މާރާމާރީއަކަށް ބޭނުންކުރެވިދާނެ ކަނޑި ފަދަ ތަކެތި ތައްޔާރުކުރަމުން ދިޔަ ބަޔަކު ފުވައްމުލަކުން އަތުލައިގެންފި

ކަނޑި އާއި އެފަދަ ބައެއް ތޫނު ހަތިޔާރު ތައްޔާރު ކުރަމުން ދިޔަ ބަޔަކު ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން އަތުލައިގެންފި އެވެ.
ކަނޑި ތައްޔާރުކުރަން ތިއްބާ ބުރާސްފަތި ދުވަހުގެ ރޭ އަތުލައިގެންފައި ވަނީ މި ރަށު މެކޯ، އަބްދުﷲ ޝުހާދު، ،19 އާއި ވެލީ، މުހައްމަދު ޝާމިން، ،21 އިތުރުން 18 އަހަރު ނުފުރޭ ދެ ކުދިން ކަމަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ބުންޏެވެ.
މި ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ މި ރަށު ދޫޑިގަމު އަވަށު ޗަސްބިން ސަރަހައްދުގައި ކަނޑި ހެދުމުގެ މަސައްކަތުގައި ތިއްބާ ކަމަށް، ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގެ ސްޓޭޝަން އިންޗާޖް، އަބްދުﷲ ނަސީރު ވިދާޅުވި އެވެ.
"މި މީހުން ހައްޔަރުކުރެވުނީ އާއްމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮފަރޭޝަނެއްގައި މިރޭ [ބުރާސްފަތި ދުވަހުގެ ރޭ] ދިހަގަޑި ބައި އެހާކަންހާއިރު. މި މީހުން ހައްޔަރުކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ފުލުހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައި،" ނަސީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މީހުން ހައްޔަރުކުރި ސަރަހައްދުން ވަނީ ކަނޑި ހެދުމަށްޓަކައި ބުރިކޮށްފައި ހުރި ދަގަނޑާއި މަރުތޭލަ އާއި ހިލަކަރުދާހުގެ އިތުރުން ދަގަނޑު ބުރިބުރި ވެސް ފެނިފައިވާ ކަމަށެވެ. ފުވައްމުލަކުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް މައުލޫމާތު ދެމުން ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ބުނީ ހައްޔަރުކުރި ޝުހާދާއި ޝާމިނަކީ މީގެ ކުރިން ވެސް މާރާމާރީގެ ކުށުގެ ރެކޯޑު އޮތް ދެ މީހުން ކަމަށާއި ޝުހާދަކީ މަސްތުވާތަކެތީގެ މައްސަލާގައި ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ބޭނުންވެގެން ހޯދަމުން ގެންދާ މީހެއް ކަމަށެވެ. އަދި މި މަހުގެ 20 ވަނަ ދުވަހު ދޫޑިގަމު އަވަށުން އަތުލައިގަތް ދަގަނޑު ބުރިތަކާއި ތޫނު ހަތިޔާރާ ވެސް މި މީހުންނާ ގުޅުމެއް ވާކަމަށް ބެލެވޭ ކަމަށެވެ.
ފުވައްމުލަކުގައި މި ދުވަސްވަރު ގުރޫޕު މާރާމާރީތައް ގިނަވުމުގެ ސަބަބުން ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގައި މުޅިއެކު 18 މީހަކު ހައްޔަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ