އާތު އަވާ ފާހަގަ ކުރުމުގެ ގޮތުން މިއަދު ހަވީރު ހިނގާލުމެއް ބާއްވަނީ

މިއަހަރުގެ އާތު އަވާ ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން މިއަދު ހަވީރު މާލޭގެ މަގުތަކުގައި ހާއްސަ ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.
ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާމެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން 2007 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ފެންވަރުގައި ހިންގާ ކެމްޕޭނުގައި ބައިވެރި ވުމުގެ ގޮތުން ދުނިޔޭގެ ސްކައުޓް ޖަމިއްޔާއާ ގުޅިގެން ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނުން ހިންގާ ހަރަކާތްތަކުގެ ބައެއްގެ ގޮތުގައި ބާއްވާ ހިނގާލުން ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:00ގައި މާފަންނު ލައިސަންސް ނަގާ ސަރަހައްދު (މާލެ/ވިލިގިލި ފެރީޓާމިނަލް) އިން ނެވެ. އަދި ހިނގާލުން ކުރިއަށް ގެންދާނީ ބޮޑުތަކުރުފާނު މަގުންލާފައި ގޮސް ސޯޝަލް ސެންޓަރުގެ ކައިރިން މަޖީދީމަގުން ގޮސް އާޓިފިޝަލްބީޗުގެ ކައިރިން ރާޅުގަނޑު ސަރަހައްދަށެވެ.
އާތުއަވާ ފާހަގަކުރުމުގެ ގޮތުން ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހިންގަން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި މިއަދު ހަވީރު ބާއްވާ ހިނގާލުމުގެ އިތުރުން މިރޭ 8:00ން ފެށިގެން 12:00އަށް ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ބޮޑުބެރު ޝޯއެއް އޮންނާނޭ ކަމަށްވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. އަދި ވިލިމާލޭގައި އެ ގަޑިތަކުގައި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ