މިއަދުގެ ހުތުބާއަކީ ހާލަތާއި ގުޅޭ ހުތުބާއެއް: ރައީސް މައުމޫން

ރިޝްވަތާއި ނާޖާއިޒު ފައިދާއާއި ޚިޔާނާތުގެ އަމަލުތަކުގެ ސަބަބުން ގައުމުގެ ކުރިއެރުމާއި ތަރައްގީ ހުއްޓިދާނެކަމަށް ބުނެ މިއަދު މުޅި ރާއްޖޭގައި އިއްވި ހުކުރު ހުތުބާއަކީ ވަަރަށް ރަނގަޅު ފިލާވަޅެއް ލިބިގެންދިޔަ މިއަދުގެ ހާލަތާއި ގުޅޭ ހުތުބާއެއްކަމަށް ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މިއަދުގެ ހުކުރު ހުތުބާއާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ މިއަދުގެ ހުތުބާއަކީ ހާލަތާއި ވަރަށް ގުޅޭ ހުތުބާއެއްކަަމަށެވެ. އަދި ކޮރަޕްޝަނާއި ފަސާދައާއި ގުޅޭގޮތުން މިއަދު މުޅި ރާއްޖޭގައި އިއްވި ހުތުބާއަކީ ވަަރަށް ރަނގަޅު ފިލާވަޅެއް ލިބިގެންދާނެ ހުތުބާއެއްކަަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވަނީ އެމަނިކްފާނު ކުރައްވާފައިވާ ޓްވީޓްގައި ހުތުބާ ލިޔުއްވި ލިޔުންތެރިއާއަށް މަރުހަބާ ވިދާޅުވެފައެވެ.
ރިޝްވަތަކީ ތަރައްގީއަށް އޮތް ހުރަހެއް މި މައުޟޫއުގެ މައްޗަށް ތައްޔާރުކޮށްފައިވާ ހުކުރު ޚުތުބާގައި ބުނެފައިވަނީ ރިޝްވަތާއި ނާޖާއިޒު ފައިދާއާއި ޚިޔާނާތުގެ އަމަލުތައް މުޖުތަމައުގައި ގިނަވެ، އެކަންކަމަކީ ވަރަށް އާދައިގެ ކަންކަން ކަމުގައި ދުށުމަކީ ގައުމުގެ މުސްތަގުބަލާއި ދަރިންގެ ކުރިއެރުމާއި ތަރައްގީ، އަރައިނުގަނެވޭ ފަދަ ފުން ވަޅުގަނޑަކަށް ވެއްޓިދާނެ ކަންކަން ކަމަށެވެ.
ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން ނުރައްކާތެރިކަން ފިލުވައިލަން އެންމެ އުނދަގޫ އެއްވަބާއަކީ ރިޝްވަތާއި ކޮރަޕްޝަނުގެ އަމަލުތައް ކަމަށާއި ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ދުނިޔޭގެ ވަރަށް ގިނަ މުޖުތަމައުތަކުގައި ވަނީ ކޮރަޕްޝަނުގެ އަމަލުތައް އާންމުވެފައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
އަދި ބައެއް މުޖުތަމައުތަކުގައި ކޮންމެވެސް މިންވަރެއްގެ ކަމިޝަނެއް ނެތި އެއްވެސް ކަމެއް ނުކުރެވޭ ކަމަށާއި ރިޝްވަތުގެ ސަބަބުން މުޖުތަމައުގެ އަމަންއަމާންކަމާއި ހަމަހަމަކަން ގެއްލި، އެތައް ބަޔަކަށް ލިބެންޖެހޭ ހައްގުތައް ނުލިބި، އެތައް ބަޔަަކަށް ނުހައްގުން އެތަކެއް އެއްޗެއް ލިބެމުންދާ ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
"އެތައް ބައެއްގެ ކަންތައްތައް އެތައް ދުވަހަކަށް ލަސްވެގެންދާއިރު އަނެއް ބައެއްގެ ކަންތައްތައް ދުވަހުން ދުވަހަށް ނިމިގެންދެއެވެ. މިހުރިހާ ކަންކަމަކީ ވެސް ގައުމާއި މުޖުތަމައު ހަލާކުގެ ތެރެއަށް ވެއްޓިގެން ދިއުމަށް މެދުވެރިވާ ކަންކަމެވެ. ގައުމުގެ ތަރައްގީގެ ދުވެލި މަޑުޖެހި ކުރިއެރުމަށް ހުރަސްއެޅޭ ކަންކަމެވެ" ޚުތުބާގައި ބުނެފައިވެއެވެ.
ހުކުރު ޚުތުބާގައި ވަނީ ކޮންމެ މީހަކުވެސް އެމީހަކާ ހަވާލުކުރެވިފައިވާ ކަމެއްގައި ތެދުވެރިވެ އަމާނާތްތެރިވުމަކީ އިސްލާމްދީނުގައި ވާޖިބު ކުރައްވާފައިވާ ކަމެއް ކަމަށެވެ.
ތިމާއަށް ހައްގުނޫން ކަމެއް ނުވަތަ ހައްގުނޫން އެއްޗެއް ލިބިގަތުމަށް ނުވަތަ ތިމާ ކަމަކުން ބަރިއަވެ ސަލާމަތްވެގަތުމަށް ފައިސާ ނުވަތަ އެނޫންވެސް އެއްޗެއް މީހަކަށް ނުވަތަ ބަޔަކަށް ދިނުމާއި، ގަވާއިދާ ޚިލާފަށް ކަންކަން ނިންމުމަށް ނުވަތަ ކުރުމަށް ދޭ ފައިސާއާއި ތަކެއްޗާއި ކެއުމާއި ސައި ވެސް ހިމެނިގެންދަނީ ރިޝްވަތުގެ ތެރޭގައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
"ހަމައެފަދައިން ތިމާގެ ނުފޫޒު ބޭނުންކޮށްގެން ނުހައްގުން ހޯދާ ނުވަތަ ހޯދައިދޭ މަންފާތަކާއި ރައްޔިތުންނަށް ނުވަތަ ދައުލަަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމަކީ ވެސް ކޮރަޕްޝަނެވެ. މީގެ އިތުރަށް އަމިއްލަ ފައިދާ ލިބޭގޮތަށް ނުވަތަ އެހެން ފަރާތަކަށް ހުއްދަނޫން މަންފާއެއް ލިބޭގޮތަށް ސަރުކާރުގެ ތަކެތި ބޭނުންކުރުމާއި، ސަރުކާރަށް ތަކެތި ހޯދުމާއި، ސަރުކާރުގެ މަސައްކަތްތައް ހަވާލުކުރުމާއި، ތިމާގެ ބެލުމުގެ ދަށުގައިވާ އެހެން ފަރާތެއްގެ އެއްޗެއް އޭގެ ވެރިފަރާތުގެ އިޒުނައާ ނުލައި ބޭނުންކުރުމަކީ މަކަރާއި ހީލަތުގެ ވެސް އަމަލެކެވެ" ޚުތުބާގައި ވެއެވެ.
ޚުތުބާގައި ބުނެފައިވަނީ ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމާއި ކަންކަމުގައި ނާޖާއިޒު ފައިދާ ހޯދުމާއި، ޚިޔާނާތްތެރިވުމާއި، މަކަރާއި ހީލަތް ހެދުމަކީ އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭ ހިމެނޭ ކަންކަން ކަމަށެވެ.
ރިޝްވަތުގެ ސަބަބުން ނުވަތަ މަކަރާއި ހީލަތުގެ ސަބަބުން ތިމާމެންނަށް ވަގުތީ ހައްލެއް ނުވަތަ ވަގުތީ އުފަލެއް ލިބުނު ނަމަވެސް، ރިޝްވަތު ދޭ މީހުންނާއި، ރިޝްވަތު ހިފާ މީހުންނާއި، ރިޝްވަތު ދިނުމުގައި މެދުވެރިއަކަށް ވާ މީހުން، ތިމާމެންނަށް ފަހުން ލިބޭ ގެއްލުމާއި ހަލާކު ބޮޑުކަން ވިސްނާލަންޖެހޭކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
"ތިމާމެންގެ އިތުރަށް ތިމާމެންގެ އަނބިދަރިން ނަރަކައަށް އެއްލައިލަނީ ތިމާމެންގެ އަތުންނެވެ. ހަރާމް ތަކެތި އަނބިދަރިންނަށް ކާންދިނުމަކީ ތިމާމެންގެ ދަރިން ބަސްނޭހުމާއި، ވިޔާނުދާ އަމަލުތައް ކުރުމަށާއި، ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހިވާނެ ކަމެކެވެ. އަނބިދަރިން ދެކެ ހަގީގީ ލޯބިވާ އެއްވެސް މީހަކު އެފަދަ ކަމެއް ކުރާނެތޯއެވެ. އެއީ ތިމާ އެބަޔަކު ދެކެ އެންމެ ލޯބިވާ، ތިމާއަށް އެންމެ ހެޔޮއެދޭ މީހުންނެވެ. އެހެންނަމަވެސް ދުނިޔޭގެ ވަގުތީ އުފަލާއި އަރާމު ހޯދުމަށްޓަކައި އެމީހުންވެސް ހަލާކުގެ ތެރެއަށް އެއްލައިލަނީ އެއްވެސް ފިކުރެއް ވިސްނުމެއް ނެތިއެވެ" ޚުތުބާގައި ބުނެފައިވެއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ރިޝްވަތަކީ ކޮބައިކަމާއި ރިޝްވަތުގެ ސަބަބުން ހުރި ދުނިޔަވީ ގެއްލުމާއި ރިޝްވަތު ދޭ މީހުންނާއި ރިޝްވަތު ހިފާ މީހުންނަށް ހުރި އަޒާބުގެ ވާހަކަ ތަފުސީލްކޮށް ބަޔާންކޮށްފައެވެ.
ތިމާގެ އަމިއްލަ ނަފުސާއި ތިމާގެ ބާރުފޯރާ އެންމެން އަދި ތިމާގެ ބަސްއަހާ އެންމެނަށް މިނުބައި ވަބާއިން ރައްކާތެރިވުމަށް ކޮންމެ މީހަކުވެސް ނަސޭހަތްތެރިވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ