ސްކޯލާޝިޕްތަކަކާއެކު އެމްއޭއެމް ބިޒްނަސް ސްކޫލް އިފުތިތާހުކޮށްފި

މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް (އެމްއޭއެމް) ބިޒްނަސް ސްކޫލް އިފުތިތާހުކޮށްފިއެވެ.
އާޓް ގެލަރީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ސްކޫލް އިފުތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ.އަބްދުﷲ ނަޒީރެވެ.
މިރަސްމިއްޔާތުގައި ޑރ. ނަޒީރު ވިދާޅުވީ މީގެ 10 ވަރަކަށް އަހަރު ކުރިއަށްބަލާއިރު، މަތީ ތައުލީމަށް ކިޔަވާ ކުދިންގެ ނިސްބަތަކީ އެންމެ 6 ޕަސެންޓު ކަމަށާއި މަތީ ތައުލީމު ފޯރުކޮށްދޭ މާގިނަ މުއައްސަސާތަކެއް ނެތް ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި ތައުލީމީ ދާއިރާއަށް ގެނެވުނު ބޮޑެތި ތަރައްގީގެ ސަބަބުން މިއަދު 2 ޔުނިވާސިޓީއާއި، 9 ކޮލެޖާއި، މަތީ ތައުލީމު ފޯރުކޮށްދޭ 66 އަށްވުރެ ގިނަ މަރުކަޒު ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ. އަދި އެތަންތަނުން ޖުމްލަ 15 ވަރަކަށް ހާސް ކުދިން ކިޔަވަމުންދާ ކަމަށް ވިދާޅުވިއެވެ.
ނަޒީރު ވިދާޅުވީ މަތީ ތައުލީމުގެ މާސްޓާ ޕްލޭނެއް ދާދި ފަހުން ސަރުކާރުން ނެރެފައިވާ ކަމަށާއި ކުރިއަށް އޮތް 5 އަހަރަށް އަމާޒުކޮށް އެކުލަވައިލާފައިވާ އެ ޕްލޭނުގެ ސަބަބުން މަތީ ތައުލީމު ފުޅާކޮށް، މުއައްސަސާތަކުގެ ގާބިލްކަން އިތުރުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ. އެ ޕްލޭން ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ޕްރައިވެޓް ސެކްޓަރުގެ އެއްބާރުލުމާއެކު މަތީ ތައުލީމުގެ ދާއިރާ ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.
"ވަރަށް އަވަހަށް މާސްޓާ ޕްލޭނުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި އަމިއްލަ ކޮލެޖުތަކާއި ސެންޓަރުތަކާއެކު ތަފާތު ޕްރޮގްރާމްތައް ފަށާނެ. ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާން ކުރައްވާފައި މިހާރު ރާއްޖޭގައި ހިންގާ ލޯނު ސްކީމާއި ސްކޯލާޝިޕްގެ އިތުރަށް 2018 ވަނަ އަހަރު ރާއްޖޭގެ އެކި ސެކްޓަރުތަކަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމަށްޓަކައި ވަކިން ޚާއްސަ ޕްރޮގްރާމެއް ފަށާނެކަން. އެ މަސައްކަތް މިދަނީ ކުރަމުން. ވަރަށް އަވަހަށް އެކޯސްތައް އިއުލާން ކުރާނެ. މިހުރިހާ ސްކޯލާޝިޕެއް އަމާޒުވެފައިވަނީ ރާއްޖޭގައި ހުރި ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި މަރުކަޒުތަކަށް" ޑރ.ނަޒީރު ވިދާޅުވިއެވެ.
ޑރ.ނަޒީރު ވިދާޅުވީ 2022 ވަނަ އަހަރު އަންނައިރު މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންގެ އަދަދު 22،000 އަށް އިތުރުކުރުމަކީ މަތީ ތައުލީމުގެ މާސްޓާ ޕްލޭނުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެގޮތުން މަތީ ތައުލީމު ފޯރުކޮށްދޭ އަމިއްލަ މުއައްސަސާތައް ބާރުވެރިކޮށް، އެތަންތަނުގެ ގާބިލްކަން އިތުރުކޮށް، ދަރިވަރުންނަށް ފެންވަރު ރަގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެމްއޭއެމް ބިޒްނަސް ސްކޫލުން ވިޔަފާރިތަކަށް ބޭނުންވާ ކޯސްތައް ފަރުމާކޮށް، ޚާއްސަކޮށް އިސްމިކް ފައިނޭންސްގެ ޕްރޮގްރާމްތައް ފެށުމަށް ނިންމުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށް ވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި އެމްއޭއެމްގެ ރަޖިސްޓްރާ ޝަހުމާ އަބްދުއްރަހުމާން ވިދާޅުވީ މި ސްކޫލުން މަތީ ތައުލީމު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ތަފާތު ގޮތަކަށް އަދި ޒަމާނީ ވިސްނުންތަކާއެކު ކަމަށެވެ. މިގޮތުން ގައުމަށް ބޭނުންތެރި 6 ދާއިރާއަކުން މިވަގުތު ޕްރޮގްރާމްތައް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
އެމްއޭއެމް ބިޒްނަސް ސްކޫލުން ފަށަން ނިންމާފައިވާ ކޯސްތަކަކީ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ސެޓްފިކެޓު 3 އާއި 4 އަދި ޑިޕްލޮމާ، ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ސެޓްފިކެޓު 3 އާއި 4 އަދި ޑިޕްލޮމާ، އެޑިއުކޭޝަން ދާއިރާއިން އާލީ ޗައިލްޑްހޫޑްގެ ސެޓްފިކެޓު 3 އާއި 4 އަދި ޑިޕްލޮމާ، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ސެޓްފިކެޓު 3 އާއި 4 އަދި ޑިޕްލޮމާ، ޓްރެވަލް އެންޑް ޓޫރިޒަމް މެނޭޖްމަންޓުގެ ދާއިރާއިން ސެޓްފިކެޓް 4 އާއި ޑިޕްލޮމާއެވެ. އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ވެސް ޚާއްސަ ކޯހެއް ފެށުމަށް ވަނީ ނިންމާފައެވެ.
"އެންމެ ޚާއްސަ ޕްރޮގްރާމަކަށް އަޅުގަނޑުމެން ހިންގަން ގަސްދުކުރަނީ އިސްލާމިކް ބޭންކިން އެންޑް ފައިނޭންސްގެ ދާއިރާއިން. އިސްލާމިކް ފައިނޭންސްގެ ދާއިރާ ފުޅާވަމުންއައި ހަލުވިކަމާއެކު މީގެ މުހިންމުކަން ވަރަށް ބޮޑު. މި ޕްރޮގްރާމަކީ ސައުތު އޭޝިއަން އިންސްޓިޓިއުޓް ފޯ އިސްލާމިކް ފައިނޭންސުން ފަރުމާކޮށްފައިވާ، މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސްގެ ޕްރޮގްރާމެއް" ޝަހުމާ ވިދާޅުވިއެވެ.
މިދާއިރާއިން ހިންގަން ނިންމާފައިވަނީ ޑިޕްލޮމާ ފެންވަރުގެ ކޯހެކެވެ. ޝަހުމާ ވިދާޅުވީ ސެޓްފިކެޓު ލެވެލް 3 ގެ ކޯސްތަކަކީ 5މަސް ދުވަހުގެ ކޯސްތަކެއް ކަމަށާއި ސެޓްފިކެޓު ލެވެލް 4 އާއި ޑިޕްލޮމާ ކޯސްތަކުގެ މުއްދަތަކީ އެއް އަހަރު ކަމަށެވެ.
ޝަހުމާ ވިދާޅުވީ މި ކޯސްތަކުގެ ލެވެލް 6 އާއި އެހެނިހެން ޕްރޮގްރާމްތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި މިރޭ އިފުތިތާހު ކުރެވުނު ކޯސްތައް އޮކްޓޫބަރު މަހު ފަށާނެ ކަމަށާއި ކޯހަށް ކުރިމަތިލުމަށް މިހާރު ހުޅުވާލާފައިވާ ކަމަށް ވެސް ޝަހުމާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އެމްއޭއެމްގެ ސީއީއޯ ކެޕްޓަން އާދިލް ރަޝީދު ވިދާޅުވީ މަތީ ތައުލީމަށް ބޭނުންވާ ޒަމާނީ ވަސީލްތަކާއެކު ތައާރަފުކުރެވުނު މި ސްކޫލް ގާއިމުކޮށްފައިވަނީ މާލޭގެ މުހިންމު މަގެއް ކަަމަށްވާ އޯކިޑްމަގުގައި ކަމުން އެވެސް ލިބޭނެ ފަސޭހައެއް ކަމަށެވެ. ސްކޫލުގެ އަމާޒަކީ ހެޔޮއަގުގައި އޮއްޓަރުހުރި ތައުލީމު ފޯރުކޮށްދިނުން ކަމަށާއި މި ސްކޫލުން ހިންގާ ކޯސްތަކަކީ ހުރިހާ މާނައެއްގައިވެސް ރާއްޖެއަށް މަންފާ ކުރަނިވި ޕްރޮގްރާމްތަކަކަށް ވާނެ ކަމަށް އޭނަ ވިދާޅުވިއެވެ.
"އެމްއޭއެމް ބިޒްނަސް ސްކޫލުގެ ފަރާތުން އަހަރަކު ފަސް ސްކޯލާޝިޕް ފްރީކޮށް ހުޅުވާލާ ވާހަކަ ވަރަށް އުފަލާއެކު ދަންނަވަން" ކެޕްޓަން އާދިލް މިރޭގެ ރަސްމިއްޔާތުގައި އިއުލާންކުރެއްވިއެވެ.
ކެޕްޓަން އާދިލް ވިދާޅުވީ ވޭތުވެދިޔަ 7 އަހަރު މެރިޓައިމް އެކަޑަމީން މަސައްކަތް ކުރަމުންއައި ގޮތަށް އެމްއޭއެމް ބިޒްނަސް ސްކޫލުން ވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
އެމްއޭއެމްގެ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވަނީ ދަރިވަރުންނަށް ދައްޗެއްނެތި ކްލާސްތަަކަށް އާދެވޭ ގޮތަށް ކަމަށާއި ކިޔަވައިދިނުމުގެ ފެންވަރު ރަގަޅުކުރުމަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށް އެމްއޭއެމް ބިޒްނަސް ސްކޫލުން ބުނެއެވެ. ރާއްޖެއަށް މިއަދު އެންމެ މުހިންމީ ތަރުބަވީ ތައުލީމު ކަމުން މި ސްކޫލް ވާނީ އެ އުސޫލުން ތައުލީމު ފޯރުކޮށްދޭ މުއައްސަސާއަކަށް ކަމަށް ވެސް މި ސްކޫލުން ބުނެއެވެ.
މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްއަކީ ކަނޑުދަތުރުފަތުރުގެ ދާއިރާގައި އުޅޭ މީހުން ތަމްރީނު ކުރުމަށް 2010 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު އަމިއްލަ ފަރާތަކުން ރާއްޖޭގައި އުފެއްދި ފުރަތަމަ މެރިޓައިމް ސްކޫލުގެ ގޮތުގައި ވުޖޫދުވި މުއައްސަސާއެކެވެ. މިހާތަނަށް ތަފާތު 6 ކޯހެއްގައި 6141 ދަރިވަރުން ބައިވެރިވެ، 6044 ދަރިވަރުން ވަނީ މި އެކަޑަމީން ދަސްވެނިވެފައެވެ. މިރޭ އިފުތިތާހުކުރި އެމްއޭއެމް ބިޒްނަސް ސްކޫލުގެ ކޯސްތަކަކީ މެރިޓައިމް އެކަޑަމީން ހިންގާ ކޯސްތަކުގެ ބޭރުން ހިންގަން ހަމަޖެހިފައިވާ ކޯސްތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ