އައްޑު އަތޮޅަކީ ޕީޕީއެމްގެ އެންމެ މުހިއްމު މަރުކަޒު - މައުމޫން

ސ.ހިތަދޫން މުޝައްރަފް ހަސަން
އައްޑު އަތޮޅަކީ ހުރިހާ ގޮތަކުން ބަލާއިރު ވެސް ރާއްޖޭގައި އޮތް އެންމެ ފާހަގަކުރެވޭ އެންމެ ކުރި އަރާފައިވާ އަތޮޅު ކަމަށާއި އެއަތޮޅަކީ ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އެންމެ މުހިއްމު މަރުކަޒު ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ސ.ހިތަދޫ ޝަރަފުއްދީން ސްކޫލުގައި މިރޭ ޕީޕީއެމްއިން ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މައުމޫން ވިދާޅުވީ އައްޑު އަތޮޅުގެ އާބާދީއަކީ ވެސް އެހާ ބޮޑު އާބާދީއަކަށްވާއިރު ގައި ރާއްޖޭގައި ހިނގާ ކޮންމެ ސިޔާސީ ހަރަކާތެއްގެ އެންމެ މުހިއްމު މަރުކަޒަށް މިއަތޮޅު ނުވެއެއް ނުދާނެ ކަމަށެވެ.
އައްޑޫއިން ޕީޕީއެމްއަށް އަލަށް ސޮއިކުރި 954 މީހުންނަށް އިޝާރާތްކުރައްވާ ރައީސް މައުމޫން ވިދާޅުވީ މިހާ އަވަހަށް އައްޑު އަތޮޅުގައި ޕީޕީއެމްގެ މެމްބަރުންގެ އަދަދު އިތުރުވަމުންދާކަމީ އެބޭފުޅުން ކުރައްވާނެ އިޙްލާސްތެރި ހިދުމަތް މިހާރު ވެސް ފެންނަ ކަމެއް ކަމަށެވެ.
"އެހެންވީމަ މި އަތޮޅުގައި ވެސް، އެހެން އަތޮޅުތަކުގައިވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ޕީޕީއެމް އާއި ގުޅޭ މެމްބަރުންގެ އަދަދު އިތުރުކުރުމަށްޓަކައި، އެ އަދަދު ދަނީ ވަރަށް ބޮޑުތަން އިތުރުވަމުން، އަޅުގަނޑު ލަފާކުރާ ގޮތުގައި އެ އަދަދު އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް 30،000 އަރައިގެން ދާނެ." ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްއިން ބޭނުންވަނީ މެމްބަރުން އިތުރުކުރަން ކަމަށާއި އެކަން ކުރަނީ 2013 ގެ އިންތިހާބު ޕީޕީއެމްއިން ކާމިޔާބުކުރުމަށްޓަކައި ކަމަށެވެ. އަދި އެ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެމަސައްކަތްތަކުގެ ތެރޭގައި ޕާޓީއަށް މެމްބަރުން އިތުރުކުރުމަކީ މުހިއްމު ކަމެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ރާއްޖޭގެ މިއަދުގެ ހާލާތާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ދިވެހިރާއްޖެ މިވަނީ ވަރަށް ހިތްދަތި ހާލަތަކަށް ވެއްޓިފައި ކަމަށާއި "ހަގީގަތުގައި މިއަދު މިގައުމެއް ނެތް" ކަމަށެވެ. އެހެންކަމުން ޕީޕީއެމްއިން ގައުމު އަނބުރާ ގެންނަން ޖެހޭ ކަމަށާއި ދިވެހި ގައުމުގެ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ އަސާސްތައް މުޅިން މުގުރާލެވިފައިވާތީ އެ އަސާސްތައް އަލުން ގާއިމްކުރަންޖެހޭ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގައި މިހާރު އަމަން އަމާންކަމެއް ނެތް، ސުލްހަ މަސްލަސްކަމެއް ނެތް، ހުރިހާ ތަނެއްގައި ވެސް ހިނގަމުންދަނީ ޖަރީމާތަށް، ލޭ އޮހޮރުވުން، މާރާމާރީ، މީހުން މެރުން،. ހަޅުތާލު ކުރުން، އެކަކު އަނެކަކާއި ދިމާލަށް އެއްޗެތި ކިއުން، ނަފްރަތު ކުރުން، މިހެން ގޮސް ދަންނަވާފަ ނުދަންނަވާނެ ވާހަކައެއް ނެތް، މިއީކީ ދިވެހިރާއްޖެއެއް ނޫން، މިއީކީ އަޅުގަނޑުމެން ދަންނަ ގައުމެ ނޫން، އަޅުގަނޑުމެން ދަންނަ ގައުމު މިހާރަކު ނެތޭ މިދަންނަވަނީ އެހެންވީމަ." މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ސައްތައިން ސައްތަ މުސްލިމުންނަށް ދިވެހިން ވީއިރު އިސްލާމްދީން ގަބޫލުނުކުރާ އެތައް ސަތޭކަ ބަޔަކު ރާއްޖޭގައި އުޅެމުންދާ ކަމުގެ އަޑުއިވެމުންދާ ކަމަށާއި އެއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ. ފިކުރީ ގޮތުން ބެލި ނަމަވެސް ރައްޔިތިންގެ ވިސްނުމާއި ފިކުރު ބަޔަކު މީހުން ބަދަލުކުރަމުންދާ ކަމަށާއި ރައްޔިތުން ދީނީ ގޮތުން ރަނގަޅަށް އުޅޭ ބަޔަކަށްވާތީ ރައްޔިތުންނަށް ދަސްކޮށްދެމުން މިދަނީ އިސްލާމް ދީނަށް ނަފްރަތުން ކުރަން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ފެބްރުއަރީ 8 ވަނަ ދުވަހު އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަންތަކާއި ކޯޓުތަކުގެ އިތުރުން ފުލުހުންގެ ވެހިކަލްތައް އަންދާލި އަންދާލުމާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން މައުމޫން ވިދާޅުވީ އަލިފާނުގެ ހާދިސާތައް ހިންގާފައިވާ ތަންތަން ބައްލަވާލައްވަން ވަޑައިގަތުމުން ލޮލުން ފެންކަޅިވެ ވަޑައިގެން ކަމަށެވެ.
"އަޅުގަނޑުގެ ލޮލުން ވެސް ފެންކަޅިވި، އެއީ ކީއްވެތޯ، އެއީކީ ވަކި ބަޔަކު ބޭނުން ކުރަން ގަނެފައި ހުރި އެއްޗެއް ނޫން، އެއީކީ ވަކި ބައެއްގެ މިލްކެއް ނޫން، އެއީ ރައްޔިތުންގެ މިލްކެއް، އެތައް ޒަމާނެއް ވަންދެން، ދިވެހި ރައްޔިތުން ލޭ އޮހޮރުވައިގެން ކުރި މަސައްކަތުން ލިބުނު ފައިސާއިން ހޯދާފައިވާ ތަކެތި، އެންމެ 45 މިނެޓު ތެރޭގައި އެތަކެތި އަންދާ ހުލިކޮށްލާފަ، ނެތި ކޮށްލާފަ، މިއީކީ އަޅުގަނޑުމެން އެއްގޮތަކަށްވެސް ހަދާން ނެތިގެން ދާނެ ކަމެއް ނޫން." ރައީސް މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމް އިން އައްޑޫގައި ބޭއްވި ޖަލްސާގައި އެޕާޓީ އަށް ތާއީދުކުރާ ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ