ޒަކާތު ފައިސާ އިން ފަގީރުންނަށް ބަހާ ފައިސާގެ މިންވަރު މިހާރު ވާނީ އުނިކޮށްފައި: ޑރ. މަޖީދު

ޒަކާތު ފައިސާ އިން ފަގީރުންނަށް ބަހާ މިންވަރު މިހާރު އުނިކޮށް އެ ފައިސާ އިން އެހެން ކަންތައްތަކަށް ހަރަދުކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ދަރުބާރުގޭ ފަންސަވީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި، އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވިދާޅުވީ ޒަކާތު ފައިސާ އިން ވަކިވަކި ފަރުދުންނަށް ފައިސާތަކެއް ދިނުމަށް ވުރެ މުޅި މުޖްތަމައަށް ފައިދާ ހުރި ކަންކަމަށް ހޭދަކުރުން އައުލާކަން ބޮޑުކަމަށް ދީނީ އިލްމުވެރިން ފަތުވާ ވެސް ދެއްވާފައިވާ ކަމަށެވެ.
"ޒަކާތު ފައިސާ އިން ފަގީރުންނާއި މިސްކީނުންނަށް ބަހާ ލާރި މިހާރު ވެސް ބަހާނެ ކޮންމެވެސް ވަރަކަށް. އެހެން ނަމަވެސް އެއިން މި ދެންނެވި ޕަސެންޓް އޮތީ އަޅުގަނޑުމެން އުނިކޮށްފައި އެހެނިހެން ކަންތައްތަކަށް ހޭދަކުރާ ގޮތަށް."
މިނިސްޓަރު ވިދާޅުވީ، ފަގީރުންނަށް ޒަކާތު ފައިސާ އިން ގިނަ ފައިސާތަކެއް ދިނުމުގެ ބަދަލުގައި އިޖްތިމާއީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ ކަމެއްގެ ފައިދާ މުޅި މުޖްތަމައަށް މާ ބޮޑުވާނެ ކަމަށް އިސްލާމީ އިލްމުވެރިން ފަތުވާ ދެއްވާފައިވާ ކަމަށެވެ. އަދި މިހާތަނަށް އެންމެ ގިނައިން ލިބުނު އަހަރު ވެސް ފަގީރަކަށް ލިބިފައިވާނީ 105ރ. ކަމަށާއި އެއީ އަހަރަކަށް ބަލާއިރު އެކަށީގެންވާ މިންވަރެއް ނޫން ކަމަށް ވެސް މިނިސްޓަރު މަޖީދު ވިދާޅުވި އެވެ.
ޑރ. މަޖީދު ވިދާޅުވީ ޒަކާތު ފައިސާ އިން ފަގީރުންނަށް ބަހާ ޕަސެންޓް ކުޑަކުރަން ނިންމާފައިވީ ނަމަވެސް، ފަގީރަކަށް ލިބޭ މިންވަރު އިތުރުކުރުމަށްޓަކައި ފަގީރުންގެ ލިސްޓު ފުރިހަމަކޮށް ޝަރުތު ފުރިހަމަވާ ފަރާތްތަކާއި އެ ނޫން ފަރާތްތައް ވަކިކުރަމުންދާ ކަމަށެވެ. އަދި ރަށްރަށުން ފޮނުވާ ފަގީރުންގެ ލިސްޓުގެ ސައްހަކަން ބޮޑުވި ވަރަކަށް ފަގީރުންގެ އަދަދު މަދުވެގެންދާނެ ކަމަށާއި ފަގީރުންގެ އަދަދު މަދުވާ ވަރަކަށް ފަގީރުންނަށް ލިބޭ މިންވަރު އިތުރުވެގެންދާނެ ކަމަށް ވެސް މަޖީދު ވިދާޅުވި އެވެ.
އެ މިނިސްޓްރީގެ ނާއިބު އައްޝައިޚް މުހައްމަދު ފާރޫގު ވިދާޅުވީ މި އަހަރު ފަގީރުންނަށް ބަހަން ނިންމާފައިވަނީ ޒަކާތު ފަންޑަށް ލިބުނު ފައިސާގެ 40 ޕަސެންޓް ކަމަށާއި އެއީ 5.9 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް އެ ފައިސާ ބެހުމުން ފަގީރަކަށް ޖެހޭ މިންވަރު އެނގޭނީ ފަގީރުންގެ ލިސްޓް ފުރިހަމަކޮށް ނިމުމުން ކަމަށާއި އެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް ވެސް ވިދާޅުވި އެވެ.
ފާރޫގު ވިދާޅުވީ ކުރީގައި ފަގީރުންގެ ގޮތުގައި ބަލާނެ މިންގަނޑެއް ކަނޑައެޅިފައި ނޯންނަ ކަމަށާއި ފަގީރުންގެ ލިސްޓުގައި ނަން ނޯޓުކުރުމުން އެ މީހަކު ފަގީރެއްގެ ގޮތުގައި ހިމެނިގެންދަނީ ކަމަށެވެ. އެ ގޮތުން ބައެއް ރަށްރަށުގެ ކަތީބުންނާއި ގާޒީންނާއި މުދައްރިސުން ވެސް ފަގީރުންގެ ލިސްޓުގައި ހިމެނިފައިވާ ކަމަށް ފާރޫގު ވިދާޅުވި އެވެ.
ނަމަވެސް މިހާރު ކަނޑައަޅާފައިވާ މިންގަނޑުން ބެލުމުން ފަގީރުންގެ ލިސްޓު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށާއި މިހާރު ކަނޑައަޅާފައިވާ މިންގަނޑުން ބަލާނަމަ، މަހުން މަހަށް އާމްދަނީއެއް ނުވަތަ އިނާޔަތެއް ލިބޭ މީހުންނާއި ގައިބާރު ހުރި މަސައްކަތްކުރެވޭ ވަރުގެ މީހުން ފަގީރުންގެ ލިސްޓުގައި ނުހިމެނޭނެ ކަމަށް ވެސް ފާރޫގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މިންގަނޑުން ބެލުމުން ފަގީރުންގެ އަދަދު މިއަހަރު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށާއި އެހެން ވެއްޖެ ނަމަ، ކޮންމެ ފަގީރަކަށް ޒަކާތު ފައިސާ އިން ލިބޭ މިންވަރު ވަރަށް ބޮޑުތައް އިތުރުވެގެންދާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ