މާލީ އިދާރާ ތަކުން ރާއްޖޭގެ އިޤްތިސާދީ ސިޔާސަތު ރަނގަޅުވަމުން އަންނަކަން މިއަދު ފާހަގަކުރަމުންދާކަމަށެވެ.   ދިވެހި ރައްޔިތުންނަށް ބޭނުންވާ އެންމެހާ ކަންކަން ރައީސް ޔާމީނުގެ ސަރުކާރުން ފުއްދަމުންދާއިރު، ފްލެޓް ތަކުގެ އަގު ތިރިވެގެން ގޮސްފައިވަނީ މީގެ 25 އަހަރު ކުރިން މާލޭގެ އަގުތައް ހުރި މިންވަރަށް ކަމަށް ޝިފާގް ފާހަގަކުރެއްވިއެވެ. އަދި ހަހާސް ރުފިޔާގެ ކުއްޔަކާއެކު ތިން ކޮޓަރީގެ އެޕާޓްމަންޓެއް ލިބިގެންދިއުމަކީ ދިވެހިރައްޔިތުން އުފާ ކުރައްވާކަމެއްކަމަށާއި، މިކަމަކީ އެއްވެސް ސަރުކާރަކަށް ކުރެވުނު ކަމެއް ނޫންކަމަށް ޝިފާގް ވިދާޅުވިއެވެ.ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭން ބޭރުގައި ހުންނަވައިގެން ދިވެހި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އަލިއަޅުވާލަމުން ޝިފާޤް ވިދާޅުވީ ބަޔަކު ކިތަންމެ ވަރަކަށް ސަރުކާރުގެ އަގުވައްޓަލާ ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރިނަމަވެސް ދެން އެފަދަ ކަމެއް ކުރުމުގެ ފުރުސަތު ދިވެހިރައްޔިތުން ނުދެއްވާނެކަމަށެވެ. މީގެއިތުރުން ޝިފާޤް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އަބަދުވެސް ރާއްޖޭގެ މިނިވަންކަމުގެ އިތުރުން ވެރިކަމާއި ތޮޅެން މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށެވެ. އެކަން އެހެން ކުރުމަށްވުރެން ދިވެހިރާއްޖޭގެ ކުރިއެރުމާ ލާބަޔަށް މަސައްކަތް ކުރަން ބޭނުންނަމަ، ރާއްޖޭގައި ހުރެގެން ރަނގަޅުގޮތުގައި އެކަން ކުރުމަށް ޝިފާގް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ