ޖަމީލް ވަކިކުރި ސަބަބާއި ގުޅިގެން ރައީސް އޮފީހުން ބުނީ ހަމަޖެހޭ ވާހަކައެއް ނޫން: މައުމޫން

ކެބިނެޓަށް ވަޒީރުން އައްޔަން ކުރުމާއި ވަކި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް އޮންނަ އިޚްތިޔާރެއް ކަމަށާއި، ނަމަވެސް ހޯމް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް ޑރ. މުހައްމަދު ޖަމީލު އަހްމަދު އެ މަގާމުން ވަކިކޮށް އެކަމާއި ގުޅިގެން ރައީސް އޮފީހުން ނެރުއްވި ބަޔާނަކީ ހަމަޖެހޭ ބަޔާނެއް ނޫން ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ އަށް ކުރެއްވި ހަތަރު ދުވަހުގެ ކެމްޕެއިން ދަތުރު ނިންމަވާ ލެއްވުމަށްފަހު މާލެ ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މައުމޫން ވިދާޅުވީ ރައީސް ވަހީދު އަށް ފެނިލައްވާ ގޮތަކަށް ވަޒީރުން އައްޔަން ކުރައްވާ އަދި ވަކި ކުރެއްވުމަކުން އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ނަމަވެސް ޑރ. ޖަމީލު ވަކިކުރެއްވި މައްސަލައިގައި ހަމަނުޖެހޭ ކަންތައް ތަކެއް އެބަހުރި ކަމަށެވެ.
މައުމޫން ވިދާޅުވީ ކެބިނެޓްގައި ތިއްބަވާ ބޭފުޅުންނަކީ ސަރުކާރު ހިންގުމަށާއި އަދި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އެކި ޕާޓީ ތަކުން ވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށް ވާއިރު އެ ބޭފުޅުންނަކީ ވަކި މީހަކު ރައީސް ކަމަށް ކުރިމަތި ލެއްވުމުން އެ ބޭފުޅަކަށް ތާއީދު ކުރުމަށް ހެދިފައި އޮތް ކޯލިޝަނެއްގެ ތެރެއިން ވަޑައިގެން ތިއްބަވާ ބޭފުޅުންނެއް ނޫން ކަމަށެވެ.
"ރައީސުލް ޖުމްހޫރިއްޔާއަށް ފެނި ވަޑައިގަންނަވާ ގޮތަކަށް ވަޒީރުން އައްޔަން ކުރައްވާ ވަކި ކުރެއްވުމަކީ މައްސަލައެއް ނޫން. އެކަމަކު އަޅުގަނޑުމެންނަށް މި ކަމުގައި ޖަމީލު ވަކިކުރެއްވި ސަބަބާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބޭފުޅަކު އެ އިއްވެވި ބަޔާނުގައި އެބަހުރި ގަބޫލު ނުކުރެވޭ ކަންތައް ތަކެއް. އަޅުގަނޑު ދެކޭ ގޮތުގައި އެ ބަޔާނަކީ ހަމަޖެހޭ ބަޔާނެއް ނޫން،" މައުމޫން ވިދާޅުވިއެވެ.
ޑރ. ޖަމީލު ޕީޕީއެމްގެ ރަނިންގް މޭޓަކަށް ވަޑައިގެންނެވިކަން އިއުލާން ކުރުމުގެ ކުރިން ރައީސް އޮފީހުން ވަނީ ޑރ. ޖަމީލާ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އަދި ރައީސް ވަހީދު ވެސް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިރު، ރައިވަލް ކެންޑިޑޭޓްގެ ރަނިންމޭޓް ކެބިނެޓްގެ އެއް ފަރާތުގައި އިންނަވައިގެން މަސައްކަތް ކުރެއްވުމަކީ މަސްލަހަތު ތަންދޭ ކަމެއް ނޫން ކަމަށް ބުނެ ރައީސް އޮފީހުން ވަނީ ބަޔާނެއް ނެރެފަ އެވެ.
މައުމޫން ވިދާޅުވީ ޑރ. ޖަމީލު އަކީ ގިނަ ރައްޔިތުން ތަކެއް ގަބޫލު ކުރާ ފެންވަރަށް މަތީތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ވަރަށް ގާބިލް ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ސަރުކާރު ހިންގުމުގެ ދާއިރާގައިވެސް ވަރަށް ގިނަ ތަޖުރިބާ ތަކެއް ހާސިލު ކުރައްވައިގެން ހުންނެވި ވަރަށް ހުނަރުވެރި، ހިކުމަތްތެރި ބޭފުޅެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ވަޒީރު ކަމުން ވަކި ކުރުމާއި ގުޅިގެން ޑރ. ޖަމީލު ވިދާޅުވެފައިވަނީ އެ މަގާމުން ވަކި ކުރެއްވީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު ޕީޕީއެމް ކާމިޔާބު ކުރާނެކަން އެނގިވަޑައިގަންނަވާތީ ޕީޕީއެމް އަށް ދެރައެއް ދިނުމުގެ ބޭނުންމުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ