އަބުދުﷲގެ މަރުގެ ފުރިހަމަ ތަހުގީގަށް ރައީސް މައުމޫން ގޮވާލައްވައިފި

2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ބޭއްވި މޭޑޭގެ އެއްވުމުގެ ތެރެއިން ހައްޔަރުކޮށް ދައުވާ އުފުލައި ހުކުމެއް އިއްވުމުން ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގަލޮޅު ކީމަ އަބުދުﷲ ރަޝީދުގެ މަރުގެ ފުރިހަމަ ތަހުގީގަކަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސް މައުމޫން މިކަމަށް ގޮވާލެއްވީ 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އެއްވުމުގައި ބައިވެރިވެގެން ޖަލަށް ލުމަށް ހުކުމްކޮށްފައި ހުރި އަބްދުﷲ ރަޝީދު އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހާލު ގޯސްވެގެން މަރުވުމާއި ގުޅިގެން އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ޖަލުގައި ހުކުމް ތަންފީޒްކުރަމުން ދަނިކޮށް ކުއްލިގޮތަކަށް ސިއްހީ ގިނަ މައްސަލަތަކެއް ދިމާވެ އަބުދުﷲ މަރުވެފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އަދި އަބުދުﷲ ރަޝީދުގެ މަރުގެ ފުރިހަމަ ތަހުގީގަކަށް މައުމޫން ވަނީ ގޮވާލައްވާފައެވެ.
އަބްދުﷲގެ އުމުރުން 51 އަހަރުގައި އޭނާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.
އަބްދުﷲގެ މަރާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވަކި އެއްޗެއް ހާމަކޮށްފައިނުވާއިރު، އަބްދުﷲ މަރުވީ އޭނާއަށް ފަރުވާ ލިބުން ލަސްވެގެން ކަރެކްޝަންސްގެ އިހްމާލުންކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.
އަބުދުﷲގެ މަރާއިއެކު ގިނަ ސުވާލުތަކެއް އުފައްދަމުން ގެންދާއިރު، އަބްދުﷲ ރަޝީދުގެ މަރުގެ ތަހުގީގެއް ބައިނަލް އަގްވާމީ ފަރާތްތައް ބައިވެރިކޮށްގެން ކުރުމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީންވެސް ވަނީ ގޮވާލާފައެވެ.
އަބުދުﷲގެ މަރާއި ގުޅިގެން އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަބްދުﷲ ރަޝީދު ހައްޔަރުކުރެވުނު އިރު އޭނާއަކީ އެއްވެސް ބައްޔަކަށް ބޭސްކުރަމުން އައި މީހެއްނޫންކަމަށާ ރެކްޝަނުން އަޅާލީ އޭނާ ބަންދުކޮށްފައި ހުރި ގޮޅިއަށް އަނބުރައިގަނެގެން ވެއްޓި ގޮޅީގައި ބަންދުކޮށްފައި ތިބި އެހެން މީހުން އަޑުގަދަ ކުރާންފެށުން ކަމުގައިކަމަށް އާއިލާއިން މައުލޫމާތު ލިބިފައިވާކަމަށެވެ.
ވީނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުﷲ ރަޝީދަކީ މާލޭ މީހެއް ނަމަވެސް އޭނާ ޖަލަށް ލުމާ ހަމައަށް ދިރިއުޅެމުން ދިޔައީ ބ. ދަރަވަންދޫ މީހަކާ ކައިވެނިކޮށްގެން އެރަށުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ